ކޮންމެ ފަސް މީހަކު އެކަކު މަރުވަނީ ގޯސް ކާއެއްޗެހީގެ ސަބަބުން

މީހުންގެ ސިއްހީ ހާލަތު ދަށަށް ދާ މައިގަނޑު އެއް ސަބަބަކީ ކެއުން ގޯސްވުން ކަމަށާއި ގާތްގަނޑަކަށް ކޮންމެ ފަސް މީހަކުން އެކަކު މަރުވަނީ އެކަމާ ހެދި ކަމަށް ވާތީ އާއްމުންގެ ކެއިންބުއިމުގެ އާދަތައް ރަނގަޅުކުރުވަން ސަރުކާރުތަކާއި ވިޔަފާރިތަކުން އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށް ބައިނަލްއަގުވާމީ ދިރާސާއެއްގެ ރިޕޯޓުގައި ބުނެފި އެވެ.


ދުނިޔޭގެ ނިއުޓްރިޝަން ހާލަތު ދެނެގަތުމަށް އަހަރަކު އެއްފަހަރު މިނިވަންކޮށް ތައްޔާރުކުރާ ގްލޯބަލް ނިއުޓްރިޝަން ރިޕޯޓުގެ ރިސާޗަރުން އިންޒާރު ދޭ ގޮތުގައި ހަށިގަނޑަށް ގެއްލުންހުރި އެއްޗެހި ކެއުމާއި އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން ދުނިޔޭގައި މެލްނިއުޓްރިޝަން ވަނީ އާއްމުވެފަ އެވެ.

"މުޅި ދުނިޔެ އަށް ބަލާ އިރު ވެސް ބަލިތައް ޖެހުމަށާއި މަރުވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ކެއުން ހުންނަ ގޮތް. އެއީ ވައި ނުސާފުވުމާއި ދުންފަތުގެ އިސްތިއުމާލުކުރުމަށް ވުރެ ވެސް ކުރީގައި އުޅޭ ސަބަބެއް،" ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ޕްރޮފެސަރު އަދި ރިޕޯޓު ލިޔުއްވުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖެސިކާ ފަންޒޯ ވިދާޅުވި އެވެ.

"އަހަރެމެން ކާ އެއްޗެހީގެ ސަބަބުން އަހަރެމެން މި މަރުވަނީ. އެހެންވީމާ ކާނާގެ ނިޒާމުގައި އަހަރެމެން އަނބުރާ ހަމަމަގަށް އަޅުވަން ކޮންމެވެސް ކަމެއް ކުރަން އެބަ ޖެހޭ."

ކެއުން ގޯސްވުމުގެ ސަބަބުތަކުގެ ތެރޭގައި ފައިދާ ހުރި ކާނާއާ ބެހޭ މައުލޫމާތު ލިބިފައި ނެތުމާއި އެފަދަ ކާބޯތަކެތި އަތްފޯރާ އަގެއްގައި ނުލިބުމާއި ކާބޯތަކެތި ފޯރުކޮށްނުދެވުން ހިމެނޭކަން ރިސާޗަރުން ފާހަގަކުރި އެވެ.

ދުނިޔޭގެ 194 ގައުމެއްގެ ހާލަތަށް ރިއާޔަތްކުރި އިރު އެ މީހުންނަށް އެނގުނީ މެލްނިއުޓްރިޝަންގެ ސަބަބުން ދުނިޔެ އަށް އަހަރަކު 3.5 މިލިއަން ޓްރިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ތަހައްމަލްކުރަން ޖެހޭ ކަމެވެ. އަދި ފަލަވުން ނުވަތަ އޮބީސިޓީގެ ސަބަބުން އަހަރަކު 500 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭ ކަމަށް ވެސް ދައްކަ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކޮންމެ ގައުމަކަށް ވެސް ވަނީ ކޮންމެވެސް ގޮތަކުން މެލްނިއުޓްރިޝަންއާ ކުރިމަތިލާން ޖެހިފަ އެވެ. އެއީ ލޭގައި ދަގަނޑުގެ ބާވަތް މަދު ނުވަތަ އުމުރާ ބަލާ އިރު އިސްކޮޅުން ކުރު ކުޑަކުދިން ކަމަށް ވިޔަސް، ދުޅަހެޔޮކޮށް ނުކެއުމުގެ ސަބަބުން ބަރުދަން އިތުރުވެފައިވާ އަންހެނުން ކަމަށް ވިޔަސް އެފަދަ މައްސަލަތައް ހުރިހާ ގައުމެއްގައި ވެސް އެބަ ހުއްޓެވެ. އޭގެ އިތުރުން، ފުރާވަރު އުމުރުގައި ފަލަވާ ކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށް ވެސް ރިޕޯޓު ބުނެ އެވެ.

ނިއުޓްރިޝަންގެ ދާއިރާ އިން 2025 ވަނަ އަހަރާ ހަމައަށް ހާސިލްކުރަން ޖެހޭ ނުވަ އަމާޒު ގިނަ ގައުމުތަކަށް ހާސިލްކުރެވިދާނެ ކަމަށް ނުބެލެވޭކަން ފާހަގަކޮށް ރިޕޯޓުގައި ބުނެފައި ވަނީ މި ކަމުގައި ގައުމުތަކުގެ ކުރިއެރުން ހުރީ "ބަލައިގަނުގަނެވޭ ވަރުގެ ލަސް ދުވެއްޔެއްގައި" ކަމަށެވެ.

އެކަމަކު މިހާރު މި މައްސަލައާ ބެހޭގޮތުން މާ ގިނަ އަދި މާ ރަނގަޅު މައުލޫމާތުތައް ލިބެން ހުރުމަކީ ރަނގަޅު ފިޔަވަޅުތައް އަޅަން ފުރުސަތު ލިބިދޭ ކަމެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ނެދަލެންޑްސްގެ އެމްސްޓަޑަމް ނަމޫނާއަކަށް ނަގައި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޒުވާނުންގެ ބަރުދަން އިތުރުވުމާއި ފަލަވުމުގެ މައްސަލަ ބޮޑުވެގެން، އޮބީސިޓީން ރައްކާތެރިކުރުމަށާއި އެ ބައްޔަށް ފަރުވާދިނުމުގެ އިތުރުން އެކަމާ ބެހޭގޮތުން މައުލޫމާތު ހޯދައި ދިރާސާކުރުމަށް 2012ގައި ޕްރޮގްރާމްތަކެއް ފެށި އެވެ. އެގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އާއްމު ތަންތަނުގައި ފެން ބޮވޭ ގޮތަށް އިސްކުރުތައް ބެހެއްޓުމާއި ކާބޯތަކެތީގެ އިޝްތިހާރުތަކަށް ހިފެހެއްޓުމެއް ގެނައުމާއި ދުޅަހެޔޮ ލުއިކާނާއާ ބެހޭގޮތުން ސްކޫލްތަކުގައި މައުލޫމާތު ދިނުން ހިމެނެ އެވެ. އަދި އެ ކަންކަމުގެ ސަބަބުން، އެމްސްޓަޑަމްގައި، ބަރުދަން އިތުރުވެ ފަލަވާ މީހުންގެ އަދަދު ދަށަށް ދާން ފަށައިފާވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.