ޒެޑްޓީއީ އަށް ލުއިދޭން އެމެރިކާ ވިސްނަނީ

ޗައިނާގެ ސްމާޓްފޯން ކުންފުނި، ޒެޑްޓީއީ އަށް، އެމެރިކާ ކުންފުނިތަކުން ފޯރުކޮށްދޭ ބައިތައް ހިމަނައިގެން އުފައްދާ އިލެކްޓްރޯނިކް އާލާތްތައް، އީރާން އަދި ނޯތު ކޮރެއާ އަށް ޒެޑްޓީއީ އިން ވިއްކިި މައްސަލާގައި، އެ ކުންފުންޏަށް ދަތިކުރަން އެމެރިކާއިން ވަނީ ފަށައިފަ އެވެ. އެ ގޮތުގައި، އެމެރިކާ ކުންފުނިތަކުން އުފައްދާ ބައިތައް ޒެޑްޓީއީ އަށް ވިއްކުން ހަތް އަހަރަށް ވަނީ މަނާކޮށްފަ އެވެ.


ޒެޑްޓީއީ ސްމާޓްފޯނުތަކުގައި ބޭނުންކުރޭ މޯޑެމްތައް އުފައްދަނީ ކުއަލްކޮމް އިންނެވެ. އިންޓެލްގެ ޗިޕްތައް ވެސް ބޭނުންކުރެވެ އެވެ. ފޯނުގެ މޫނުމަތީގައި އަޅާފައި އޮންނަ "ގޮރިއްލާ ގްލާސް" އުފައްދަނީ "ކޯނިން" އިންނެވެ. ފޯނުގައި ބޭނުންކުރެވޭ ކެމެރާ އަދި ގުޅުން ހުރި "އޮޕްޓިކަލް" ބައިތައް ފޯރުކޮށްދެނީ "އާކާސިއާ ކޮމިއުނިކޭޝަން" އަދި "އޮކްލާރޯ" އިން ނެވެ. ފޯނުގެ އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑް އަކީ ގޫގުލްގެ މުދަލެކެވެ. މިއީ މުޅިން ވެސް އެމެރިކާ ކުންފުނިތަކެވެ.

އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން، ޒެޑްޓީއީ އަށް އެޅި ފިޔަވަޅާ ގުޅިގެން، މަތީގައި ބުނެވުނު ކުންފުނިތައް ނުތަނަވަސް ވި އެވެ. ބައެއް ކުންފުނިތަކުގެ ހިއްސާ އަށް ލޮޅުންއެރި އެވެ. ޒެޑްޓީއީގެ އޮފިޝަލަކު ބުނި ގޮތުގައި، 2017 ގައި އެމެރިކާގެ 211 ކުންފުންޏަކަށް 2.3 ބިލިއަން ޑޮލަރު އެ ކުންފުނިން ފޯރުކޮށްދިނެވެ. އެއީ އެ މުއްދަތުގައި އެމެރިކާއިން މުދާ ގަތުމަށް އެ ކުންފުނިން ޚަރަދުކުރި ވަރެވެ.

ޒެޑްޓީއީ އަށް ދަތިކުރަން ފެށުމުން ޗައިނާއިން ވަރަށް ގިނަ ވަޒީފާ ގެއްލުނު ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް، ޓްރަމްޕް ވަނީ ޓްވީޓްކުރައްވައިފަ އެވެ. އެއީ ޒެޑްޓީއީ އިން ފެކްޓަރީތައް ބަންދުކުރުމުންނެވެ. ނަމަވެސް، އެކަމުން އެމެރިކާ ކުންފުނިތަކަށް ގެއްލުމެއް ވެދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅެއް ނުވެ އެވެ.

މި މައްސަލާގައި ޗައިނާ ވަނީ ވަރަށް ކަންބޮޑުވެފަ އެވެ. ޗައިނާއިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑުކުރުމަށް ވުރެ، ޒެޑްޓީއީ އާ ދެކޮޅަށް އެޅި ފިޔަވަޅުން ޗައިނާ ކަންބޮޑުވި އެވެ. އެހެންވެ، ވަރަށް ސީރިއަސްކަމެއް ގޮތުގައި ޗައިނާއިން ވަނީ އެމެރިކާ އަށް ޝަކުވާކޮށްފަ އެވެ.

ޓްރަމްޕް މިހާރު ވިދާޅު ވަނީ ޒެޑްޓީއީ އަށް ލުޔެއް ލިބޭތޯ ކޮމާސް ޑިޕާޓްމަންޓް އަށް ދަންނަވާނެ ކަމަށެވެ. މާނަ އަކީ ހަތް އަހަރު ދުވަސް ކޮންމެވެސް އެހެން ގޮތަކަށް ބަދަލުވާނެ ކަމެވެ.

އެމެރިކާއިން އެކި ފަހަރު މަތިން ޗައިނާގެ މުވާސަލާތީ ކުންފުނިތަކަށް ދަތިކުރަމުން ދާތީ އެ ގައުމުން މިހާރު ނިންމާފައި ވަނީ އެ ކުންފުނިތަކަށް ބޭނުންވާ ސިލިކަން ކޮމްޕޯނެންޓްތައް އަމިއްލަ އަށް އުފެއްދުމަށެވެ. އެހެންކަމުން، ޒެޑްޓީއީ މައްސަލާގައި އެމެރިކާއިން ލުޔެއް ދިން ކަމަކު، ސިލިކަން ސިނާއަތް ފުޅާކުރަން ޗައިނާ ފަށާފައިވާ މަސައްކަތްތައް ހުއްޓާލާނެ ކަމަކަށް ނުބެލެވެ އެވެ.