ނިދުމުގެ ވަކި ގަވާއިދެއް ކުދިންނަށް ވަރަށް މުހިއްމު

ފުރާވަރުގައި ދުޅަހެޔޮ ބަރުދަނެއްގައި ހުރުމަށްޓަކައި ކުދިންނަށް އެންމެ ކުޑައިރުއްސުރެ ވެސް ގަވާއިދުން ހަމަ ނިދި ބޭނުންވާކަން އާ ދިރާސާއަކުން އެނގިއްޖެ އެވެ.


އުމުރުން ނުވަ އަހަރުގައި، ނިދާފައި ހޭލުމުގެ ވަކި ގަވާއިދަކަށް ނޫޅޭ ކުދިންނަށް އުމުރުން 15 އަހަރުގައި ނިދި ލިބޭލެއް މަދުވެފައި އިސްކޮޅާ އަޅާކިޔޭ ބަރުދަން ނުވަތަ ބީއެމްއައި މަތި ކަމަށް އެ ދިރާސާ އިން ދައްކަ އެވެ. އެއީ އުމުރާ އެއްގޮތަށް ނިދުމުގެ ވަކި ގަވާއިދަކަށް އުޅޭ ކުދިންނާ އަޅާކިޔާ އިރު އެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި ނިންޖަކީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށާއި އުނގެނުމުގެ ގާބިލްކަމަށް ވެސް އަސަރު ފޯރުވާ ކަމެއް،" އެމެރިކާގެ ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ ޕްރޮފެސަރު އޯފިއު ބަކްސްޓަން ވިދާޅުވި އެވެ.

"ކުޑައިރު ކުދިން ގެންގުޅޭ ގޮތުން، ފުރާވަރުގައި އެ ކުދިންގެ ބީއެމްއައި އާއި ޖިސްމާނީ ދުޅަހެޔޮކަން ހުންނަ މިންވަރަށް އަސަރުކުރޭ. ނިދުމުގެ ވަކި ގަވާއިދަކަށް ކުޑަ އިރު އަމަލުކުރުވުމަކީ ކުރިމަގުގައި ކުއްޖާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެން މުހިއްމު ކަމެއް."

ރަނގަޅަށް ނުނިދޭ ނަމަ ކިޔެވުމަށް އަސަރުކުރާ ކަމާއި މަރުވުމަށާއި ހިތުގެ ބައްޔާއި ސްޓްރޯކްގެ ނުރައްކާ ބޮޑުވާ ކަން ވެސް ކުރީގެ ދިރާސާތަކުން އެނގިފައިވެ އެވެ.

މި ދިރާސާގައި 2،196 ކުދިންގެ ހާލަތު ބެލުމަށް ފަހު "ސްލީޕް" ޖާނަލްގައި ޝާއިއުކޮށްފައިވާ ގޮތުގައި އުމުރުން 5-9 އަހަރުގައި އުމުރާ އެކަށީގެންވާ ގޮތަށް ނިދުމުގެ އާދަތައް ގެންގުޅެނީ ތިންބައިކުޅަ އެއްބައި ކުދިންނެވެ. އޮށޯންނަ އިރަށް ނުނިދޭ ކުދިންނަށް ވެސް ބޭނުންވާ ވަރަށް ނިދި ހަމަވާނެ ވަރަށް ވަގުތު އޮއްވާ ކުދިން ނިދަން އަރަން ޖެހޭނެކަން ބަކްސްޓަން ފާހަގަކުރެއްވި އެވެ.

ދިރާސާވެރިން ދެކޭގޮތުގައި ކުދިންގެ ނިންޖާ ބެހޭގޮތުން މައިންބަފައިންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުން ވަރަށް މުހިއްމެވެ.