ހީބިހި ނެގުމަކީ ދުޅަހެޔޮކަމުގެ ނިޝާނެއް

މީހަކު ބަލައިލާ ގޮތަކުން ވެސް ގައިން ހީބިހި ނަގައި، ހިތް ތެޅިގެންފާނެ އެވެ. ލިބޭ އުފަލަކާއި ކާމިޔާބީއަކާ ގުޅިގެން ވެސް ހީބިހި ނަގައިފާނެ އެވެ. އަދި މިއުޒިކް ޝޯއެއް ނުވަތަ ގަޔާވާ ކަހަލަ ފިލްމެއް ބަލާއިރު ވެސް ހަމަ ގައިން ހީބިހި ނަގާ ގޮތް ބައެއް މީހުންނަށް ދިމާވެ އެވެ.


މިކަމާ ބެހޭ ގޮތުން މިހާރު ވަނީ އާ ދިރާސާއެއް ހަދައިފަ އެވެ.

ހާވަޑް ޔުނިވަސިޓީ އާއި އޮކްސްފޯޑް ޔުނިވަސިޓީގެ ޕްރޮފެސަރުންތަކެއް ގުޅިގެން ހެދި ބާކްލޭކާޑް ދިރާސާގައި ބުނި ގޮތުގައި ހީބިހި ނެގުމަކީ މީހާގެ ސިއްހަތާއި ޝަހުސިއްޔަތު ވެސް ރަމްޒުކޮށްދޭ ކަމެކެވެ. އަދި އެއީ ދުޅަހެޔޮ ސިއްހަތެއްގައި އުފާވެރި ދިރިއުއުޅުމެއްގައި މީހާ ހުރި ކަމުގެ ނިޝާނެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ގައިން ހީބިހި ނެގުމަކީ މީހާ ރަނގަޅު މޫޑެއްގައި ހުރިކަން ވެސް ދައްކުވައިދޭ ކަމެކެވެ.

ދިރާސާ ހެދުމަށް 100 އެއްހާ މީހުންގެ ހިއްސުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް، މޮނިޓަރިން ޑިވައިސްއެއް ހަރުކޮށްގެން ލައިވް މިއުޒިކް ޝޯއެއް ބަލަން ދޫކޮށްލި އެވެ. ނަތީޖާ އިން ދެއްކީ ޝޯ ބަލައިގެން ލިބުނު އުފާވެރި އިހުސާސްތަކާ އެކު ގިނަ މީހުންގެ ގައިން ހީބިހި ނެގި ކަމެވެ.

އެގޮތުން ލައިވް ޝޯ ބަލައިގެން އަންހެނުންގެ ތެރެއިން 55 ޕަސެންޓް މީހުންނަށް ހީބިހި ތަޖުރިބާ ކުރަން ޖެހުނު އިރު، ފިރިހެނުންގެ ނިސްބަތް އުޅެނީ 46 ޕަސެންޓްގަ އެވެ.

ދިރާސާގައި ބުނި ގޮތުގައި ހީބިހި ނެގުމަކީ ކަންކަމާ ދޭތެރޭ ޕޮޒިޓިވްކޮށް ދެކުމާއި އެހެން މީހުންނާ އޮންނަ ގުޅުމުގެ ވަރުގަދަކަން ވެސް ދައްކުވައި ދޭނެ ކަމެކެވެ. އަދި އެއީ ލިބޭ ބޮޑު ކާމިޔާބީއަކާ ގުޅިގެން ވެސް ދިމާވާ ކަމެއް ކަމަށް ބުންޏެވެ. އެގޮތުން މަތީ ފާހެއް ހާސިލުވުބް ފަދަ އުފާވާ ކަހަލަ ކަންކަމަކީ ހީބިހި ނެގުމަށް މެދުވެރި ކުރުވާ ކަންކަމެވެ.