މަސައްކަތު މާހައުލުގައި ބުލީކުރުމުން ހިތަށް ގެއްލުން

މަސައްކަތުގެ މާހައުލުގައި ވެރިމީހާގެ ނުވަތަ އެކުގައި މަސައްކަތްކުރާ މީހުންގެ ބުލީގެ ޝިކާރައަކަށްވާ މީހުންނަށް ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.


ޔޫރަޕްގެ އެކި ގައުމުތަކުގައި 79،000 މީހުން ބޭނުންކޮށްގެން ކުރި ދިރާސާއިން މިގޮތަށް ދެއްކި ނަމަވެސް މިއީ ކީއްވެގެން ދިމާވާ ގޮތެއް ކަމެއް ދެނެގަނެވިފައެއް ނުވެ އެވެ. ނަމަވެސް، މަސައްކަތު މާހައުލުގައި ބުލީކުރުން ހުއްޓުވައިގެން، ހިތުގެ ބަލިތައް ޖެހޭ މީހުންގެ އަދަދުން ފަސް ޕަސެންޓް ދަށްކުރެވިދާނެ ކަމަށް، މި ދިރާސާގައި އިސްކޮށް ހުންނެވި، ޔުނިވަސިޓީ އޮފް ކޯޕެންހޭގަންގެ ޑޮކްޓޮރަލް ދަރިވަރެއް ކަމަށްވާ ޓިއަންވެއި ޝޫ ވިދާޅުވި އެވެ.

މި ދިރާސާއާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެމެރިކާގެ ތަޖުރިބާކާރަކު ވިދާޅުވީ މަސައްކަތު މާހައުލުގައި ބުލީކުރުމުގައި ސިއްހަތަށް ހުރި ބޮޑު ނުރައްކަލެއްކަމާ މެދު ސުވާލެއް ނެތް ކަމަށެވެ. ލޯންްގް އައިލެންޑް ޖުވިޝް މެޑިކަލް ސެންޓަރުގެ ސައިކޭޓްރިކްގެ ވެރިޔާ ކާޓިސް ރެޒައިނާ ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ދިމާވާ މިފަދަ ކަންކަމުން ހިތުގެ ބަލި ނުޖެހުނު ކަމުގައި ވިޔަސް ހިތުގެ ބަލިތައް އިތުރަށް ގޯސްވާނެ ކަމަށެވެ.

މި ދިރާސާކުރުމަށް ޑެންމާކާއި ސްވިޑަނުން، އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ 79،000 މީހެއްގެ މައުލޫމާތު އެއްކުރި އެވެ. މިއީ ހިތުގެ ބައްޔަށް ކުރިން ޑައިގްނޯޒްކޮށްފައި ނެތް މީހުންނެވެ. މީގެ ތެރެއިން ނުވަ ޕަސެންޓް މީހުންނަށް ބުލީއާ ކުރިމަތިވެފައިވެ އެވެ. އަދި 13 ޕަސެންޓް މީހުން ވަނީ ބިރުދެއްކުމާއި އަނިޔާވެރިކަމާ ވެސް ކުރިމަތިވި ކަމަށް ބުނެފަ އެވެ.

މި ހުރިހާ ކަމެއް ހިމެނޭ ގޮތަށް ބެލުމުން އެނގުނީ ބުލީކުރުމާ ކުރިމަތިލާން ޖެހުނު މީހުންނަށް، އެކަން ކުރިމަތިނުވާ މީހުންނަށް ވުރެ، ހިތުގެ ބަލީގެ ނުރައްކާ 59 ޕަސެންޓަށް އިތުރު ކަމެވެ. އަދި ބިރުދެއްކުމާއި އަނިޔާއާ ކުރިމަތިވި މީހުންނަށް ހިތުގެ ބަލީގެ ނުރައްކާ 25 ޕަސެންޓް އިތުރުވި ކަމަށް ދެއްކި އެވެ.

މި ދިރާސާ ޔޫރަޕިއަން ހާޓް ޖާނަލްގެ މި މަހުގެ 18 ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.