ޑިޒްނީގެ ސްޓްރީމިން ހިދުމަތް އަންނަ އަހަރުގެ ފަހުކޮޅު ދޭން ނިންމައިފި

ސްޓްރީމިން ސާވިސްގެ ހިދުމަތް އަންނަ އަހަރުގެ ފަހުކޮޅު ރަސްމީކޮށް ދޭން ފަށާނެ ކަމަށް ޑިޒްނީން ބުނެފި އެވެ.


މަޝްހޫރު ފިލްމް ކުންފުނިން ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯގެ އިތުރުން ވެސް ސްޓްރީމިން ސާވިސްގެ ހިދުމަތް ދޭ ކުންފުނިތަކާ ވާދަކުރަން ނުކުންނަން ނިންމާފައިވާކަން ޑިޒްނީން އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ޑިޒްނީގެ ސީއީއޯ ބޮބް އައިގާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ސްޓްރީމިން ސާވިސް އަންނަ އަހަރުގެ ފަހުކޮޅު ކަސްޓަމަރުންނަށް ލިބެން ފަށާނެ އެވެ. އަދި އެކަމުގެ ތައްޔާރީތައް ވަރަށް ބޮޑަށް ވަމުން އަންނަ ކަމަށް ބުންޏެވެ. އެކަމަކު ހިދުމަތް ދޭން ފަށާނެ ސީދާ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

ޑިޒްނިން ސްޓްރީމިންގެ ހިދުމަތް ފެށުމާ އެކު، އެ ކުންފުނީގެ މުއްސަނދި ލައިބްރަރީގައި ހުރި އެތަކެއް އުފެއްދުމެއް ބެލުންތެރިންނަށް ސްޓްރީމްކޮށްގެން ބަލައިލެވޭނެ އެވެ.

މީގެ އިތުރުން މި ފަހުން ޑިޒްނީން ގެނެސް ބައެއް ފިލްމްތަކާއި ސްޓްރީމިން ސާވިސް އަށް ހާއްސަކޮށްގެން އުފައްދާ އޮރިޖިނަލް ސީރީޒްތައް ވެސް ކަސްޓަމަރުންނަށް ގެނެސް ދޭނެ އެވެ. ހަމަ މިއާ އެކު މާވެލް، ޕިކްޒާ، ލޫކަސް ފިލްމްސް އަދި ނެޓްޖިއޯ ފަދަ ކުންފުނިތަކުގެ އުފެއްދުންތައް ވެސް ޑިިޒްނީގެ ސްޓްރީމިން ސާވިސްގެ ތެރެއިން ލިބޭނެ އެވެ.

"ހިދުމަތް ފަށައި ގަންނަ އިރު އަހަރެމެންގެ އެންމެ ބޮޑު ޓާގެޓަކީ ޑިޒްނީގެ ކޯ ފޭނުންނާ ހަމައަށް ރީޗްވުން،" ބޮބް ވިދާޅުވި އެވެ. "އަހަރެމެންގެ ކޮންޓެންޓް މުއްސަނދި ކުރަން ވަރަށް މަސައްކަތް ކުރާނެ. ސްޓްރީމިން ސާވިސްއަކީ މިހާރު ވަރަށް ބޮޑު ވާދަވެރި ކަމެއް އޮތް ވިޔަފާރިއަކަށްވާތީ، އަހަރެމެންގެ މަސައްކަތްތައް ވެސް އިތުރަށް ފުޅާވެގެން ދާނެ."

ބޮބް ވިދާޅުވި ގޮތުގައި ކަސްޓަމަރުންނަށް މިހާރު ވެސް ދެވިދާނެ ޔަގީން ކަމަކީ އެހެން ކުންފުނިތަކާ ހިލާފަށް މުއްސަނދި އަދި ޝައުގުވެރި ކޮންޓެންޓްތައް ހެޔޮއަގެއްގައި ފޯރުކޮށް ދޭނެ ކަމެވެ.