ތުއްތު ކުދިންގެ ގައިގައި ފިރުމާލުމުން ތަދު ކުޑަވޭ

ތުއްތު ކުދިންގެ ގައިގައި މަޑުމަޑުން ފިރުމާލުމުން، ސިކުނޑީގައި ތަދުތައް އިހްސާސްވުމާ ބެހޭ ބައިގެ ހަރަކާތްތައް މަދުވެ، ތަދު އިހްސާސްވުން ކުޑަވެގެންދާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.


ޔުނިވަސިޓީ އޮފް އޮކްސްފޯޑް އަދި ލިވަޕޫލް ޖޯން މޫސް ޔުނިވަސިޓީން މި ދިރާސާ ކުރުމަށް، 25 ކުޑަކުއްޖަކު ލޭގެ ޓެސްޓް ހެދުމަށް ލޭ ނެގި އިރު ސިކުނޑީގެ ހަަރަކާތްތަކަށް އަންނަ ބަދަލުތައް ބެލި އެވެ.

މި ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިންގެ ގައިން ލޭ ނެގުމުގެ ކުރިން އެ ކުދިންގެ ގައިގައި، މަޑު ފިއްސަކުން ފިރުމި އެވެ. ދެން ތިބި ކުދިންގެ ގަޔަކު ނުފިރުމަ އެވެ.

މިގޮތަށް ބެލުމުން އެނގުނު ގޮތުގައި ފިރުމުމަށް ފަހު ލޭ ނެގި ކުދިންގެ ސިިކުނޑިއަށް ތަދު އިހްސާސްވި މިންވަރު 40 ޕަސެންޓް ކުޑަ އެވެ.

ދިރާސާގެ މުސައްނިފް ރަބެކާ ސްލޭޓާ ވިދާޅުވީ "ބީހުމަކީ އިތުރު ގެއްލުމެއް ނެތް ފަރުވާއެއް" ކަމަށެވެ.

މި ދިރާސާއިން، ފިރުމުމުގެ އެންމެ އެކަށީގެންވާ މިންވަރު ވެސް ދެނަގަތެވެ. އެގޮތުން އެންމެ ރަނގަޅީ ސިކުންތަކު ތިން ސެންޓިމީޓަރު (1 އިންޗި) އިނގިލިތައް ހިންގާލުމެވެ.

"ބެލެނިވެރިނަށް ނޭނގި ނަމަވެސް އާންމުގޮތެއްގައި ފިރުމެނީ މި ބާރުމިނުގައި،" ޕްރޮފެސަރު ސްލޭޓާ ވިދާޅުވި އެވެ.

ދިރާސާ ޓީމުން ބުނީ ދުވަސްނުފުރާ އުފަންވާ ކުދިންނަށް ވެސް މިގޮތަށް ފިރުމުމުން ތަދު ކުޑަވޭތޯ ބަލަން ދިރާސާކުރާނެ ކަމަށެވެ. އަދި އާ ދިރާސާއަކީ ކުޑަކުދިން މަސަލަސްކޮށް، ހިތްހަމަޖެހޭ ގޮތަށް ގެންގުޅުމަށް އެހީއަކަށް ވާނެ ކަމަށް ވެސް ބުންޏެވެ.