ގިނައިން ފެން ބުއިމަކީ ކިޑްނީގެ މައްސަލަތަކަށް ހައްލެއްތަ؟

ގިނައިން ފެން ބުއިމުން، ކިޑްނީގެ އެކި މައްސަލަތަކުން ރައްކާތެރިކޮށް ދޭނެ ކަމަށް ކިޑްނީގެ ބަލިތަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި އަބަދުވެސް ބުނެ އެވެ. އެކަމަކު ގިނައިން ފެން ބުއިމާއި ކިޑްނީގެ ދުޅަހެޔޮކަމާ މާ ބޮޑު ގުޅުމެއް ނެތް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


ކެނެޑާގެ ވެސްޓަން ޔުނިވަސިޓީ އާއި ލޯސަން ހެލްތު ރިސާޗް އިންސްޓިޓިއުޓްގެ ދިރާސާއާ ބެހޭ ގޮތުން ޑރ. ވިލިއަމް ކްލާކް ވިދާޅުވި ގޮތުގައި ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް ވީހާ ވެސް ގިނައިން ފެން ބޯން ޖެހޭ ކަމަށް ބުނާ ވާހަކަތަކުގައި ހުރީ ކިހާ ވަރެއްގެ ބުރަދަނެއްތޯ ބެލުމަށް މިހާތަނަށް މާ ބޮޑު ހޯދުންތަކެއް ހޯދިފައެއް ނެތެވެ.

އެހެންވެ މި ވާހަކަތަކުގައި މާ ބޮޑު އޮއްޓަރެއް ނެތް ކަމަށާއި އެކަމާ ސުވާލު އުފައްދާ ކަމަށް ވިލިއަމް ވިދާޅުވި އެވެ.

ފެނާއި ކިޑްނީގެ ބަލިތަކާ ހުރި ގުޅުމަކީ ކޮބައިތޯ ބެލުމަށް ކްރޮނިކް ކިޑްނީ ޑިޒީޒް (ސީކޭޑީ) ސްޓޭޖް ތިނަކަށް އެކި ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދާ މީހުން ދެ ގްރޫޕަކަށް ބަހާލައިގެން އަހަރު ދުވަހުގެ ދިރާސާއެއް ކުރި އެވެ. އެއް ބަޔަކީ ޑޮކްޓަރުންދޭ އިރުޝާދުގެ ދަށުން ގިނައިން ފެން ބޮއެގެން ކިޑްނީ އަށް ކުރަނީ ކޮން ކަހަލަ އަސަރުތަކެއްތޯ ބެލުމެވެ. އަނެއް ބަޔަކީ ހަމަ އާދަކޮށް ފެން ބޯ ވަރަށް ފެން ބޮއެގެން އަންނަނީ ކޮން ކަހަލަ ބަދަލުތަކެއްތޯ ބެލުމެވެ.

އަހަރު ދުވަހުގެ ޓެސްޓްތަކަށް ފަހު ނަތީޖާ އިން ދެއްކީ ފެން ބޮއެގެން ކިޑްނީ އަށް ވަކި އެދެވޭ ހެޔޮ ބަދަލުތަކެއް އަންނަކަން ފާހަގަކުރެވިފައި ނެތް ކަމެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން އަދިވެސް އިތުރު ހޯދުންތައް ހޯދުން މުހިއްމު ކަމަށް ދިސާރާ ޓީމުން ބުންޏެވެ.

ޑރ. ވިލިއަމް ވިދާޅުވި ގޮތުގައި ފެނާއި ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމާ މާ ބޮޑު ގުޅުމެއް ނެތަސް، ގިނައިން ފެން ބުއިން މުހިއްމު ކަމެކެވެ. އެއީ ހަށިގަނޑު ތާޒާކޮށް ދީ، ސާފުކޮށް ދޭން ބާރު އަޅާ ކަމެކެވެ.

"ގިނައިން ފެން ބުއިމަކީ ސިއްހީ ގޮތުން ވަރަށް ވެސް ފައިދާ ހުރި ކަމެއް. އެކަމަކު އެކަމަކީ ކިޑްނީގެ ބަލިތަކާ ގުޅުމެއް ހުރި ކަމެއް ނޫން. ކިޑްނީގެ މައްސަލަތަކެއް އުޅޭ އެކަމަށް ހާއްސަ ފަރުވާ ހޯދުން މުހިއްމު ކަމަކީ،" ޑރ. ވިލިއަމް ވިދާޅުވި އެވެ.