ޑިޕްރެޝަނުގެ ސަބަބުން ހިތުގެ ބަލިތަކާއި އާތުރައިޓްސް

ޑިޕްރެޝަނާއި އެންޒައިޓީއަކީ ހިތުގެ ބަލިތަކާއި އާތުރައިޓްސް ފަދަ ބަލިތަކަށް މަގުފަހިކުރުވާ ކަމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


ހެލްތު ސައިކޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ސިއްހީ މައްސަލަތަކާ އެކު، ހިތުގެ ބަލިތަކަށް ވެސް މީހާ ހުށަހެޅި، އާތުރައިޓްސް އަށް މަގުފަހިވެ، ލޭގެ ޕްރެޝަރު މަތިިވެ، ބޮލާއި ބަނޑާއި ބުރަކަށީގައި ރިއްސުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

ދިރާސާގައި ބުނި ގޮތުގައި ޑިޕްރެޝަނާއި އެންޒައިޓީއަކީ އާދަޔާހިލާފަށް ފަލަވުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ސިއްހަތަށް ލިބޭ ގެއްލުންތަކާ ދާދި އެއްކަހަލަ ސިއްހީ މައްސަލަތައް ކުރިމަތި ކުރުވާ ކަމެކެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ޑިޕްރެޝަންގެ އުނދަގޫ އާދަޔާހިލާފަށް ތަޖުރިބާ ކުރަން ޖެހޭ މީހުންނަކީ ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު 65 ޕަސަންޓަށް ބޮޑު މީހުންނެވެ.

އެފަދަ ހާލަތްތަކުގައި ސްޓްރޯކް ޖެހުމުގެ ފުރުސަތު 64 ޕަސަންޓްގައި ހުރި އިރު، ލޭގެ ޕްރެޝަރު މަތިވުމުގެ ފުރުސަތު 50 ޕަސަންޓް ބޮޑެވެ. އަދި އާތުރައިޓްސް އަށް އެފަދަ މީހުން ހުށަހެޅުމުގެ ފުރުސަތު 87 ޕަސަންޓަށް ބޮޑު ކަމަށް ދިރާސާގައި ބުންޏެވެ.

ދިރާސާ ހެދި ޓީމްގައި ހިމެނިވަޑައިގަންނަވާ އައޯފީ އޮ ޑޮނޯވަން ވިދާޅުވި ގޮތުގައި ނަފުސާނީ މައްސަލަތަކުން އެކި ކަހަލަ ކެންސަރުގެ ބަލިތަކަށް މަގުފަހި ކުރުވާ ވަރަށް ވުރެ ބޮޑަށް، މީހާގެ ނަފުސާނީ ހާލަތު ދަށްވުމަކީ ސިއްހީ އެހެން ގިނަ މައްސަލަތަށް މަގުފަހި ކުރުވާ ކަމެއްކަން ދިރާސާގެ ނަތީޖާ އިން ދައްކަ އެވެ. އެހެންވެ ނަފުސާނީ ގޮތުން ދުޅަހެޔޮ ކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

"ބޮލާއި ބަނޑާއި ބުރަކަށީގައި ރިއްސުން ފަދަ ކަންކަމަކީ ޑިޕްރެޝަނާއި އެންޒައިޓީއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން." ޑޮނޯވަން ވިދާޅުވި އެވެ.