ނިދަންވީ ކިހާ ވަރަކަށް؟

ގިނައިން އިވެނީ ހަމަ ނިދި ނުލިބޭ ކަމަށް ބުނާތީ އެވެ. އެކަމަކު މަދުން ނަމަވެސް، މާ ގިނައިރު ނިދިގެން އެކަމާ ވެސް ވާހަކަ ދައްކަ އެވެ.


ނިންޖާ ބެހޭ ގޮތުން މިހާތަނަށް ކުރި އެންމެ ބޮޑު ދިރާސާގެ ގޮތުގައި ސިފަކުރާ ދިރާސާއެއްގައި ބުނަނީ ނިދި މާ މަދުވިޔަސް އަދި ގިނަ ވިޔަސް އެކަމުން ސިކުނޑި އަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

މިއީ ދުނިޔޭގެ އެކި ހިސާބުތަކުން، އޮންލައިންކޮށް 40،000 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ކޮށްފައިވާ ދިރާސާއެއްގެ ނަތީޖާ އެވެ. ދިރާސާގެ ބައިވެރިން ނިންޖާ ބެހޭ ގޮތުން ސުވާލުތަކަކަށް ޖަވާބު ދިނެވެ. އަދި ކަންކަމާ ވިސްނުމާއި ހަނދާނާއި ވާހަކަ ދެއްކުމުގެ ހުނަރު ވެސް ވަޒަންކުރި އެވެ.

މި ހޯދުމުން އެނގުނު ގޮތުގައި އެވްރެޖްކޮށް، ރޭގަނޑު 7-8 ގަޑިއިރު ނިދި މީހުން، މިއަށް ވުރެ މަދުން ނިދި މީހުންނަށް ވުރެ، މި ދިރާސާގައި ބެލި ކަންކަން މާ ރަނގަޅަށް ކޮށްފައިވެ އެވެ. އަދި މި ދިރާސާގެ ބައިވެރިންގެ ތެރެއިން ގާތްގަނޑަކަށް ދެ ބައިކުޅަ އެއް ބައި މީހުންނަކީ ރޭގަނޑު އެވްރެޖްކޮށް 6.3 ގަޑިއިރު ނިދާ ކަމަށް ބުނި މީހުންނެވެ.

ދިރާސާއިން ވަރަށް އާދަޔާ ހިލާފު ކަމެއް ފާހަގަވި އެވެ. އެއީ ރޭގަނޑު ހަތަރު ގަޑިއިރު ނުވަތަ އެއަށް ވުރެ މަދުން ނިދި ކަމަށް ބުނި މީހުންނަށް، އެ މީހުންނަށް ދިން ޓެސްޓުން ނެރެވުނީ އުމުރުން ނުވަ ވަރަކަށް އަހަރުގެ ކުއްޖެއްގެ ނަތީޖާ އެވެ. އަދި ޓެސްޓުގެ ނަތީޖާ އެންމެ ރަނގަޅަށް ލިބުނު މީހުން ނިދި ކަމަށް ބުނާ ވަގުތުގެ ދިގުމިން، އެ މީހެއްގެ އުމުރާ އެއްވެސް ގުޅުމެއް ނެތްކަން ވެސް އެނގުނެވެ.

ޖާނަލް ސްލީޕްގެ މި މަހުގެ ނުވަ ވަނަ ދުވަހުގެ އަދަދުގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނި ގޮތުގައި އެންމެ ރެޔަކު ނުނިދާ ހުރި ނަމަވެސް ވިސްނުމަށް ނޭދެވޭ އަސަރުކުރެ އެވެ. ދެން ފާހަގަވި އަނެއް ކަމަކީ ދިރާސާގައި ދިން ޓެސްޓް ހެދުމުގެ އެއް ދުވަސް ކުރިން، އެ މީހަކު އާންމުކޮށް ނިދާ ވަރަށް ވުރެ ގިނައިން ނިދި މީހުންނަށް ވެސް ޓެސްޓުން ލިބުނު ނަތީޖާ ރަނގަޅުވުމެވެ.

ރޭގަނޑު 7-8 ގަޑިއިރު ނިދުމުން ސިކުނޑީގެ މަސައްކަތް ރަނގަޅުވާ ކަމަށް މި ދިރާސާއިން ހާމަވެ އެވެ. އަދި މީގެ އިތުރުން، މީހާގެ ގާބިލްކަން އިތުރުކުރުމަށް ނިދީގެ މުހިންމުކަން ވެސް އެނގުނެވެ.