ޒުވާންކަންް ހޯދަން ކުރަންވީ ކަމަކީ ހިނގުން

އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑީގެ ބާރު ދަށްވެ ހަނދާން ބަލިވެފައިވާ މީހުން ހިނގުން ފަދަ ލުއި ކަސްރަތު އާންމުކޮށް ކުރާ ނަމަ ސިކުނޑި ޒުވާންކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


މި ދިރާސާގައި، އުމުރުން ދުވަސްވުމުގެ ސަބަބުން ހަނދާނާއި ވިސްނުމުގެ މައްސަލަ ކުޑަކޮށް ކުރިމަތިވެފައިވާ މީހުންތަކެއް ބައިވެރިކުރި އެވެ. މި މީހުންނަށް ދިން އެކި ފަރުވާތަކުގެ ތެރެއިން، ހަ މަސް ދުވަސް ވަންދެން އާދަވެ ހިނގުމާއި ކަސްރަތަށް ބައިސްކަލް ދުއްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ބައެއް މައްސަލަތައް ހައްލުވި އެވެ.

މި ހޯދުމުން އެނގުނު ގޮތުގައި ސިކުނޑިން ކަންކަމަށް ސަމާލުކަން ދިނުމާއި އުޅުން ބައްޓަންކުރުމާއި ކަންކަން ރާވައި ވަކި އަމާޒަކަށް މަސައްކަތްކުރުން ފަދަ އެންމެ އަސާސީ ކަންކަމަށް މި ލުއި ކަސްރަތުތަކުން ވަރަށް ރަނގަޅު އެދެވޭ ބަދަލުތަކެއް އައިސްފައިވެ އެވެ. އަދި ކަސްރަތު ކުރި މީހުންގެ ތެރެއިން މޭވާ އާއި ތަރުކާރީ ކެއުން އިތުރުކޮށް ސިއްހަތަށް ފައިދާހުރި ގޮތަށް ކެއުން ބަދަލުކުރި މީހުންގެ ކިބައިން ފެނުނު ބަދަލުތައް މާބޮޑަށް ރަނގަޅެވެ.

ހަ މަސް ދުވަހުގެ ކަސްރަތުން ސިކުނޑީގެ އުމުރު ނުވަ އަހަރު ފަހަތަށް ޖެހި ޒުވާންވާ ކަމަށް، ދިރާސާގައި އިސްކޮށް ހުންނެވި ޖޭމްސް ބްލޫމެންތަލް ވިދާޅުވި އެވެ. އޭނާ އަކީ ޑިއުކް ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިންގެ ޕްރޮފެސަރެކެވެ.

ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން ހަމަ އެކަނި ސިއްހީ ގޮތުން މައުލޫމާތު ދިން މީހުންގެ ސިކުނޑީގެ ހާލަތު ރަނގަޅު ނުވެ ދަަށްވަމުން ދިޔަ އެވެ.

ތަޖުރިބާކާރުން ވިދާޅުވީ މިއީ ސިކުނޑީގެ ދުޅަހެޔޮ ކަމަށް، ސިއްހީ ރަނގަޅު ދިރިއުޅުމެއްގެ މުހިންމުކަން ހާމަވެގެން ދިޔަ ދިރާސާއެއް ކަމަށެވެ.