ބުލީކުރާ މީހުންނާއި ލީޑަރުން، ތުއްތު ކުދިންނަށް އެނގޭނެ

މީހުންގެ އިހްތިރާމް ލިބޭ، ލީޑަރުންނާއި ބިރުވެރިކަން އުފައްދާ ބުލީންނަކީ ކޮބައިކަން ދެނެގަންނަން، އުމުރުން އެންމެ 21 މަހުގައި ކުދިންނަށް އެނގޭ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.


ޕްރޮސީޑިންސް އޮފް ދަ ނެޝަނަލް އެކަޑަމީ އޮފް ސައިންސަސްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި މި ދިރާސާކޮށްފައިވަނީ، އިހްސާސްތައް ބުނެދޭން ނޭނގޭ ވަރުގެ ކުދިންގެ ލޮލުގެ ހަރަކާތްތައް ގެންގުޅޭ ގޮތް ބަލައިގެންނެވެ. ދިރާސާއިން އެނގުނު ގޮތުގައި ތުއްތު ކުދިން ކޮންމެ ކަމެއްގައި ވެސް އުންމީދުކުރާނީ އެންމެ ރަނގަޅަށެވެ. އެކަމަކު އުންމީދުކުރި ގޮތާ ޚިލާފަށް މީހެއްގެ އަމަލުތައް ހުންނަ ނަމަ އެ މީހަކާ ދިމާލަށް ގިނައިރު ބަލަން އޮންނަކަން ދިރާސާއިން އެނގުނެވެ.

މި ދިރާސާ ކުރެއްވި، ޔުނިވަސިޓީ އޮފް އިލިނޮއީގެ ސައިކޮލޮޖީ އެލުމްނީގެ ޑިސްޓިންގުއިޝްޑް ޕްރޮފެސަރު ރީނީ ބައިލާގިއަން ވިދާޅުވީ ދެ ކެރެކްޓާއެއްގެ ބާރުވެރިކަން ވަޒަންކުރުމުގެ ގާބިލްކަން ތުއްތު ކުދިންނަށް ލިބިގެންވާކަން ކުރީގެ ދިރާސާތަކުން ވެސް ހާމަވެފައިވެ އެވެ.

"މިސާލަކަށް ބުނާ ނަމަ، ސައިޒުން ބޮޑު ކެރެކްޓާއެއް އެއަށް ވުރެ ކުޑަ ކެރެކްޓާއަކު ދަށްކޮށްލާ މަންޒަރު ފެންނަ ނަމަ އެ ދިމާލަކަށް ކުއްޖާ ގިނައިރު ބަލަން އޮވޭ. ހަމަ އެގޮތަށް، ދެ ކެރެކްޓާއެއްގެ ކުރިމަތިލުމުގައި މޮޅުވާ ކެރެކްޓާ ވެސް ދެނެގަނޭ،" އޭނާ ވިދާޅުވި އެވެ. އެކަމަކު އެކި ކެރެކްޓާތަކުގެ ބާރުވެރިކަން ވަޒަންކުރުމާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް މިހާތަނަށް ހޯދިފައެއް ނުވޭ."

މިކަން އިތުރަށް ބެލުމަށް ޕްރޮފެސަރު ރީނީ ވަނީ ލީޑަރުން، ބުލީން އަދި މީހުން ގަޔާވާ ކަހަލަ ކާޓޫން ކެރެކްޓާތަކެއް އެނިމޭޓްކޮށް ކުދިންނަށް ދައްކައިފަ އެވެ. މި ކެރެކްޓާތައް ބޮޑެތި މީހުންނަށް ދެއްކުމުން، އެ ކެރެކްޓާއިން ދޭން ބޭނުންވި މެސެޖު އެ މީހުންނަށް އެނގުނެވެ.

މި ކެރެކްޓާތައް ތުއްތު ކުދިންނަށް ދެއްކުމުން، އެނގުނީ ލީޑަރުންގެ ސިފާގައި ދެއްކި ކެރެކްޓާތަކުން ކުރާ ކަންކަން އެހެން ކެރެކްޓާތަކުން ކުރަން ބޭނުންވެ ކުދިން އެކަމަށް އެދުނު ކަމެވެ. އެހެންވެ، ބުލީންނާއި ލީޑަރުންގެ ތެރެއިން ލީޑަރުން ދެނެގަނެ، އެ މީހުންނާ ގަޔާވުމަކީ މިހާ ތުއްތު ކުދިންނަށް ވެސް އެނގޭ ކަމެއްކަން ދިރާސާއިން ހާމަވި އެވެ.