ދަރިމައިނުވުމުގެ މައްސަލައަށް ދޭ ބޭހުން އޯވަރީގެ ކެންސަރުގެ ނުރައްކާ ބޮޑެއް ނުވޭ

ދަރިމައިނުވުމުގެ މައްސަލަތަކަށް އަންހެނުންނަށް ދޭ ބޭހުން އޯވަރީގެ ކެންސަރު ޖެހުމަށް މަގު ފަހިވާ ކަމަށް ބުނާ ވާހަކާގައި ހަގީގަތެއް ނެތް ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.


ޑެންމާކުގެ ކޮޕެންހޭގަން ޔުނިވަސިޓީ ހޮސްޕިޓަލްގެ ތަޖުރިބާކާރުން ބައިވެރިވެގެން ކުރި ދިރާސާއަށް ފަހު ބުނީ ދަރިމައިނުވުމުގެ މައްސަލަ ހުރުމަކީ އޭގެ ޒާތުގައި ވެސް ކެންސަރުގެ ނުރައްކާ އިތުރުވާ ސަބަބެއް ކަމަށެވެ. ދަރިމައިނުވާތީ ބޭސްކުރާ މީހުންނަށް އޯވަރީގެ ކެންސަރު ޖެހުމަކީ ބޭހުގެ ސަބަބުން ދިމާވާ ކަމެއް ނޫން ކަމަށް ދިރާސާގައި ބުންޏެވެ.

ދަރިމައިނުވެގެން އެކަމަށް ފަރުވާ ހޯދި ޑެންމާކުގެ 58،000 އަންހެނަކާއި އެފަދަ ފަރުވާއެއް ނުހޯދާ 549،000 އަންހެނަކު ބައިވެރިކޮށްގެން ކުރި ދިރާސާގައި އިސްކޮށް ހުންނެވި ޕްރޮފެސަރު އަންޖާ ޕިންޕޯގް ވިދާޅުވީ އޯވަރީގެ ކެންސަރުގެ ނުރައްކާ އިތުރަށް އޮންނަނީ ދަރިމައިނުވުމުގެ މައްސަލަ ހުންނަ އަންހެނުންނަށް ކަމަށް ދިރާސާއިން އެނގުނު ކަމަށެވެ.

"ދަރިމައިކުރުމަށް އޯވަރީ މަސައްކަތްކުރުވަން ފަރުވާ ދިން އަންހެނުންނަށް އެކަމުގެ ސަބަބުން ކެންސަރުގެ ނުރައްކާ އިތުރުވި ކަމަށް ދިރާސާއަކުން ނުދައްކާ،" ޕްރޮފެސަރު ވިދާޅުވި އެވެ.

ދަރިމައިނުވެގެން ބޭސްކުރާ އަންހެނުންގެ އޯވަރީ އަށް ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުވެގެންދާ ކަމަށް ވަރަށް ކުރިންސުރެ ވެސް އޮންނަނީ ގަބޫލުކުރެވިފަ އެވެ. ދިރާސާގައި ބުނީ މިއީ ކުށް ހީއެއް ކަމަށާއި ދަރިމައިނުވާ މީހުން ފަރުވާ ކުރިއަށް ގެންދަން ބިރުގަންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މި ދިރާސާ ވަނީ މި މަހުގެ 3 ގައި ބޭއްވި ޔޫރަޕިއަން ސޮސައިޓީ އޮފް ހިއުމަން ރިޕްރޮޑަކްޝަން އެންޑް އެމްބްރިއޮލޮޖީގެ ބައްދަލުވުމަށް ހުށަހަޅައިފަ އެވެ.