ގޭގައި ދިރިއުޅޭނެ އެކަނިވެރި މަޔަކު ހޯދަން، މަޔަކު އިއުލާންކޮށްފި

ތިން ކުދިން ތިބި، އިނގިރޭސި ވިލާތުގެ އެކަނިވެރި މަޔަކު އޭނާގެ ގޭގައި ހިލޭ ދިރިއުޅޭނެ އެކަނިވެރި މަޔަކު ހޯދަން އިއުލާންކޮށްފި އެވެ.


"ސްޕެއާ ރޫމް"ގައި ކޮށްފައިވާ އިއުލާނުގައި، ނުވަ އަހަރުގެ ފިރިހެން ކުއްޖަކާއި ހަތަރު އަހަރުގެ އެއްމާބަނޑު ދެ ފިރިހެން ކުދިން ތިބި އެކަނިވެރި މައެއް ކަމަށްވާ ފްރާންސެސް ބުނި ގޮތުގައި އޭނާ ބޭނުން ވަނީ ދަރިން ތިބި އެކަނިވެރި މަޔަކާ އަމިއްލަ ގެ ހިއްސާ ކުރާށެވެ. އެކަމަކު މިކަމަށް ޝައުގުވެރިވާ މީހަކީ ތިން އަހަރުން ދަށުގެ ކުދިން ތިބި މީހަކަށް ނުވުމަކީ ޝަރުތެކެވެ.

"އަހަރެން ބޭނުން ވަނީ އުފާވެރި، މަޖާ އަދި އަހަރެމެންނާ ގުޅިގެން ގޭގައި އުޅޭނެ އިތުރު އާއިލާއެއް،" އޭނާ ބުންޏެވެ. "މިކަމަށް ކުރިމަތިލާކަށް ވަކި ގައުމެއްގެ ވަކި އުމުރެއްގެ މީހެއް އަދި ވަކި ނަސްލެއްގެ މީހަކަށްވުން މުހިއްމެއް ނޫން. މުހިއްމީ ހިތްހަމަޖެހޭ ކަހަލަ މާހައުލެއްގައި ދިރިއުޅެން ބޭނުންވާ މަޔަކަށްވުން."

ފްރާންސެސް ބުނި ގޮތުގައި ގޭގައި ދިރިއުޅެން އަންނަ މީހާގެ ދަރިންނަށް އިތުރު ކޮޓަރިއެއް ބޭނުންވާ ނަމަ އެ އިންތިޒާމު ވެސް ހަމަޖައްސައި ދޭނެ އެވެ. އެކަމަކު އޭނާގެ ގެއަކީ ލަންޑަނުގެ ޕްރިމްރޯޒް ހިލްގެ ސްވިސް ކޮޓެޖް ސްޓޭޝަނުގައި އިމާރާތްކޮށްފައިވާ ވަރަށް ވެސް ހިތްގައިމު އަދި ކުދިންނާ ރައްޓެހި ގޮތަކަށް ފަރުމާކޮށްފައިވާ ގެއެއް ކަމަށް ބުންޏެވެ. ގޭގެ ބައެއް ފޮޓޯތައް ވެސް ސްޕެއާ ރޫމްގައި ހިމަނާފައިވެ އެވެ.

މި ގެ ހުރި ސަރަހައްދަށް ބަލާ އިރު، ފެންވަރު ރަނގަޅު ގެއެއްގެ އެވްރެޖް އަގު އުޅެނީ 1,794,906 ޕައުންޑަށެވެ.

މީހަކު ފްރާންސެސް އަށް ތައުރީފުކޮށްފައި.

ފްރޭންސެސް ބުނީ އޭނާގެ ގޭގައި ދިރިއުޅެން ޝައުގުވެރިވާ ނަމަ ކުރަން ޖެހޭނެ ކަމަކީ ހަމައެކަނި 300 ޕައުންޑް ޑިޕޮޒިޓްކޮށްލުމެވެ.

އަމިއްލަ ގޭގައި ހިލޭ ދިރިއުޅެން ފުރުސަތު ދޭން އޭނާ ނިންމާފައިވާތީ، ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ފްރާންސެސް އަށް ތައުރީފު ވެސްކޮށްފަ އެވެ. އަދި އޭނާގެ ދީލަތި ކަމަކީ ވަރަށް އާދަޔާހިލާފު ކަމެއްގެ ގޮތުގައި ބައެއް މީހުން ސިފަކޮށްފައިވެ އެވެ.