ޗައިނާއިން ބޭރުގައި އައިފޯނު އުފައްދަންޖެހިދާނެ: އެޕަލް

އެމެރިކާއިން ވިޔަފާރީގެ ގޮތުން ޗައިނާ އަށް ދަތިކުރަން ކުރާ މަސައްކަތްތަކުގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަމަލުކުރާ ސިޔާސަތަކީ، ޗައިނާގައި އުފައްދާ ނަމަ އެ މުދަލަކުން ޓެކްސް ނެގުމެވެ.


އައިފޯނަކީ ޗައިނާގައި އުފައްދައި އެމެރިކާ އަށް އެތެރެކުރާ މުދަލެއް ނަމަވެސް އަދި އެޕަލް ތާށިވާ ގޮތެއް ނުވެ އެވެ. ނަމަވެސް، މަސަލަސްވުމަށް ދެކެވެމުން އަންނަ ވާހަކަތައް ކޮޅެއްގައި ނުޖެހިއްޖެ ނަމަ، އެޕަލްގެ އުފެއްދުންތަކުން 25 ޕަސެންޓް ޓެކްސް ނަގާނެ ކަމަށް ބެލެވެ އެވެ.

އައިފޯނުގެ އަގުތައް މިހާރު ވެސް އުޅެނީ އާދައިގެ ގިންތި އަށް ވުރެ މަތީގަ އެވެ. އެހެންކަމުން، ކޮންމެ ކޮންމެ މީހަކަށް އައިފޯނެއް ގަނެވޭ ވަރެއް ނުވެ އެވެ. މިކަން މިހެން އޮއްވައި، އިތުރު 25 ޕަސެންޓް އައިފޯނު އަގުގެ ގޮތުގައި ހިމަނަން ޖެހިއްޖެ ނަމަ، ވަފާތެރި ކަސްޓަމަރުންގެ ތެރެއިން ވެސް ބަޔަކު އެޕަލް ދޫކޮށް ދިއުން އެކަށީގެންވެ އެވެ.

ޗައިނާއިން ބޭރު އެހެން ގައުމެއްގައި އެޕަލް އިން އުފައްދަން ފެށުމަކީ އަލުން ވިހެއުން ކަހަލަ ކަމެއް ކަމަށް އެޕަލް ސިފަކުރެ އެވެ. އެކަމަށްޓަކައި ކުރަން ހުރި ބުރަ މަސައްކަތްތައް ލިސްޓްނުކުރެވޭހާ ގިނަ ކަމަށް އެޕަލް ބުނެ އެވެ. އެހެން ނަމަވެސް، ދެން ގޮތެއް ނެތިއްޖެ ހާލަތެއްގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލަމުން ދާ ކަމަށް ވެސް އެޕަލް ބުނެ އެވެ.

އައިފޯން އަދި އައިޕެޑް ފަދަ ބޭނުންކުރާ މީހުންނާ ގާތް އާލާތްތައް އުފެއްދުމަށް އިންޑިޔާ އަކީ ވެސް ރަނގަޅު ގައުމަކަށް ވެދާނެ ކަމަށް އެޕަލް ދެކެވެ. އަދި އެފްރިކާ ބައްރަކީ ވެސް އޮތް ފުރުސަތެއް ކަމަށް ދެކެ އެވެ.

އެޕަލްގެ އުފެއްދުންތައް އެމެރިކާ އަށް މިހާރު އެތެރެކުރާއިރު ނަގާ މިންވަރަށް ވުރެ ޓެކްސް ތަންކޮޅެއް ބޮޑުކުރުން އެޕަލް އަށް އެންމެ ރަނގަޅު ނަމަވެސް، ކެތްކުރެވެން އޮތް ވަރަށް ވުރެ ޓެކްސް ބޮޑުކޮށްފި ނަމަ، ޗައިނާ ދޫކޮށްލަން މަޖުބޫރުވާނެ ކަމަށް އެޕަލް ބުނެ އެވެ. އެހެން ނަމަވެސް އަދި ކެތްކުރެވޭތޯ ބަލާނީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.