ވިހޭތާ 24 ގަޑިއިރު ނުވެ ގްރެޖުއޭޝަންގައި

އެމެރިކާގައި، ޒުވާން އަންހެނަކު ވިހޭތާ 24 ގަޑިއިރު ނުވަނީސް ތުއްތު ދަރިފުޅާ އެކު ގްރެޖުއޭޝަން ހަފުލާއަށް ދިއުމުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.


ޒައިނަބް އަބްދުﷲ، 26، ހުކުރު ދުވަހުގެ ރޭ 8:00 ހާއިރު ވިހެއުމަށް ފަހު ޔުނިވަސިޓީ އޮފް ސެއިންޓް ތޯމަސްގެ ގްރެޖުއޭޝަން ހަފުލާއަށް ދިޔައީ ހޮނިހިރު ދުވަހުގެ ހަވީރު 5:00 އެވެ. އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާއާ ބެހޭ މާސްޓާސް ޕްރޮގްރާމް ފުރިހަމަކުރި ޒައިނަބް ގްރެޖުއޭޝަން ހަފުލާއަށް ގޮސް ހުރީ ދަރިފުޅު އުރާލައިގެންނެވެ.

"މިއީ އުނދަގޫ ކަމެއް. އެކަމަކު ހަމަ ކޮންމެ ކަމެއް ވެސް ކުރެވިދާނެ،" ގްރެޖުއޭޝަން ހަފުލާއަށް ފަހު ޒައިނަބު ބުންޏެވެ.

ޒައިނަބު ބުނީ އޭނާ އަކީ އާއިލާގެ މީހުންގެ ތެރެއިން އެންމެ ފުރަތަމަ މާސްޓާސް ފުރިހަމަކުރި މީހާ ކަމަށެވެ. އަދި ހުކުރު ދުވަހު ވިހެއުމަށް ފަހު 24 ގަޑިިއިރު ނުވަނީސް ގްރެޖުއޭޝަނަށް ދާން ނިންމީ އޭނާ އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅުވުމުން ކަމަށް ބުންޏެވެ.

ޒައިނަބުގެ ކާމިޔާބީ ފާހަގަކޮށް އުފަލުގައި ބައިވެރިވުމަށް ގްރެޖުއޭޝަން ހަފުލާފައި އޭނާގެ ފިރިމީހާ އާއި ހަތަރު އަހަރުގެ ފިރިހެން ދަރިފުޅާއި ކޮއްކޮ ވެސް ގޮސް ހުއްޓެވެ.

ޕީއެޗްޑީއަށް ކިޔެވުމުގެ އަޒުމުގައި ހުރި ޒައިނަބު އިންސައިޑްއެޑިޝަން އަށް ބުނީ މާބަނޑު ދުވަސްވަރު ދިމާވި އުނދަގޫތަކާ އެކު ކިޔަވަން ދިއުން ވަރަށް ދަތިވި ކަމަށާއި ކާމިޔާބީއާ ހަމަޔަށް ދެވުނީ ސްކޫލުން އެއްބާރުލުން ދިނުމުން ކަމަށެވެ.