ރޯދަޔަށް ހުންނައިރު ބޮލުގައި ރިއްސަނީ ކީއްވެ؟

ރޯދަ މަހުގެ ފުރަތަމަ ދެތިން ދުވަހު އެންމެ ގިނަ މީހުން ކުރާ އެއް ޝަކުވާ އަކީ ބޮލުގައި ރިއްސުމެވެ. މިއީ ފެން މަދުވުމުން ދިމާވާ ކަމެކޭ ބުނެ ނިންމާލަނީ އެވެ. އެކަމަކު މިއީ ކެފެއިން ވިތުޑްރޯވަލް އާއި ނިދި މަދުވުމާއި ލޭގައި ހަކުރު ދަށްވުން ފަދަ އެތައް ކަމެއް އެކުވެގެން ދިމާވާ ކަމެކެވެ. އަދި ވަރަށް އާދައިގެ ކަންކަމުން މި މައްސަލަ އަށް ހައްލު ހޯދިދާނެ އެވެ.


ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ހެލްތުޕްލަސް ޑައެބެޓީސް އެންޑް އެންޑޮކްރިނޮލޮޖީ ސެންޓަރުގެ ޑައެބެޓީސް، އެންޑޮކްރިނޮލޮޖީ އެންޑް އިންޓާނަލް މެޑިސިިންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ އިބްރާހިމް އިލިމާމް، ގަލްފް ނިއުސް އަށް ވިދާޅުވެފައިވާ ގޮތުގައި ބޮލުގައި ރިއްސުމަކީ ރޯދަ މަހު ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. އިބްރާހިމް ވިދާޅުވެފައިވާ ގޮތުގައި އޭނާ އަށް ދައްކާ ބަލި މީހުންގެ ތެރެއިން 15 ޕަސެންޓް މީހުން މި ޝަކުވާ ކުރެ އެވެ.

ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި ކުރި ދިރާސާއެއްގައި، ރޯދަޔަށް ތިބި 116 މީހަކާ ސުވާލުކުރުމުން 41 ޕަސެންޓް މީހުން ވަނީ ބޮލުގައި ރިއްސާ ކަމަށް ބުނެފަ އެވެ.

"ރޯދަޔަށް ހުންނަ އިރު ބޮލުގައި ރިއްސުމުން ސަލާމަތްވުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ރޭގަނޑުގެ ވަގުތުގައި، ދިޔާ އެއްޗިއްސާއި ފެން ގިނައިން ބުއިން،" ޑރ. އިބްރާހިމް ވިދާޅުވެފައިވެ އެވެ.

ސިކުނޑީގެ 75 ޕަސެންޓަކީ ފެން ކަމަށް ވާއިރު، ފެން މަދުވުމަކީ ސިކުނޑިއަށް ބާރު ބޮޑުވާނެ ކަމެކެވެ.

ކެފެއިން ވިތުޑްރޯވަލް

ކޮފީ ނުވަތަ ކެފެއިން ގިނައިން ހުންނަ އެއްޗެހި ބޯ މީހުން މިކަމަށް ސަމާލުކަން ދޭންޖެހޭނެ އެވެ. ހަށިގަނޑުގައި ކެފެއިން ގިނަވުމުން އަވަސް އަވަހަށް ކުޑަކަމު ދެވޭނެ އެވެ. މިއީ ހަށިގަނޑުގައި ފެން މަދުވާން ދިމާވާނެ ކަމެކެވެ.

އާންމުކޮށް ކޮފީ ބޯ މީހުންގެ ހަށިގަނޑުގައި ރޯދަ މަހު ކެފެއިން މަދުވެ އެކަމުގެ ސަބަބުން އުނދަގޫތައް ކުރިމަތިވާނެ އެވެ. އެއީ ކެފެއިން ވިތުޑްރޯވަލް އެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިއްސުމާއި އެކަމާ ގުޅުން ހުރި އެކި މައްސަލަތައް ކުރިމަތިވެ އެވެ. އެންމެ ރަނގަޅު ގޮތަކީ ރޯދަ މަސް ފެށުމުގެ ކުރިން ކެފެއިން މަދުކޮށްލުމެވެ.

ރޯދަމަހު ކެފެއިން ވިތުޑްރޯވަލްގެ ސަބަބުން އުނދަގޫވާ ނަމަ، ހާރު ކެއުމަށް ފަހު ކޮފީއެއް ބޯލުމުން ވެސް ބައެއް މީހުންނަށް ލުއިވާ ކަމަށް ބައެއް ޑޮކްޓަރުންނާ ހަވާލާދީ ގަލްފް ނިއުސްގައި ބުނެފައިވެ އެވެ.

ހަކުރު މަދުވުން

ލޭގައި ހަކުރު ދަށްވުމުން ބޮލުގައި ރިއްސާ ނަމަ ބައެއް މީހުން ކުރާ ކަމަކީ ރޯދަ ވީއްލާ ވަގުތު ފޮނި އެއްޗެހި ގިނައިން ކެއުމެވެ. އެކަމަކު މިހެން ހެދުމުން ކުޑަ ވަގުތުކޮޅަކަށް ލުއިވެފައި، ކުއްލިއަކަށް އަނެއްކާ ހަކުރު ދަށްވާން ފަށާނެ އެވެ. މިހެން ވުމުން ވަރު ދެރަވެ ބޮލަށް ބަރުވުން ފަދަ މައްސަލަތަކާ ކުރިމަތިވެ އެވެ.

ނިދި މަދުވުން

ނިދި މަދުވުމަކީ ރޯދަ މަހު ވަރަށް ގިނަ މީހުންނަށް ދިމާވާނެ ކަމެކެވެ. ރޭއަޅުކަމުގައި ވަގުތު ހޭދަކުރުން ނުވަތަ އެހެން ކަންކަމުގައި ވެސް ރޭގަނޑުގެ ގިނަ ވަގުތު ހޭލައި އުޅުމުގެ ސަބަބުން ނިދުމުގެ އާންމު ގަޑިތަކަށް ބަދަލު އާދެ އެވެ. އެހެންވެ ޑޮކްޓަރުން ލަފާ ދެއްވަނީ ރޯދަ މަހު ކޮންމެެހެން ކުރަންޖެހޭ ކަންކަން ނިންމާލުމަށް ފަހު، ވީ ވަރަކުން ނިދުމެވެ.