އަނިޔާ ލިބޭ ކުދިން "އުމުރަށް ވުރެ ދޮށި"

ކުޑައިރު އަނިޔާ ލިބޭ ކުދިން، އެ ކުދިންގެ އުމުރަށް ވުރެ ދޮށިކޮށް ފެންނާނެ ކަމަށާއި އެހެން ވަނީ އެ ކުދިންގެ ބަޔޮލޮޖިކަލް އުމުރު މާ އަވަހަށް މަތިވާތީ ކަމަށް ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ދިރާސާއަކުން ދައްކައިފި އެވެ.


"ކުޑައިރު އަނިޔާ ލިބުމުން ބަޔޮލޮޖިކަލް އުމުރު މާ އަވަހަށް މަތިވޭ. މިކަން އުމުރުން އެންމެ އަށް އަހަރުގައި ވެސް ފެށޭ،" ހާވަޑްގައި މަސައްކަތްކުރައްވާ، ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ސައިކޮލޮޖީ ޑިޕާޓްމަންޓުގެ ތަޖުރިބާކާރު ކެޓީ މެކްލާފްލިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަނިޔާ ލިބޭ ކުދިންގެ، އުމުރުން ދުވަސްވުމުގެ އަލާމާތްތަކާ ގުޅުން ހުރި މަރުހަލާ ކުޑައިރު ވަރަށް ބޮޑަށް އަވަސްވެގެންދާ ކަމަށާއި މިކަމުގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ވެސް ކުރިމަތިވާނެ ކަމަށް ދިރާސާއިން ދައްކާ ކަމަށެވެ. ދިރާސާ ޓީމުން ބުނީ ކުދިން ފުރާވަރަށް އަޅައިގެން އަންނައިރު އާއި ސެލްތަކުގެ އުމުރު މަތިވަމުން ދިއުމާ ހުރި ގުޅުން މިހާރަށް ވުރެ ބޮޑަށް ދަސްކުރަންޖެހޭ ކަމަށެވެ. މިއީ ބަލިތައް ފަސޭހައިން ޖެހޭ ސަބަބެއް ކަމަށް ދިރާސާގައި ބުންޏެވެ.

މި ދިރާސާގައި، އުމުރުން 8-16 އަހަރުގެ 250 ކުއްޖަކު ބައިވެރިކުރި އެވެ. މި ކުދިންނާއި ކުދިންގެ ބެލެނިވެރިންނާ ސުވާލުކޮށް، އެ ކުދިންނަށް ލިބެނީ ކޮން ކަހަލަ އަނިޔާތަކެއްތޯ ބެލި އެވެ. އަދި މި ކުދިންގެ ކުޅުން ޑީއެންއޭ ސާމްޕަލް ނަގައި ސެލްތަކުގެ އުމުރަށް އަންނަމުން ދިޔަ ބަދަލު ވެސް ދެނެގަތެވެ.

ދިރާސާގައި ބައިވެރިކުރި ކުދިންގެ ތެރެއިން ހަތަރު ބައިކުޅަ އެއް ބައި ކުދިންނަކީ ޖިންސީ އަނިޔާ ލިބިފައިވާ ކުދިންނެވެ. އަދި 42 ޕަސެންޓު ކުދިންނަށް ޖިސްމާނީ އަނިޔާ ލިބިފައިވެ އެވެ. ކާން ނުލިބުމުގެ ދަތިކަން 16 ޕަސެންޓް ކުދިންނަށް އޮތެވެ.

މީގެ ތެރެއިން އަނިޔާ ލިބިފައިވާ ކަމަށް ބުނި ކުދިންގެ ސެލްތަކުގެ އުމުރު މަތިކަމާއި އުމުރު މައްޗަށްދާ ސްޕީޑް އަވަސްކަން ދިރާސާއިން ފާހަގަވި އެވެ. ސެލްތަކުގެ އުމުރު މާ ބާރަށް މައްޗަށް ދިއުމަކީ ޑިޕްރެޝަން، ކެންސަރު، ހިތުގެ ބަލި، ފަލަ ބަލި އަދި ހަނދާނާ ގުޅުން ހުރި މައްސަލަތައް ކުރިމަތިވާ ކަމެއްކަން ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފަ އެވެ.