ދިރިހުއްޓާ ވަޅުލުމުން އަމިއްލަ އަށް ސަލާމަތްވި އަންހެނެއްގެ ވާހަކަ

އިނގިރޭސިވިލާތުގެ ބޮޑީބިލްޑަރަކު އޭނާ ކައިވެނިކުރަން އުޅުނު އަންހެނަކު މިދިޔަ އަހަރު ވަނީ ދިރިހުއްޓާ ވަޅުލައިފި އެވެ. ބިރުވެރި މި ހާދިސާ އިން އަމިއްލަ އަށް ސަލާމަތްވި އަންހެން މީހާ ވަނީ އޭނާގެ ތަޖުރިބާ ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި ސަލާމަތް ވެވުނީ ތިލަކޮށް ވަޅުލާފައި އޮތުމުންނެވެ.


ސްޓޭސީ ޖިވިލިއަމް، 34، އަށް އޭނާ ކައިވެނިކުރަން އުޅުނު ކީތު ހިއުސް، 39، އަށް ހަމަލާދިނީ އިނގިރޭސި ވިލާތުގެ ސައުތު ވޭލްސްގެ ގޯވާ ޕެނިންސިއުލާގެ ކޭސްވެލް ބޭގައި ދެ މީހުން ކާރު ދުއްވާލަން ނުކުމެ އުޅުމުގެ ތެރޭގައި ހިނގި ޒުވާބެއްގަ އެވެ. އޭރު ސްޓޭސީ ކައިރިން ކީތު ކައިވެންޏަށް އެހިތާ ވެސް މާ ގިނަ ދުވަސްތަކެއް ނުވެ އެވެ.

ސްޓޭސީގެ ކަރުގައި ހިފައި ހާސްކޮށްލައި އޭނާ މަރުވީ ކަމަށް ހީކޮށް ވަޅުގަނޑެއް ކޮނެފައި އެ ވަޅުގަނޑުގައި ވަޅުލި މައްސަލާގައި، މީހަކު މަރާލަން އުޅުމުގެ ކުށް ސާބިތުވެ ކީތު މިހާރު ހުރީ އުމުރަށް ޖަލަށް ލާފަ އެވެ. ނަމަވެސް މީގެ އަހަރުތަކެއް ފަހުން ޕެރޯލްގެ ދަށުން ކީތު މިނިވަންވުމުގެ ފުރުސަތު އޮތުމުން ސްޓޭސީ އެކަމާ ވަރަށް ކަންބޮޑުވެ އެވެ.

"ގުޑް މޯނިން ބްރިޓަން" ޝޯގައި ވާހަކަ ދައްކަމުން ސްޓޭސީ ބުނީ ކަރުގައި ހިފުމުން ހޭ ނެތުނުގޮތަށް ހޭއެރިއިރު ޗަކަ އާއި ކުނިތަކުން ފުރިފައި އޮތް ވަޅުގަނޑެއްގެ ތެރޭގައި ވަޅުލެވިފައި އޮތްކަން އެނގި ވަރަށް ބިރުގަތް ކަމަށެވެ.

ސްޓޭސީ 'ގުޑް މޯނިން ބްރިޓްން' ޝޯގެ ހޯސްޓުންނާއެކު

މިދިޔަ އަހަރުގެ ޖުލައި މަހު ހިނގި މި ހާދިސާ ކިޔައިދެމުން ސްޓޭސީ ބުނީ ވަޅުގަނޑުގެ ތެރޭގައި އޮވެ ހޭއިރުއިރު އިވެނީ އަމިއްލަ ހިތް ހިނގާ އަޑާއި ދުރުން ރާޅުޖަހާ އަޑެވެ.

"ހުރިހާ އެއްޗެއް ވެސް އަހަންނަށް ފެންނަނީ ލަސް ވެފައި ވަނިކޮށް. ލޯމައްޗަށް ފުސްވެ ހަމައެކަނި ފެހިކުލަ އާއި މުށިކުލައިގެ އެއްޗެހިތަކެއް ވަރަށް ނުސާފުކޮށް ފެނުނު." ސްޓޭސީ ކިޔައިދިނެވެ.

"އަހަންނަކަށް ނޭވާއެއް ނުލެވޭ. ހަރަކާތެއް ނުކުރެވޭ. މުޅި ގައިގެ ވާގި ނެތްހެން ހީވީ. އެއީ ވަރަށް ބިރުވެރި ވަގުތުކޮޅެއް. ދެން ލެވުނުހާ ހިތްވަރެއް ލާފައި ވެގެން އުޅޭގޮތާއި ދެން ކުރަންވީ ކަމެއް ވިސްނުންވީ ވަރަށް އުނދަގޫ ކަމަކަށް. ތެދުވަންވެގެން އުޅެއުޅެ ނު ތެދުވެވުނު. އެންމެފަހުން ނިޔަފަތިތަކުން ފަސްގަނޑުގައި ކާއްތަމުން އެތަނުން ނުކުމެވޭތޯ ބެލިން. ނަމަވެސް ގައިގަ ވަރުނެތުމުން ގައި މަތީގައި ހުރި ފަތްތަކާއި ބޮޑެތި ގޮފިތައް ދުރުކުރުން ވެސް ވީ ވަރަށް އުނދަގޫ ކަމަކަށް،" ސްޓޭސީ ބުނެފައިވެ އެވެ.

ސްޓޭސީ ވަޅުލާފައި އޮތް ބީޗް

ސްޓޭސީ އެންމެފަހުން އެ ވަޅުގަނޑުން ނުކުތުމުގައި ކާމިޔާބު ހޯދި އެވެ. ނަމަވެސް ވަޅުގަނޑުން ނުކުމެގެން ފިރުކެމުން އޭނާއަށް ދެވުނީ ކައިރީގައި ހުރި ގޮލްފް ކްލަބަކާ ހަމައަށެވެ. ސްޓޭސީ ހޮސްޕިޓަލަށް ގެންދިޔައީ އެ ގޮލްފް ކްލަބުގައި ތިބި މީހުންނެވެ.

ސްޓޭސީ އަށް ވާނުވާ އެނގޭވަރު ވީ ހޮސްޕިޓަލުގައި އޮންނަތާ 26 ދުވަސް ފަހުންނެވެ. އޭގެ ތެރެއިން 14 ދުވަހު ބާއްވާފައި އޮތީ ހޭނައްތާފަ އެވެ.

މި ބިރުވެރިކަން ހަނދާންވުމުން މިހާރު ވެސް ސްޓޭސީއަށް ނަފްސާނީ ގޮތުން އަސަރުކޮށް އިންތިހާއަށް ބިރު ގަނެ އެވެ. އަދި މިހާރު ވެސް ކާށާއި ވާހަކަ ދައްކަން ވެސް ވަރަށް އުނދަގުލެވެ. ހިނގެނީ ވެސް އަސާ ޖަހައިގެންނެވެ.

ހިއުސް ކުރިން ވެސް ސްޓޭސީ އަށް އަނިޔާކުރެ އެވެ. އަދި ކުށުގެ ރެކޯޑް އޮވެ އެވެ. މިފަހަރު އޭނާ ހައްޔަރު ކުރީ ރާ ބޮއިގެން އިނދެ ދުއްވި ކާރު އެކްސިޑެންޓްވެގެންނެވެ. އަދި ހައްޔަރުކުރުމުން ފުލުހުން ކައިރީގައި "އޭނާ ދެން ދުވަހަކު ވެސް ނުހޯދޭނެޔޭ" ހިއުސް ބުނި ކަމަށްވެ އެވެ. ނަމަވެސް ފަހުން ސްޓޭސީ ސަލާމަތުން ހުއްޓާ ފެނުމުން ހިއުސްއަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ.

ސްޓޭސީގެ ބޮޑީބިލްޑްކުރާ ލޯބިވެރިޔާ ހިއުސް

ހިއުސް ވަނީ 2013 ވަނަ އަހަރު ވެސް ތިން އަހަރަށް ޖަލަށް ލާފަ އެވެ. އެއީ ސްޓޭސީ އަށް ތިން ފަހަރެއްގެ މަތިން ހަމަލާ ދީގެންނެވެ. ނަމަވެސް ޖަލުން ސަލާމަތްވުމުން އަނެއްކާވެސް ދެމީހުން ގުޅުން ބަދަހިކުރީ އެވެ.

ހިއުސް ޖަލުގައި ހުރި ދުވަސްވަރު ސްޓޭސީ ވަނީ އޯވޭރިއަން ކެންސަރަށް ފަރުވާ ވެސް ހޯދާފަ އެވެ. ސްޓޭސީ ބުނަނީ އެތައް ފަހަރަކު އަނިޔާ ކޮށްފައި ވިޔަސް ހިއުސް އަނެއްކާވެސް ދިރިއުޅުމަށް އަނބުރާ ގެނައީ އޭނާ ދެކެ ލޯބިވާތީ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު ހިއުސް ވަނީ ސްޓޭސީ ކުރެން ކައިވެންޏަށް އަހާފަ އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ދެ މީހުން ކާރު ދުއްވާލަން ގޮސް އުޅުމުގެ ތެރޭގައި އަރާރުން ވަމުން ގޮސް ސްޓޭސީގެ ކަރުގައި ހިފާ މަރާލަން ހިއުސް މަސައްކަތް ކުރީ އެވެ.