މީހެއްގެ ރަހިމުން 27 ކިލޯގެ ޓިއުމަރެއް ނަގައިފި

ސިންގަޕޫރުގައި އަންހެނެއްގެ ރަހިމުން 27.8 ކިލޯގެ ބިޔަ ފައިބްރޮއިޑެއް ނުވަތަ ޓިއުމަރެއް ނަގައި އޭނާގެ ފުރާނަ ސަލާމަތްކޮށްފި އެވެ.


ކާކުކަން ހާމަކޮށްފައި ނުވާ 53 އަހަރުގެ އެ މީހާގެ ރަހިމާއި ދެ އޯވަރީއާ ވެސް އެކު ޓިއުމަރު ނެގި އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ އޮޕަރޭޝަން ކުރި ކޭކޭ ވިމެންސް އެންޑް ޗިލްޑްރެންސް ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

ލިވް ސައިންސް އިން ބުނާގޮތުގައި ފައިބްރޮއިޑެއް "ބިޔަ" ކަމަށް ޑޮކްޓަރުން ބަލަނީ 11 ކިލޯ ހަމަވުމުންނެވެ. އެކަމަކު މި އަންހެންމީހާގެ ރަހިމުގައި އިން ޓިއުމަރު އޭގެ ދެ ގުނަ އަށް ވުރެ ވެސް ބަރެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި 26 އިންޗީގެ ޓިއުމަރު ބޮޑުކަމުން އޭނާ އަށް ނޭވާލާން ވެސް އުނދަގޫވި އެވެ. ޓިއުމަރު އުފެދެން ފެށިތާ ވީ ކިހާ ދުވަހެއްކަން ބުނަން ނޭނގޭ ކަމަށާއި އޮޕަރޭޝަންކުރަން ޖެހިދާނެތީ އެކަމަށް ފަރުވާއެއް ހޯދަން އަންހެން ބޭނުން ނުވީ ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ޑޮކްޓަރުން ލަފާކުރަނީ ޓިއުމަރު ބޮޑުވަމުން ދިޔައީ ލަސްލަހުން ކަމަށް ވާތީ، އޭގެ ސައިޒާ އެއްވަރަށް ހަށިގަނޑުން ޖާގަ ލިބެމުން ދިޔުމުން، ބަނޑަށް އުނދަގޫވުން ފަދަ މައްސަލަތަކާ އަޅާނުލާ ފަރުޖައްސާލެވުނީ ކަމަށެވެ. އެކަމަކު ހެލިފެލިވެއުޅުމާއި ނޭވާލުމުގައި އަންހެންމީހާ އަށް މައްސަލަތައް ދިމާވެ ގިނައިން އޮންނަން ޖެހިފައިވަނީ ތަންމަތީގައި ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

ލިވް ސައިންސް އިން ބުނާ ގޮތުގައި ދަރިމައިވާ އުމުރުގެ އަންހެނުންގެ ހަށިގަނޑުގައި ޓިއުމަރު އުފެދުމަކީ އާއްމު ކަމެކެވެ. އެ ގޮތުން 70 ޕަސެންޓް އަންހެނުންނަށް، އުމުރުން 50 އަހަރާ ހަމައަށް ދާއިރު އެ މައްސަލަ ދިމާވެ އެވެ. އެކަމަކު މިހާ ބޮޑުވުމުގެ ކުރިން ގިނަ މީހުން ޓިއުމަރު ނަގަ އެވެ.

ލިވް ސައިންސް އިން ބުނާގޮތުގައި ދިރިހުއްޓާ މީހެއްގެ ހަށިގަނޑުން މިހާތަނަށް ނަގާފައިވާ އެންމެ ބޮޑު ޓިއުމަރުގެ ބަރުދަނަކީ 45 ކިލޯ އެވެ.