އެމެރިކާ މީހަކު ޑަޔާނާގެ ހަނދާންތަކާ އެކު

މީގެ 20 އަހަރު ކުރިން އަވަހާރަވި ޕްރިންސެސް ޑަޔާނާގެ ހަނދާންތައް ރައްކާކުރުމަށް އެމެރިކާ މީހަކު އޭނާގެ ގެ މިހާރު ވަނީ ޑަޔާނާއަށް ހާއްސަ ދާރުލްއާސާރަކަށް ބަދަލުކޮށްފަ އެވެ.


އެތައް ބައެއްގެ ލޯތްބާއި އިހުތިރާމު ވެސް ހޯދާފައިވާ ޑަޔާނާ އުމުރުން 36 އަހަރުގައި އަވަހާރަވީ ޕެރިހުގައި ހިނގި ކާރު އެކްސިޑެންޓެއްގައި އޮގަސްޓް، 31، 1997 ގަ އެވެ.

އެ ހިތާމަވެރި ދުވަހާއި ޑަޔާނާގެ ހަޔާތުގެ މުހިއްމު ހަނދާންތައް ރައްކާކުރުމަށް، ޖޯން ހޯޓްސަން، 45، އޭނާގެ ގޭގައި ޑަޔާނާގެ ފޮޓޯތަކާއި ގުޅުން ހުރި އެތައް ބައިވަރު އެއްޗެހި ބަހައްޓާފައި އެބަހުއްޓެވެ.

އެތަނުގައި ހުރި ޑަޔާނާއާ ގުޅުން ހުރި ތަކެތީގެ އަދަދު 13،000 އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި ޑަޔާނާގެ ކައިވެނީގެ ހަފުލާގައި ބޭނުންކުރި ބޫޓާ ވައްތަރު ބޫޓަކާއި ޑަޔާނާގެ ސިފައިގައި ހަދާފައި ހުރި ބުދުތަކާއި އެ ނޫން ވެސް ކިތަންމެ އެއްޗެކެވެ. މީގެ އިތުރުން ޑަޔާނާގެ ކައިވެނީ ހަފުލާގައި ބޭނުން ކުރި ފުރުޓް ކޭކްގެ އެތިކޮޅެއް އޭގެ ސިވްލަ ފޮއްޓާ ވެސް އެކު ވެސް ޖޯންގެ އަތުގައި އެބަ އޮތެވެ. އެ ލިބުނީ 2004 ގައި ބޭއްވި ނީލަމަކުން 300 ޑޮލަރަށެވެ.

ޖޯންގެ އަތުގައި އޮތް ޑަޔާނާގެ ވެޑިން ކޭކްގެ އެތިކޮޅު.

ޖޯން ބުނި ގޮތުގައި "ޑަޔާނާ މިއުޒިއަމް" ގައި ހުރި ތަކެތި 2011 ގައި އަގުކޮށްލި އިރު، 500،000 ޑޮލަރަށް އަރަ އެވެ.

ގޭގެ އެއް ފާރު ހާއްސަކޮށްފައި ވަނީ ކަޅާއި ހުދުން ހުރި ޑަޔާނާގެ ހިތްގައިމު ފޮޓޯތަކަށެވެ. އަދި ޖޯންގެ އަތުގައި ޑަޔާނާގެ އެތަކެއް ހާސް ފޮޓޯ އާއި އަތުން ލިޔެފައިވާ ލިޔުންތަކާއި ތާޖާއި ކޮފީ މަގާއި ތަށްޓާއި ސައިބޯންޏާއި ޑަޔާނާގެ އިންޓަވިއުތަކުގެ ކޮޕީތަކާއި އޭނާއާ ބެހޭ ގޮތުން ތައްޔާރުކޮށްފައި ހުރި ޑޮކިއުމަންޓްރީތަކުގެ ކޮޕީތައް ވެސް އެބަ ހުއްޓެވެ.

ޑަޔާނާ އަށް އޮތް ލޯތްބާ ބެހޭ ގޮތުން އުމުރުން މިހާރު 45 އަހަރުގެ ޖޯން ރޮއިޓާސް އަށް ބުނީ އޭނާގެ ހިތުގައި ޑަޔާނާ އަށް ހާއްސަ ލޯތްބެއް ދެވުނީ އުމުރުން އެންމެ 8 އަހަރުގައި ކަމަށެވެ.

"ކުރިން އަހަންނަކީ އެމެރިކާގެ ތާރީހާ ބެހޭ އެއްޗެހި އެއްކުރަން ވަރަށް ލޯބި ކުރި މީހެއް. އެގޮތުން އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންޓަނާ އެއްޗެހި ކުރިން ވަރަށް ގިނަ އަދަދަކަށް އެއްކުރިން،" ޖޯން ބުންޏެވެ.

އެކަމަކު ޖޯޖް ވޮޝިންޓަން ދޫކޮށްލައި ޑަޔާނާގެ ހަނދާންތަކުގެ ތެރެއަށް ދާން ނިންމީ ޑަޔާނާ އާއި ޕްރިންސް ޗާލްސް ޖުލައި، 29، 1981 ގައި ކައިވެނި ބައްލަވައިގަތް ދުވަހުން ފެށިގެން ކަމަށް ބުންޏެވެ.

"އަހަރެންގެ ނަޒަރުގައި ޑަޔާނާއަކީ ޕްރިންސެސްއެއްގެ ހުރިހާ ޝަރުތެއް ހަމަވާ އެހާމެ ލޯބި، މައުސޫމު އަދި ނިޔަނެތި މީހެއް. އަދި އޭނާއަކީ އޯގާތެރިކަމާއި ލޯބި ދިނުމާއި މީހުންނަށް އެހީވުމުގައި ވެސް ލާމަސީލު ނަމޫނާ ދެއްކި އަންހެނެއް،" ޖޯން ބުންޏެވެ. "އެހާ ބޮޑަށް އަހަންނަށް ޑަޔާނާ ހާއްސަވި ސަބަބުތަކަކީ ވެސް އެއީ."

ޖޯންގެ "ޑަޔާނާ މިއުޒިއަމް" ހުރި ތަކެތި ދައްކާލަނީ.

ޖޯން ބުނި ގޮތުގައި މިހާރު ދެން ބޭނުން ވަނީ އެމެރިކާ އަށް ނިސްވަތްވާ ބަތަލާއަކާ ޑަޔާނާގެ ހަގު ދަރިކަލުން ޕްރިންސް ހެރީ ކައިވެނި ބައްލަވައި ގަންނަވާތީ، އެ މީހުންގެ ހަޔާތުން ތަކެތި އެއްކުރުމެވެ. އަދި އަންނަ މަހުގެ 19 ވަނަ ދުވަހަކީ ވަރަށް ހާއްސަ ދުވަހެއްގައި ގޮތުގައި ޖޯން ދެކެ އެވެ. އެއީ ހެރީ ބަތަލާ މެގަން މާކަލް ކައިވެނި ކުރާ ދުވަހެވެ.

"އެ ކައިވެނީގެ ހަފުލާ ބަލާލަން އަހަރެން އެބަ އިންތިޒާމު ކުރަން އެކީގައި މަސައްކަތް ކުރާ މީހުންނަށް އޮފީސް ޕާޓީއެއް ވެސް. އަހަރެން ގަބޫލު ކުރަނީ މެއި 19 އިން ފެށިގެން އަހަރެންގެ މިއުޒިއަމަށް އިތުރު މުއްސަނދި ކަމެއް އަންނާނެ ކަމަށް،" ޖޯން ބުންޏެވެ.