ޓިއުމަރެއް ކަމަށް ހީކޮށް އެމެރިކާ މީހެއްގެ ކިޑްނީ ނަގައިފި

އެމެރިކާ އަންހެނެއްގެ މައިބަދައަށް، ކާރު އެކްސިޑެންޓެއްގައި ލިބުނު ގެއްލުމެއް ރަނގަޅު ކުރުމަށް ކުރި އޮޕަރޭޝަނެއްގައި، ކެންސަރު ހުރި ޓިއުމަރެއް ކަމަށް ހީކޮށް އޭނާގެ އެއް ކިޑްނީ ނެގި މައްސަލައެއްގައި ބަދަލު ދޭން ކޯޓުން އަމުރުކޮށްފި އެވެ.


މައުރީން ޕަޝޭކޯ، 53، ގެ އެއްވެސް މައްސަލައެއް ނެތް، ސިއްހަތު ރަނގަޅު ކިޑްނީ ނަގާފައި ވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. ފްލޮރިޑާގައި ހުންނަ ވެލިންޓަން ރީޖަނަަލް މެޑިކަލް ސެންޓަރުގައި ކުރި އޮޕަރޭޝަންގައި ވެފައިވާ މި ބޮޑު އިހުމާލާ ގުޅިގެން އެ ސެންޓަރާއި، ޑޮކްޓަރުންގެ މައްޗަށް ވެސް ދައުުވާކުރި އެވެ.

ކިޑްނީ އަކީ ޓިއުމަރެއް ކަމަށް ހީކޮށް، އިމަޖެންސީގައި އެ ކިޑްނީ ނެގި ސާޖަރީގައި އިސްކޮށް ހުންނެވި ޑޮކްޓަރު ރާމޮން ވެޒްކުއެޒް އަކީ ވަރަށް މޮޅު، އަދި އެތައް އަހަރެއްގެ ތަޖުރިބާ ހުރި ޑޮކްޓަރެއް ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެފައިވެ އެވެ.

ޕާމް ބީޗް ޕޯސްޓުން ބުނި ގޮތުގައި މައިބަދައިގެ ސާޖަރީ ހެދުމަށް ތަންގަނޑެއް ކަފާލައި، ހުޅުވާފައި، މައިބަދަ ރަނގަޅުކުރުގެ މަސައްކަތް ފެށުމުގެ ކުރިން ޑޮކްޓަރު ވަނީ އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ކަނޑައަޅައި އެ ސާޖަރީ ފަސްކޮށްފަ އެވެ. އެއީ ޕެލްވިސްގެ ތެރޭގައި "ކެންސަރު ޓިއުމަރެއް" އޮތްތަން ފެނުމުންނެވެ. އެކަމަކު އެއީ ކިޑްނީ އެވެ.

ޕެލްވިސް ތެރޭގައި ކިޑްނީ އޮތުމަކީ އުފެދުމުގައި، ބައެއް މީހުންގެ ހުންނަ އައިބެކެވެ. އެކަމަކު އެއީ ސިއްހީ ގޮތުން އެއްވެސް މައްސަލައެއް، ނުރައްކަލެއް ނޫނެވެ.

ފަހުން އެނގުނު ގޮތުގައި، ސާޖަރީގެ ކުރިން ހަދާފައިވާ އެމްއާރްއައި ސްކޭނުން ވެސް، އަންހެން މީހާގެ ކިޑްނީ އޮތީ ޕެލްވިސްގެ ތެރޭގައިކަން އެނގެން އޮތެވެ. އެކަމަކު ޑޮކްޓަރު މި ސްކޭންތައް ބަލައިފައި ނުވާކަން، މި މައްސަލަ އަށް ފަހު ކުރި ތަހުގީގުން ވަނީ އެނގިފަ އެވެ.

ކޯޓުގައި ދެ އަހަރު ވަންދެން މައްސަލަ ބެލުމަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހު މައްސަލަ ނިންމީ އަންހެން މީހާ އަށް ބަދަލުގައި 500،000 ޑޮލަރު ދިނުމަށެވެ. އެކަމަކު އޭނާ އަށް މުޅި އުމުރަށް އުޅެންޖެހިފައިވަނީ އެއް ކިޑްނީއާ އެކުގަ އެވެ.

ޑޮކްޓަރުގެ ލައިސަންސް ވެސް ބާތިލްކޮށްފައި ނުވާއިރު، މިހާރުވެސް އޭނާ އަންނަނީ މަސައްކަތްކުރަމުންނެވެ.