ޓްރާންސް ފެޓް މަނާކުރަން ޑަބްލިއުއެޗްއޯ އިން ގޮވާލައިފި

މާޖިރިން ފަދަ ޓްރާންސް ފެޓް އެކުލެވޭ ބާވަތްތައް ބޭނުންކޮށްގެން އުފައްދާ ކާތަކެތީގެ ސަބަބުން ހިތުގެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި ޓްރާންސް ފެޓް ބޭނުންކޮށްގެން ކާނާ ތައްޔާރު ކުރުން ގައުމުތަކުގައި މަނާކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފި އެވެ.


އެ ޖަމިއްޔާ އިން ބުނި ގޮތުގައި ޖަންކް ފުޑް ފަދަ ކާތަކެތި ތައްޔާރު ކުރުމަށް އާންމުކޮށް ބޭނުންކުރާ ޓްރާންސް ފެޓްގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުގައި އަހަރަކު 500،000 މީހުން މަރުވެ އެވެ.

އެހެންވެ ޓްރާންސް ފެޓް އުފައްދާ ކުންފުނިތަކަށާއި ގައުމުތަކަށް ޑަބްލިއުއެޗްއޯ އިން ވަނީ އެކަމާ ދެކޮޅަށް މަސައްކަތްކޮށް ދިނުމަށް އެދިފަ އެވެ.

އެމެރިކާގެ ނިއު ޔޯކަކީ ޓްރާންސް ފެޓް އުފެއްދުމާއި އެ ބޭނުން ކުރުން މީގެ 10 ވަރަކަށް އަހަރު ކުރިން ހުއްޓާލައިފައިވާ ސިޓީއެކެވެ. ދި އިންޓަނެޝަނަލް ފުޑް އެންޑް ބެވަރެޖް އެލިއަންސް (އައިއެފްބީއޭ) އިން ބުނާ ގޮތުގައި ދުނިޔޭގެ ބޮޑެތި ބައެއް ކުންފުނިތަކުން އެ މީހުންގެ އުފެއްދުންތަކުގައި މިހާރު ޓްރާންސް ފެޓް ބޭނުމެއް ނުކުރެ އެވެ. އޭގެ ތެރޭގައި ކެލޮގްސް، މާސް، ޖެނެރަލް މިލްސް އަދި މެކްޑޮނަލްޑް ފަދަ ބްރޭންޑްތައް ހިމެނެ އެވެ.

މާޖިރިން ޕާނުގައި ޖަހައިގެން ކެއުމަކީ ވަރަށް އާންމު ކަމެއް.

އައިއެފްބީއޭ އިން ބުނި ގޮތުގައި އެފަދަ ކުންފުނިތަކުން ޓްރާންސް ފެޓްގެ ބަދަލުގައި ބޭނުން ކުރަނީ ސިއްހަތަށް ފައިދާ ހުރި އެހެން ބާވަތްތެކެވެ. އެގޮތުން އައިއެފްބީގެ މެމްބަރުންގެ ގޮތުގައި ތިބި ކުންފުނިތަކުގެ 99 ޕަސަންޓް މިހާރު ޓްރާންސް ފެޓް ދޫކޮށްލާފައިވާ ބުންޏެވެ.

ޓްރާންސް ފެޓް އެކުލެވޭ ބާވަތްތައް ބޭނުން ކުރުމުން ހަށިގަނޑުގައި އުފެދޭ ބޭޑް ކޮލެސްޓްރޯލްގެ މިންވަރު އިތުރުވެ، ސިއްހީ ތަފާތު މައްސަލަތައް ކުރިމަތިވެ އެވެ. އެގޮތުން ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ 21 ޕަސަންޓަށް ޓްރާންސް ފެޓްގެ ސަބަބުން އިތުރުވެ އެވެ.

ޑަބްލިއުއެޗްއޯގެ އަމާޒަކީ 2023 އާ ހަމައަށް އަންނަންވާއިރު، ޓްރާންސް ފެޓަކީ މަނާ އެއްޗަކަށްވުމެވެ.