ތަށި ފޮހެން ގެންގުޅޭ ތުވާލިން ކާނާ ވިހަވެދާނެ

ބަދިގޭގައި ތައްޓާއި ސަމުސާ ފަދަ ތަކެތި ދޮވެފައި ފޮހެން ބޭނުންކުރާ ތުވާލިކޮޅުގެ ސާފުތާހިރުކަމާ ދޭތެރޭ ކިހާ ވަރަކަށް ވިސްނަން ހެއްޔެވެ؟


ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުގައި ބަދިގޭގައި ގެންގުޅޭ ތުވާލިކޮޅަކީ ގިނަ އަދަދަކަށް ޖަރާސީމު ހަރުލާފައި ހުންނާނެ އެއްޗެކެވެ. އެހެންވެ އެއީ ވަރަށް ރީތިކޮށް ގިނައިން ދޮންނަން ޖެހޭ އެއްޗެކެވެ. ނޫން ނަމަ، އޭގައި އަށަގެންފައި ހުން ޖަރާސީމުތަކުން ކާނާ ވިހަވެދާނެ ކަމަށް ދިރާސާގައި ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު ނިންމައިލި އެމެރިކަން ސޮސައިޓީ ފޮ މައިކްރޮބަޔޮލޮޖީގެ އަހަރީ ބައްދަލުވުމަށް ހުށަހެޅި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ބަދިގޭގައި އެއްޗެހި ފޮހެން ގެންގުޅޭ ތުވާލިކޮޅަކީ ގިނަ އަދަދަކަށް އީ ކޮލީ އަށަގެންފައި ހުންނާނެ އެއްޗެކެވެ. އެއީ ތުވާލިކޮޅި ތެމުމުގެ ސަބަބުން ޖަރާސީމުތައް އަށަގަތުގެ ފުރުސަތު ވެސް ބޮޑުވާތީ އެވެ.

ވަކިން ހާއްސަކޮށް، މަހުގެ ބާވަތްތައް ފަދަ އެއްޗެހި ކައްކައި ހަދާ ނަމަ ބަދިގޭގެ ސާފުތާހިރު ކަމަށް އިތުރު ސަމާލު ކަމެއް ދޭން ޖެހޭނެ އެވެ.

މީހަކު ތުވާލިކޮޅަކުން ތަށިތައް ފޮހެނީ.

ހަމަމިއާ އެކު ކާނާ ވިހަވުން ފަދަ ކަމަކުން ރައްކާތެރި ވެވިދާނެ އިތުރު ގޮތްތަކެއް އެމެރިކާގެ އެގްރިކަލްޗްރަލް ޑިޕާޓްމަންޓުން ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން ކުރެވިދާނެ މައިގަނޑު ތިން ކަމެއް ހިމެނެ އެވެ.

* ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން.

* ފޮތި ތުވާލީގެ ބަދަލުގައި، އެއް ފަހަރު ބޭނުންކޮށްލެވޭ ކަރުދާސް ޓިޝޫ ބޭނުން ކުރުން.

* ބަދިގޭގައި ބޭނުންކުރާ ތުވާލި، ޑިޓާޖެންޓް ލައިގެން ރަނގަޅަށް މެޝިނުން ދޮވުން. (އެއް ތުވާލިކޮޅަށް ވުރެ ގިނަ ތިވާލިކޮޅު ބޭނުން ކުރުން)