ފަލަ އަންހެން ކުދިންނަށް ޑިޕްރެޝަންގެ ބިރު ބޮޑު

ކުޑައިރު އަދި ފުރާވަރުގައި އެކަށީގެންވާ ވަރަށް ވުރެ ފަލަ (އޮބީސް) ކުދިންނަށް ޑިޕްރެޝަންގެ ނުރައްކާ، ހިކިކޮށް ތިބޭ ކުދިންނާ އަޅާބަލާއިރު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.


އެކަށީގެންވާ ބަރުދަނުގައި ތިބި އަންހެން ކުދިންނަށް ވުރެ، ފަލަ ކުދިންނަށް އެ ކުދިންގެ ޒުވާން އުމުރުގައި ޑިޕްރެޝަންގެ ނުރައްކާ 44 ޕަސެންޓް ބޮޑު ކަމަށް 144،000 ކުއްޖަކު ހިމެނޭ 22 ދިރާސާއަކުން މައުލޫމާތު އެއްކޮށްގެން ކުރި ދިރާސާއިން ދެއްކި އެވެ.

އެކަމަކު، ސިއްހީ ގޮތުން އެކަށީގެންވާ ވަރަށް ވުރެ ބަރު ވިޔަސް، އޮބީސް ނުވާ ނަމަ ޑިޕްރެޝަންގެ ނުރައްކާ އިތުރުނުވާ ކަމަށް ދިރާސާއިން އެނގުނެވެ.

ދިރާސާގައި އިސްކޮށް ހުންނެވި އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ޑރ. ޝައިލެން ސުޓޭރިއާ ވިދާޅުވީ މިއީ އޮބީސް ވުމާއި ޑިޕްރެޝަނާ ހުރި ގުޅުން ދެނެގަންނަން ކުރި ދިރާސާއެއް ނޫން ކަމަށެވެ. އެކަމަކު ހަށިގަނޑާ މެދު ފިރިހެންކުދިންނަށް ވުރެ ބޮޑަށް އަންހެން ކުދިން ވިސްނުމަކީ އެ ކުދިން ޑިޕްރެޝަނަށް ހުށަހެޅޭ ސަބަބަށް ވެދާނެ ކަމަށް ސުޓޭރިއާ ވިދާޅުވި އެވެ.

ފަލަވުމުން، ގިނަ އަންހެން ކުދިން އެކަމާ ހިތާމަކުރި ނަމަވެސް ފިރިހެން ކުދިން އެ ކުދިންގެ ހަށިގަނޑު ބިޔަކޮށް ވަރުގަދަކޮށް ހުރުމުން އެއީ އާރާއި ބާރު އަދި ނުފޫޒުގެ ރަމްޒެއްގެ ގޮތުގައި ވެސް ދެކޭ ކަމަށާއި މިއީ މުޖުތަމައުގެ ޕްރެޝަރާ ހެދި ދިމާވާ ގޮތެއް ކަމަށް ދިރާސާ ޓީމުގެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.

މުޅި ދުނިޔެއަށް ބަލާއިރު އުމުރުން ފަސް އަހަރު ވާއިރު އެކަށީގެންވާ ވަރަށް ވުރެ ފަލަ، އޮބީސް ކުދިންގެ އަދަދު 40 މިލިއަނަށް އަރަ އެވެ. ޑިޕްރެޝަން މިހާރު ވެފައި ވަނީ ކުދިންނަށް ސިއްހީ އެކި މައްސަލަތައް ކުރިމަތިކުރުވާ އަދި ކިޔެވުމަށް ވެސް ހުރަސްއަޅާ މައިގަނޑު ސަބަބަކެވެ.