އިންސާނުންގެ ހަށިގަނޑު ކޮމްޕިއުޓަރާ ގުޅާލައި ހުރިހާ ކަމެއް މޮނިޓަކުރުމަށް ބޭނުންކުރެވޭނެ، ވެލިފުކެއް ވަރުގެ ޑިވައިސްއެއް އުފައްދައިފި އެވެ. މި ޑިވައިސް ކޮމްޕިއުޓަރާ ނުވަތަ މެޝިންތަކާ ގުޅާލުމަށް ބެޓެރީއެއް އަދި ނަރެއް ވެސް ބޭނުމެއް ނުވެ އެވެ.
"ނިއުރަލް ޑަސްޓް"ގެ ނަން ދީފައިވާ މި ޑިވައިސް ހަށިގަނޑުގައި އިންދުމަށް ފަހު ހިތް ފަދަ މުހިންމު ގުނަވަންތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް އަބަދު ބަލަމުން ގެންދެވޭނެ އެވެ. ސައިންސްވެރިން ބުނަނި މި ޑިވައިސް މިހާރު ހަދާފައިވާ ވަރަށް ވުރެ ވެސް ކުޑަކޮށްލެވިއްޖެ ސިކުނޑީގައި މި ޑިވައިސް ބޭނުންކޮށްގެން، ހަށިގަނޑުގައި ހަރުކުރާ ރޮބޮޓިކް ޑިވައިސްތައް ކަމަށްވާ މަސްނޫއީ އަތާއި ފައި ފަދަ އެއްޗިއްސަށް ސިގްނަލް ދެވޭނެ ކަމަށެވެ. އެހެން ވެއްޖެ ނަމަ އެފަދަ ގުނަވަންތަކުގެ މަސައްކަތް ވަރަށް ފުރިހަމަޔަށް ކުރެވޭނެ އެވެ.
މިއީ ކުރިމަގުގައި ސިއްހީ ދާއިރާއިން އާދަޔާ ހިލާފު ކުރިއެރުންތަކެއް ލިބިދޭނެ ޑިވައިސްއެއް ކަމަށް ވަނީ ބެލެވިފަ އެވެ.
"ނިއުރަލް ޑަސްޓުގެ ފައިދާ ފެނިގެން ދާނީ ނާރުތަކާއި ސިކުނޑިއާ ގުޅުން ހުރި ކަންކަމުގައި އެކަންޏެއް ނޫން. އެއަށް ވުރެ މާ ފުޅާ ދާއިރާއެއްގައި މީގެ ބޭނުން ހިފޭނެ،" ޑިވައިސް އީޖާދުކުރުމުގައި ބައިވެރިވެ ވަޑައިގެންނެވި ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ޕްރޮފެސަރު މައިކަލް މަހާބިޒް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ އިންސާނުންގެ ހަށިގަނޑު މިހާ ފުރިހަމަ އަށް މޮނިޓަކުރެވޭނެ ގޮތެއް މީގެ ކުރިން ނެތް ކަމަށެވެ.
މި ޑިވައިސް އަށް ހަކަތަ އުފައްދަނީ ހަށިގަނޑުގައި އުފައްދާ ވައިބްރޭޝަންތަކުންނެވެ. ޑިވައިސްގެ ފުޅާމިނަކީ މިލިމީޓަރެކެވެ. ރިސާޗަރުން މިހާރު ދަނީ މި ޑިވައިސް އިންސާނުންގެ ހަށިގަނޑު ތެރޭގައި މަދުވެގެން 10 އަހަރު އޮންނާނެ ފަދަ ގޮތަކަށް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.
މިއީ ސިއްހީ ކަންކަމުގައި ބޭނުންކުރާ ވަރަށް ގިނަ މެޝިންތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ކަމަށް ވަނީ ބެލެވިފަ އެވެ.