ފެންވަރާ މާގަނޑަކީ ބެކްޓީރިއާ ހާއްޔަކަށް ވެދާނެ

ފެންވެރުމުން ހުރިހާ މިލަތަކެއް ދޮވެވި ސާފުވާނެ ކަމުގެ ޔަގީންކަން އޮވެ އެވެ. އެކަމަކު ފަހުގެ ދިރާސާއެއްގައި ބުނަނީ ފުއްޕާމޭގެ އިންފެކްޝަނެއް ޖައްސާ ނުރައްކާތެރި ބެކްޓީރިއާއެއް ފެންމާގަނޑުން ހަށިގަނޑަށް ވަދެފާނެ ކަމަށެވެ.


ފާހާނާ ކިތަންމެ ރީތިކޮށް ސާފުކުރި ކަމުގައި ވިޔަސް ފެންމާގަނޑު ސާފުކުރުމަކީ އާންމުކޮށް ކުރާ ކަމެއް ނޫނެވެ. ދިރާސާ ޓީމުން ބުނީ އެމެރިކާ އައި ޔޫރަޕްގައި ވެސް، ފެންމާގަނޑުން މައިކޯބެކްޓީރިއާ ވަރަށް ގިނައިން ފެނިފައިވާ ކަމަށެވެ. މިއީ ފުއްޕާމޭގެ އިންފެކްޝަން ޖައްސާ ބެކްޓީރިއާ ވެސް އެންމެ އާންމުކޮށް ފެންނަ އެއް ތަން ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

ޔުނިވަސިޓީ އޮފް ކޮލަރާޑޯގެ ކޯޕަރޭޓިވް އިންސްޓިޓިއުޓް ފޯ ރީސާޗް އިން އެންވަޔަރަމަންޓް ސައިންސްގެ އެސޯސިއޭޓް ރިސާޗާ މެތިއު ގިލްބާޓް ވިދާޅުވީ އަހަރެމެން މި އުޅެނީ ބެކްޓީރިއާ އިން ފުރިފައިވާ ދުނިޔެއެއްގައި ކަމަށާއި ކޮންމެ ދުވަހަކު އެތައް ބައިވަރު ބެކްޓީރިއާއަކަށް ހުށަހެޅޭއިރު ގިނަ ބެކްޓީރިއާ އިން އެއްވެސް ގެއްލުމެއް ނުވާ ކަމަށެވެ.

"... މީގެ ތެރޭގައި ކޮންމެވެސް ވަރަކަށް ގެއްލުން ދޭ ބެކްޓީރިއާ އާއި ވަރަށް ނުރައްކާ ބެކްޓީރިއާ ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

ފެން ސަޕްލައިކުރާ ސިސްޓަމުގެ ތެރޭގަ އާއި ފެންމާގަނޑުގައި ވެސް ބެކްޓީރިއާ އާލާވެ އެވެ. އެކަމަކު ފުއްޕާމޭގެ އިންފެކްޝަން ޖައްސާ ބެކްޓީރިއާ މީގެ ތެރޭގައި މަދު ކަމަށް، "އެމްބަޔޯ" ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައިވެ އެވެ.

ގިލްބާޓް ވިދާޅުވީ މި ދިރާސާ އަކީ ފެންމާގަނޑު ނަގައި އެއްލައިލަން ޖެހޭ ވަރުގެ ބިރުވެރި ހޯދުމެއް ނޫން ކަމަށާއި ކުރަންވީހާ ވެސް ކަމަކީ ފާހާނާ ސާފުކުރާއިރު ސާފުކުރާ ތަކެތީގެ ލިސްޓަށް މާގަނޑު ވެސް އިތުރުކޮށްލުން ކަމަށެވެ. ސަބަބަކީ ނުރައްކާތެރި ބެކްޓީރިއާގެ ފުރުސަތު އޮންނަ މިންވަރު ކުޑަވުމެވެ.