ހުތުރުކޮށް ލަވަ ކިޔާތީ ކޯޓުން ކުރީ ހުކުމެއް

އިނގިރޭސި ވިލާތުގެ އަންހެނަކު އޭނާގެ އަމިއްލަ ގޭތެރޭގައި ކިޔާ ލަވަތަކާ ހެދި އަވަށްޓެރިންނަށް އުނދަގޫވެ އެންމެ ފަހުން ކޯޓުން އަދަބު ވެސް ދީފި އެވެ. ލަވަކިޔާ ގޮތާ ހެދި ރުޅިގަދަވެގެން އަވަށްޓެރިން އެއްފަހަރު އެ މީހާ ދަމާހަލާފައި ކޯޓަށް ގެންދިޔަ ކަމަށްވެ އެވެ.


އުމުރުން 40 އިން މައްޗަށް ގޮސްފައިވާ މި މީހާ އަށް މިދިޔަ ޑިސެމްބަރު މަހު ކޯޓުން ވަނީ ލަވަ ކިޔުން ދެ އަހަރަށް މަނާކޮށްފަ އެވެ.

އަވަށްޓެރިން ބުނަނީ ގޭތެރޭގައި އޮވެގެން މި މީހާ ލަވަ ކިޔާއިރު ވެސް މުޅި ހިސާބަށް ވެސް އެނގޭ އިވޭ ކަމަށާއި ހީވަނީ "މޫދަށް ވެއްޓިގެން އުޅޭ ބުޅަލެއް ރޯހެން" ކަމަށެވެ.

އީސްޓާން ޑެއިލީ ޕްރެސް އިން ބުނި ގޮތުގައި އެ މީހާ އަށް ކޯޓުން އަމުރެއް ކޮށްފައި އޮތަސް މިހާތަނަށް ތިން ފަހަރަކު ވަނީ އަމުރާ ހިލާފުވެފަ އެވެ. އެ މީހުން ބުނަނީ ލަވަކިޔުމާއި ބޮލަށް އުނދަގުވާ ގޮތަށް ހަޅޭއްލެވުމާ ވަރަށް ތަފާތުވާނެ ކަމަށާއި އެ މީހާ ކިޔަނީ ލަވައެއް ނޫން ކަމަށެވެ.

"އެ މީހާ ލަވަކިޔަން ހުންނަނީ ޓީވީން ލަވައެއް އަޅުވައިގެން، ކަންފަތުގައި ހެޑްފޯން އަޅައިގެން،" އަވަށްޓެރިޔަކު ނޫހަށް ކިޔައިދީފައިވެ އެވެ.

މީގެ ދެ އަހަރު ކުރިން އިނގިރޭސި ވިލާތުގައި ވަނީ ހަވާދު އެޅި އެއްޗެހި މާގިނައިން ކައްކާ މީހަކަށް އެކަން ނުކުރުމަށް ވެސް އަމުރެއް ކޮށްފަ އެވެ. އެއީ އޭނާ ކައްކާއިރު އަރާ ދުމާއި ވަހުން އަވަށްޓެރިންނަށް އުނދަގޫވާ ކަމަށް ބުނެ ޝަކުވާ ކުރުމުންނެވެ.