އަލަބާޓް: އެއްމާބަނޑު މީހުން ގިނަ ރަށެއް

ކުޑަ އާބާދީއެއްގެ ތެރޭގައި އެއްމާބަނޑު މީހުން ގިނަވުމަކީ އޮޅުންބޮޅުން ބޮޑު ކަމަކަށް ފަހަރުގައި ވެދާނެ އެވެ. އަދި 15،000 މީހުންގެ އާބާދީއެއްގެ ތެރޭގައި އެއްމާބަނޑު 100 މީހުން އުޅުމަކީ ހައިރާންވާ ކަހަލަ ކަމަކަށް ވެދާނެ އެވެ.


މިއީ ފިލިޕީންސްގެ ކުޑަ އަވަށެއް ކަމަށްވާ އަލަބާޓްގެ ވާހަކަ އެވެ. ތާރީހުން ވެސް ދައްކަނީ މި ރަށުގެ އާބާދީގެ ތެރޭގައި އަބަދު ވެސް އެއްބާނޑު މީހުން ގިނަ ކަމެވެ. އެކަމަކު އެއީ ސީދާ ކޮން ސަބަބަކާ ހުރެ ވާ ކަމެއް ކަމަށް މިހާތަނަށް ސައިންސް ވެރިނަށް ވެސް ހޯދިފައެއް ނެތެވެ.

ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެހެން ދިމާވުމުގެ ސަބަބަކަށް ދަރިމައިވުމަށް ބޭނުން ކުރާ ބޭސް ވެދާނެ އެވެ.

ދަ ސަން އިން އަލަބާޓްއާ ބެހޭ ގޮތުން ގެނެސްދިން ރިޕޯޓެއްގައިވާ ގޮތުން 15،000 މީހުންގެ އާބާދީއެއް އޮތް އެ ރަށުގައި މިހާރު ވެސް އެއްމާބަނޑު 100 މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި އުމުރުން ވަރަށް ދުވަސްވީ މީހުން ވެސް ހިމެނެ އެވެ.

އަލަބާޓްގެ މިހާރު އެންމެ ހަގު އެއްމާބަނޑު ދެބޭން.

އެ ނޫހުން ބުނި ގޮތުގައި އަލަބާޓްގައި މިހާރު ދިރިއުޅޭ އެންމެ އުމުރުން ދުވަސްވީ އެއްމާބަނޑު ދެބެއިންނަކީ އުމުރުން 86 އަހަރުގެ ދެ އަންހެނުންނެވެ. އެންމެ ހަގު އެއްމާބަނޑު ދެބެއިންނަށް އަދި އެންމެ ހަތަރު މަހެވެ.

އަލަބާޓްގެ އޮފިޝަލުން ބުނާ ގޮތުގައި މި ފަހަކަށް އައިސް އެ ރަށުގައި ގިނައިން އުފަން ވަނީ ވެސް އެއްމާބަނޑު ކުދިންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އަލަބާޓްގެ ކޮންމެ ތިން އާއިލާއަކުން އެއް އާއިލާއެއްގައި އެއްބާނޑު މީހުން ތިބެ އެވެ.

އަލަބާޓްގެ މިހާރު އެންމެ ދޮށީ އެއްމާބަނޑު ދެބޭން.

އަދި މިކަމަކީ ރަށަށް ޒިޔާރަތްކުރާ މީހުންނަށް ވެސް ވަރަށް ތަފާތު އަދި އާދަޔާހިލާފު ކަމަކަށްވާ ކަމަށް ޔުޑޯޝިއާ، 86، ބުންޏެވެ.

"ބައެއް ފަހަރު އެބަހުރި އަހަރެމެންގެ ފިރިންނަށް އޮޅިގެން ލަދު ގަންނަ ކަހަލަ ބައެއް ކަންކަން ހިނގާފައި ވެސް،" އޭނާ ބުންޏެވެ.