މަރުވެފައިވާ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް އުފަންދުވަހުގެ ތަހުނިޔާ

ލޯބިވާ އަނބިމީހާ ޒުވާން އުމުރުގައި ވަކިވުމަކީ ބޮޑު ހިތްދަތިކަމެކެވެ. އިނގިރޭސިވިލާތުގެ މީހެއް ކަމަށްވާ ކްރިސް ޕޮއިންޓޮން، 41، އަށް މި ހިތްދަތި ހަނދާންތައް ތަފާތުވަނީ އޭނާގެ ކޮންމެ އުފަންދުވަހަކު ވެސް، މަރުވެފައިވާ އަނބިމީހާގެ ފަރާތުން އުފަން ދުވަހުގެ ތަހުނިޔާ ލިބޭތީ އެވެ.


ކްރިސްގެ އަންހެނުން، ޑރ. ކޭޓް ކްރޭންޖާ، 34، އަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2011 ވަނަ އަހަރު އެވެ. ބައްޔަށް ފަރުވާ ހޯދަމުން ގޮސް، 2015 ގައި އޭނާ ވަނީ ފަރުވާ ހުއްޓާލައިފަ އެވެ. ބޭނުންވީ ދުނިޔޭގައި ހޭދަކޮށްލަން ލިބޭ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާގެ ފަރާތުން ވީހާ ވެސް ގިނަ ބަޔަކަށް ހިދުމަތް ދިނުމެވެ.

ކޭޓް ބޭނުންވީ އޭނާގެ ފިރިމީހާގެ މުޅި އުމުރަށް ވެސް ކޭޓްގެ މަތިން ހަނދާންވާނެ ކަމެއް ކޮށްދޭށެވެ.

ކްރިސްގެ ޓްވީޓެއް.

ޖުލައި، 23، 2016 ގައި އަނބިމީހާ މަރުވެ ކްރިސް އެކަނިވެރިވި އެވެ. އެކަމަކު އޭގެ ފަހުން ފާއިތުވި ދެ އަހަރު ވެސް އަނބިމީހާގެ ލޯތްބާއި ސަމާސާ ބަސްތަކުން ހިނިތުންވުން ގެނުވައިދޭ އުފަން ދުވަހުގެ ކާޑެއް ކްރިސް އަށް ލިބެ އެވެ.

ކޭޓްގެ މަރަށް ފަހު ކްރިސް އަށް ފުރަތަމަ ކާޑު ލިބުނީ މިދިޔަ އަހަރުގެ އެޕްރީލް 11 ގައި ފާހަގަ ކުރި އޭނާގެ 40 ވަނަ އުފަން ދުވަހު އެވެ.

އޭގެ އެއް އަހަރު ފަހުން އަނެއްކާ ވެސް މި މަހުގެ 11 ގައި ކޭޓްގެ އުފަން ދުވަހުގެ ތަހުނިޔާގެ ކާޑާ އެކު ހަނދާންތައް އާވެ، ކްރިސް މުޅިން ޖަޒުބާތީކޮށްލި އެވެ. މި ފަހަރު އޭނާ ވަނީ ކާޑް ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ.

އެޕްރީލް 11، 2018 ގެ ތާރީހާ އެކު ކޭޓް ހަދާފައިވާ އެ ކާޑުގައި "ލޯބިވާ ހަމްޓީޑަމްޕްޓީގެ ބޮލުގެ ފަތްކޮޅު މިހާރު އެއްކޮށް ފައިބައިފިތޯ" އަހާފައިވެ އެވެ. އަދި "އަބަދު ވެސް ވަރަށް ލޯބިވާ" ކަމަށާއި "އަބަދު ވެސް ލޯބިވާނަން ކަމަށް" ބުނެފައިވެ އެވެ.

އުފަން ދުވަހުގެ މި ހާއްސަ ހަދިޔާ މި ފަހަރު ހިއްސާކުރަމުން ކްރިސް ބުނީ ބޭނުން ވަނީ އޭނާ ކަހަލަ މީހުންނަށް ހިތްވަރު ދިނުން ކަމަށެވެ.

ކްރިސްގެ ޓްވީޓެއް.

"މިއީ ކޭޓާއި އަހަރެންގެ ހަޔާތުގައި ދިމާވި ކަހަލަ ހާލަތެއް ދިމާވެފައި ތިބި ބަޔަކަށް، އެކަކު އަނެކަކުގެ ހަނދާންތައް އާކޮށްލަދޭނެ ކަމެއް. މިއީ އުފާވެރިކަން ވެސް ގެނުވައި ދޭނެ ކަމެއް،" ކްރިސް ބުންޏެވެ.

އޭނާ ބުނީ ގާތުގައި އަނބިމީހާ ނެތަސް، އެ ހަނދާންތައް އަބަދު ވެސް އާވެއާވެ ހުރުމަކީ ދިރިއުޅުމާއިގެން ކުރިއަށް ދާން ލިބޭ ހިތްވަރެކެވެ.

"އެހެންވެ މިކަހަލަ ކަމެއް ކޮށްލުމަކީ ލޯބީގެ ފުން ހަނދާންތަކަކަށް ވާނެ،" ކްރިސް ބުންޏެވެ. "އަހަރެން އަބަދު ވެސް ކޭޓް ދެކެ ލޯބިވުމުގައި ސާބިތުވެ ހުންނާނަން."

ޑރ. ކޭޓް މަރުވި އިރު އޭނާ ގެންދިޔައީ "ހޭޝްޓެގްހެލޯމައިނޭމްއިޒް" ގެ ނަމުގައި ސިއްހީ ދާއިރާ އަށް ހާއްސަ ކެމްޕޭނެއް ވެސް ހިންގަމުންނެވެ. މަޝްހޫރު ބައެއް ސެލެބްރިޓީންނާއި ސިޔާސީ މީހުންގެ ސަޕޯޓާ އެކު ހިންގި ކެމްޕޭން ކްރިސް ވެސް އަންނަނީ ހުއްޓުމެއް ނެތި ކުރިއަށް ގެންދަމުންނެވެ.

ކޭޓް މަރުވުކުގެ ކުރިން އެ ކެމްޕޭނުގެ ދަށުން 250،000 ޕައުންޑް (351،813 ޑޮލަރު) ޔޯކްޝަޔާ ކެންސަ ސެންޓަރަށް ހޯދައި ދީފައިވެ އެވެ. އަދި އޭނާ މަރުވި ފަހުން ކްރިސް އިސްކޮށްގެން ހުރެގެން ވަނީ 110،000 ޕައުންޑް (154،798.71 ޑޮލަރު) އެކިއެކި ޗެރިޓީކަށް ހޯދައި ދީފަ އެވެ. މިއިން ކޮންމެ މަސައްކަތަކީ ކޭޓްގެ ހަނދާންތަކާ ގުޅިފައިވާ މުހިއްމު މަސައްކަތެކެވެ.