ހިލޭ ލިބުނު އާފަލަކަށް 500 ޑޮލަރު ދައްކަންޖެހިއްޖެ

ފްރާންސުން އެމެރިކާއަށް ދިޔަ މީހަކަށް ފްލައިޓްގައި ދިން އާފަލެއްގެ "އަގު" ގޮތުގައި 500 ޑޮލަރު ދައްކަން ޖެހިއްޖެ އެވެ.


ކްރިސްޓަލް ޓެޑްލޮކް ނަމަކަށް ކިޔާ މީހަކަށް އާފަލާ ހެދި މި ބޮޑު ޚަރަދުކުރަން ޖެހުނީ އޭނާ ކުރި ނުވަ ގަޑިއިރުގެ ދަތުރުގައި ފްލައިޓުން ދިން ކާނާގެ ތެރޭގައި ހިމެނުނު އާފަލު ފަހުން ކާލަން އަތްދަބަހަށް ލައިގެން އެމެރިކާއަށް އެތެރެވުމުންނެވެ.

ހިލޭ ލިބުނު އާފަލު އެމެރިކާއަށް އެތެރެކުރީ ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށް ކަމަށް ވާތީ އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަ ކޮންޓްރޯލް ޕެޓްރޯލުން ޓެޑްލޮކް ޖޫރިމަނާކުރީ އެވެ.

ތާޒާ މޭވާ އެމެރިކާއަށް އެތެރެކުރާ ނަމަ ޑިކްލެއާކުރަން ޖެހޭނެ އެވެ. އެކަމަކު ފްލައިޓުން ޓެޑްލޮކަށް ދިން އާފަލު އެއީ އެހާ ބޮޑު މައްސަލައަކަށް ވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ.

މީޑިއާއާ ވާހަކަ ދައްކަމުން ޓެޑްލޮކް ބުނެފައި ވަނީ އޭނާ ޖޫރިމަނާކުރި ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ. ޑެލްޓާ އެއާލައިނުން ދަތުރުކުރި ޓެޑްލޮކް ބުނީ އެއީ ފްލައިޓްގައި ދިން އެއްޗެއްކަން، އެ ލާފައި އޮތް ޕެކެޓުން ވެސް އެނގޭނެ ކަމަށާއި އޭގައި އެއާލައިންގެ ލޯގޯ ވެސް އިން ކަމަށެވެ.

"އޮފިސަރު އަހަރެން ގާތު އެހި ފްރާންސަށް ކުރި ދަތުރުގައި ވަރަށް ޚަރަދު ބޮޑުހޭ. އަހަރެން ބުނިން އާއެކޭ. ދެން އެ މީހާ ބުނެފި 500 ޑޮލަރުން ޖޫރިމަނާ ކުރީމާ ދަތުރުގެ އަގު އިތުރަށް ބޮޑުވާނޭ،" ޓެޑްލޮކް ކިޔައިދީފައިވެ އެވެ.

ޑެލްޓާ އެއާލައިނުން ދިން އާފަލު ލާފައި އޮތް ޕެކެޓް

އޭނާ ބުނީ އެއާޕޯޓްތަކުގައި ފަސޭހައިން ކްލިއަރެންސް ލިބޭ "ގްލޯބަލް އެންޓްރީ ސްޓޭޓަސް" ވެސް މިކަމާ ހުރެ ގެއްލިފައިވާ ކަމަށާއި މިއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. މިއީ އެއާލައިންގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށާއި މި ދިމާވި ގޮތުން، ފްލައިޓުން ދޭ އެއްޗެއް ގަބޫލުކުރުމުގެ ކުރިން ވަރަށް ގިނަ ކަންކަން ބަލަންޖެހުނީ ކަމަށް ވެސް ޓެޑްލޮކް ބުންޏެވެ.

އާފަލު ލާފައި އޮތް ޕެކެޓުގައި، ބޮޑުކޮށް "އެންޖޯއި" ވެސް ޖަހާފައި އިނުމުން ޓެޑްލޮކް އަދި ވަކިން ރުޅިގަދަވި އެވެ.