ކަސްރަތު ނުކުރާތީ 25 ޕަސެންޓް މީހުންނަށް ނުރައްކާ

އެކަށީގެންވާ ވަރަށް ހަށިގަނޑަށް ކަސްރަތު ނުލިބޭތީ ކޮންމެ ހަތަރު މީހަކުން އެކަކަށް ސިއްހީ ބޮޑެތި ނުރައްކާތަކުގެ ބިރު އެބަ އޮތް ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) ގެ ދިރާސާއެއްގައި ބުނެފި އެވެ.


ޑަބްލިޔު.އެޗް.އޯ އިން ބުނީ ކަސްރަތު މަދުވުމުގެ ސަބަބުން ހިތުގެ ބަލިތަކާއި ޓައިޕް 2 ޑައެބެޓީސް އާއި ހަނދާންނެތޭ ބައްޔާއި ބައެއް ބާވަތުގެ ކެންސަރުގެ ނުރައްކާ އެބަ އޮތް ކަމަށެވެ.

ދުނިޔޭގެ މިހާރުގެ ޓްރެންޑަށް ބަލާއިރު. ކަސްރަތު ކުރުން މަދުވުމުގެ މައްސަލަ ބޮޑު ކަމަށާއި މިހާރުގެ ހާލަތު ބަދަލު ނުވާ ނަމަ، 2001 ވަނަ އަހަރާ އަޅާބަލާއިރު، 2025 ވަނަ އަހަރު އަންނައިރު، ކަސްރަތުކުރުން 10 ޕަސެންޓް މަދުވާނެ ކަމަށް ވެސް ދި ލާންސިޓް ގްލޯބަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވެ އެވެ.

"ސިއްހީ އެހެން މައްސަލަތަކާ ޚިލާފަށް، މުޅި ދުނިޔެއަށް ބަލާއިރު، އެކަށީގެންވާ ވަރަށް ކަސްރަތު ނުކުރާ މީހުންގެ އަދަދު ދަށަކަށް ނުދޭ. އެވްރެޖް ގޮތެއްގައި ބަލާއިރު ދުނިޔޭގެ އާބާދީގެ 25 ޕަސެންޓް މީހުންނަކީ އެކަށީގެންވާ މިންވަރަށް ކަސްރަތު ނުލިބޭ މީހުން،" ދިރާސާގައި އިސްކޮށް ހުންނެވި ޑރ. ރެޖީނާ ވިދާޅުވެފައިވެ އެވެ.

ދިރާސާގައި ބުނި ގޮތުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ހަރަކާތްތެރިވެ އުޅުން މަދުވަމުން އަންނައިރު، ހަރަކާތްތެރިވެ އުޅުން އެންމެ މަދީ ތަރައްގީވެފައިވާ ގައުމުތަކުގަ އެވެ.