"ގޭމް އޮފް ތުރޯންސް" ގެ ސެޓެއް ގަނެލެވިދާނެ

އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" އިން ފެންނަ މަންޒަރުތަކެއްގެ ތެރެއަށް މިހާރު ހަމަ ހަގީގަތުގައި ވެސް ވަދެލެވިދާނެ އެވެ. މިއޮތީ ރަނުގެ ފުރުސަތެކެވެ. ވަކިން ހާއްސަކޮށް މިއީ އެ ސިލްސިލާގެ ފޭނުންނަށް ވަރަށް ވެސް ހާއްސަ ކަމަކަށް ވާނެ އެވެ.


"ގޭމް އޮފް ތުރޯންސް" ގެ މަންޒަރުތަކެއް ޝޫޓްކުރަން ސެޓެއްގެ ގޮތުގައި ބޭނުން ކުރި އުތުރު އަޔަލެންޑްގައި ހުރި ގޮޒްފޯޑް ކާސަލް އެޕާޓްމަންޓްތަކެއްގެ ގޮތުގައި ވިއްކައިލަން މިހާރު ވަނީ ނިންމައިފަ އެވެ. ފެހިކަން ގަދަ ހިސާބެއްގައި ހުރި ހިތްގައިމު ސެޓުން އެޕާޓްމަންޓެއް ވިއްކައިލަނީ 500،000 ޕައުންޑަށެވެ.

މިއީ އާންމުކޮށް އިނގިރޭސިވިލާތުގެ ލަންޑަނުން ގެއަށް ގަނެލަން ލިބޭ އަގަށް ވުރެ ދަށް އަގެކެވެ. ލަންޑަންގެ ރަނގަޅު ހިސާބަކުން އެންމެ ދަށްވެގެން ވެސް ރަނގަޅު އެޕާޓްމަންޓެއް ގަނެވޭނީ އެވްރެޖްކޮށް 600،926 ޕައުންޑަށެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ގޭމް އޮފް ތުރޯންސް" ސީޒަން ތިނެއްގައި ގެނެސް ދިން ރެޑް ވެޑިން ސީންގައި ދައްކާ ގަނޑުވަރު ވަނީ 23 އެޕާޓްމަންޓަށް ބަހާލައިފަ އެވެ. އަދި އެ އެޕާޓްމަންޓްތައް ގަންނަން ޝައުގުވެރިވާ މީހުންނަށް ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ.

ވިއްކައިލަން ނިންމާފައިވާ "ގޭމް އޮފް ތުރޯންސް" ގައި ދައްކާ ގަނޑަރު.

މެއިޒަން ރިއަލް ސްޓޭޓް ކުންފުނިން ބުނި ގޮތުގައި ވިއްކައިލަން ނިންމާފައިވާ އެޕާޓްމަންޓްތަކަށް ބަލާ އިރު ކޮންމެ ތަނެއްގެ ބޮޑު މިނުގައި 3،500 އަކަފޫޓް ހުންނާނެ އެވެ. ވިއްކައިލަން ނިންމާފައިވާ ފުރަތަމަ ހަ އެޕާޓްމަންޓަކީ ލަގްޒަރީ ފެންވަރަށް ތައްޔާރުކޮށްފައިވާ ތަންތަނެވެ. އެތަންތަނުގައި 15 ކޮޓަރި އާއި 10 ފާހާނާ އާއި 10 ރިސެޕްޝަން ރޫމް ހިމެނެ އެވެ.

މި ގަނޑުވަރަކީ 1800 ގައި ބިނާކޮށްފައިވާ ތަނަކަށްވާތީ، މިއީ މުއްސަނދި ތާރީހެއްގެ ތެރެއަށް ވެސް ރުޖޫއަވެވޭނެ ކަމެކެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ސިފައިން އެ މީހުން މަޑުކޮށްލައިގެން ތިބޭ ތަނެއްގެ ގޮތުގައި ވެސް މި ގަނޑުވަރު ބޭނުންކޮށްފައިވެ އެވެ.

ހަތް ކޮއިލުގެ ރަސްކަމެއްގެ ތެރޭގައި ހިނގާ ކަންތައްގަނޑެއް ކިޔައިދޭ "ގޭމް އޮފް ތުރޯންސް" ގެ 7 ސީޒަނެއް މިހާތަނަށް ބެލުންތެރިންނަށް ގެނެސް ދީފައިވެ އެވެ. އަދި ފަހު ސީޒަން އަންނަ އަހަރު ގެނެސް ދޭނެ އެވެ.