ބޮލުގައި މޮހޮރެއް؛ އެކަމަކު ވަނީ ކިހިނެއް ކަމެއް ނޭނގޭ

ޗައިނާ މީހަކު މާ ގަދަޔަށް ބޮލުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން، ބޮލުގެ ނާށިގަނޑު ފޫ އަޅުވާލާފައި ބޮލަށް މޮހޮރެއް ވަދެފައި އިންކަން އެނގިއްޖެ އެވެ.


ހޫ ނަމަކަށް ކިޔާ، އުމުރުން 43 އަހަރުގެ ފިރިހެން މީހާއާ ހަވާލާދީ ޗައިނާގެ ނޫސްތަކުން ބުނި ގޮތުގައި 48 މިލިމީޓަރުގެ މޮހޮރެއް ބޮލަށް ވަދެފައި އިންކަން އެނގުމަށް ފަހު އިތުރަށް ހައިރާންކަން ލިބުނީ އެއީ ކިހިނެއް ވަދެފައި އިން އެއްޗެއްކަން އެ މީހާ އަށް ނޭނގުމުންނެވެ.

އެ މީހާ މި މަހުގެ ފަސް ވަނަ ދުވަހު ޑޮކްޓަރަށް ދެއްކީ ބޮލުގައި ރިއްސާތާ ދެތިން ދުވަސް ފަހުން، ކެތް ނުވާ ވަރު ވުމުން ކަމަށްވެ އެވެ. ޑޮކްޓަރަށް ދެއްކުމުން ހެދި ސީޓީ ސްކޭނުން ދެއްކީ ބޮލުގެ ކަނާތްފަރާތަށް އެއްޗެއް ވަދެފައި އިންދަ އެވެ.

އެ މީހާ އަކީ ގުދަނެއްގައި ސެކިއުރިޓީ ކެމެރާތައް ބެލެހެއްޓުމުގެ ވަޒީފާގައި އުޅޭ މީހެއް ކަމަށާއި މޮހޮރު ބޭނުންކޮށްގެން މަސައްކަތެއް ނުކުރާ ކަމަށް މީޑިއާގައި ބުނެފައިވެ އެވެ.

މޮހޮރު ވަން ގޮތެއް ބެލުމަށް ވުރެ މިހާރު އިސްކަން ދީފައި ވަނީ ޔަގީނުން ވެސް އޭނާގެ ފުރާނަ ސަލާމަތްކުރުމަށެވެ. އެހެންވެ، ބޮޑު ހޮސްޕިޓަލަކަށް ބަދަލުކޮށް އޮޕަރޭޝަން ކޮށްގެން އެ ނަގަން ވަނީ ނިންމައިފަ އެވެ.