މާ ގިނައިން ނިދުމުން ވެސް ފުރާނަ އަށް ނުރައްކާ ވެދާނެ

ދުވާލެއްގެ މައްޗަށް ބޭނުން ވަނީ ކިތައް ގަޑި އިރުގެ ނިދި ހެއްޔެވެ؟ މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ބޮޑު މީހަކަށް ރޭގަނޑުގެ ނިދި ހަމަ ކުރަން ބޭނުން ވާނީ 6-8 ގަޑިއިރެވެ. ދެން ސުވާލަކީ އެއަށް ވުރެ ގިނަ އިރު ނިދައިގެން އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟


ޔޫރަޕިއަން ހާޓް ޖާނަލްގައި ބުދަ ދުވަހު ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ނިދަން ކަނޑައަޅާފައި އޮންނަ މިންވަރަށް ވުރެ ގިނައިން ނިދުމަކީ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމެކެވެ. އެގޮތުން ހައްދުން ނެއްޓޭ ވަރަށް ނިދާ މީހުންނަށް ހިތުގެ މައްސަލަތައް ކުރިމަތިވެ، ސްޓްރޯކް ޖެހުން ފަދަ ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާގައި ބުންޏެވެ.

އެކާވީސް ގައުމެއްގެ މައުލޫމާތު އެއްކޮށްގެން ހަދާފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ނިދަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ނިދާ މީހުންނަށް ސްޓްރޯކް ޖެހި، ހިތް ހުއްޓުން ފަދަ މައްސަލަތައް ކުރިމަތިވެފައިވެ އެވެ. އެހެންވެ މިއީ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު 41 ޕަސަންޓަށް އޮތް ކަމެކެވެ.

"މީގައި އެންމެ މުހިއްމު ކަމަކީ ރޭގަނޑުގެ ވަގުތުގައި ނިދި ހަމަކުރުން. ދުވާލުގެ ގިނަ ވަގުތު ނިދުމަކީ ހިތުގެ މައްސަލަތައް ކުރިމަތި ކުރުވާނެ ކަމެއް،" ދިރާސާ ޓީމްގައި ހިމެނޭ ޗައިނާގެ މެކްމާސްޓާ އެންޑް ޕެކިން ޔުނިއަން މެޑިކަލް ކޮލެޖްގެ ޕީއެޗްޑީ ދަރިވަރު ޗުއަންގްޝީ ވެންގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންސާނާގެ ހަށިގަނޑަކީ ވަކި ތަރުތީބަކުން ކަންކަން ކުރިއަށް ގެންދަން ޖެހޭ ގޮތަށް ނިޒާމުތައް ހަމަޖެހިފައިވާ އެއްޗަކަށްވާތީ، ރޭގަނޑުގެ ނިންޖަކީ ވަރަށް މުހިއްމު އެއްޗެކެވެ. އަދި ނިދުމުގެ ވައްޓަފާޅި އޮޅުންބޮޅުންކޮށްފި ނަމަ، ދިރިއުޅުމުގެ ވަރަށް ގިނަ އެހެން ކަންކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ.

"މީގެ އެންމެ ބޮޑު ބިރަކީ ހިތުގެ ތަފާތު ބަލިތަކަށް މީހާ ހުށަހެޅިގެން ދިއުން،" ޗުއަންގްޝީ ވިދާޅުވި އެވެ. "އެހެންވެ ތަރުތީބު ކުރެވިފައިވާ ދުޅަހެޔޮ ލައިފްސްޓައިލެއް ފޮލޯ ކުރުން ވަރަށް މުހިއްމު."

މާ ގިނައިން ނިދާ ނަމަ ދިމާވާ ސިއްހީ އިތުރު މައްސަލަތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، ހަނދާން ބަލިވުން، ފަލަވުން، ވަރުބަލިވެ/ލޮޑުވުން އަދި ހަރަކާތްތެރިކަން ކުޑަވުން ހިމެނެ އެވެ.