ޓްރެފިކް ގަވައިދާ ޚިލާފުވި ފުލުހަކު އަމިއްލައަށް އޭނާގެ މައްސަލަ ހުށަހަޅައިފި

އެމެރިކާގެ ޓެކްސަސްގައި، ޓްރެފިކް ލައިޓް ރަތް ކުލައިން ދިއްލިފައި ހުއްޓާ މަގު ހުރަސްކޮށް ދިޔަ ފުލުހަކު އޭނާގެ މައްސަލަ އަމިއްލަ އަށް ހުށަހަޅައި އަދަބު ލިބިގެންފި އެވެ.


ކޮންސްޓަބްލް މާކް ހާމަން ޓްރެފިކް، ރަތް ބޮކި ދިއްލިފައި ހުއްޓާ ދަނިކޮށް ހިފެހެއްޓީ އެހެން ފުލުހެކެވެ. އެކަމަކު ހާމަން މަގު ހުރަސްކޮށް ދިޔައީ ރަތް ބޮކި ދިއްލިފައި ހުއްޓާ ނޫން ކަމަށް ބުނެ އަނެއް ފުލުސް މީހާއާ ދެބަސްވެ އެވެ.

މި ދެބަސްވުމަށް ފަހު ހާމަން ދޫކޮށްލަނީ އިންޒާރު ދީފަ އެވެ. އަދަބެއް ނުދެ އެވެ. ނަމަވެސް ހާމަން ހުއްޓުވި އަނެއް ފުލުސް މީހާގެ ކާރުގެ ޑޭޝް ކެމް އަށް ރެކޯޑްކުރެވިފައިވާ މަންޒަރުތައް ބެލި އިރު ފެންނަނީ ރަތް ބޮކި ދިއްލިފައި ހުއްޓާ ދުއްވާފައި ދަނިކޮށެވެ. އެެހެންވެ ހާމަން އެންމެ ފަހުން ނިންމީ އަމިއްލައަށް އަދަބު ލިބިގަތުމަށެވެ.

"އަހަރެން މަސައްކަތްކުރާ އިދާރާއިން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެ އަހަރަކު އެތައް ހާސް ބަޔަކާ މެދު ފިޔަވަޅު އަޅާ. ފުލުހަކަށް ވިޔަސް އަހަންނަނީ ވެސް ގާނޫނުތަކަށް ވުރެ މަތީގައި ހުންނާނެ މީހެއް ނޫން،" ކޮންސްޓަބްލް ހާމަން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ހާމަން ވަނީ އޭނާ ކުރި ކުށަށް އަމިއްލަ އަށް އިއުތިރާފުވެ ޓްރެފިކް ވަޔަލޭޝަން ޓިކެޓެއް ދީފަ އެވެ.