އެންޖެލީނާ ޖޮލީ ސިޔާސީ ދާއިރާ އިން ފެނިދާނެ ކަމުގެ އިޝާރާތެއް ދީފި

ކުރިއަށް އޮތް ތަނުގައި ސިޔާސީ ދާއިރާ އިން ފެނިދާނެ ކަމުގެ އިޝާރާތެއް، ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ ދީފީ އެވެ.


އިޖުތިމާއި ބޮޑެތި މައްސަލަތަކާ ދެކޮޅަށް ޔޫއެންގެ ރެފިއުޖީ އެޖެންސީއާ އެކު ގިނަ މަސައްކަތްތައް ކުރަމުން އަންނަ ބަތަލާ ބީބީސީ ރޭޑިއޯ 4 ގެ "ޓުޑޭ" ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާގެ ހިދުމަތް ބޭނުންވާ ދާއިރާއެއް ނަމަ އެ ދިމާއަކަށް ދާން މިހާރު މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ.

"އެކަމަކު މީގެ ވިހި އަހަރު ކުރިން އަހަންނާ ތި ސުވާލު ކުރި ނަމަ އެއަށް ހަމަ ހިނިގަނޑެއް ޖަހައިލާނީ،" ސިޔާސީ ދާއިރާ އިން ފެނިދާނެތޯ ޕްރެޒެންޓަރު ޖަސްޓިން ވެބް ސުވާލު ކުރުމުން ހަ ކުދިންގެ މަންމަ ބުންޏެވެ. "އެކަމަކު މިހާރު އަހަރެންގެ ހިދުމަތް [ސިޔާސީ ދާއިރާ އަށް] ބޭނުންވާ ކަމަށް ވަންޏާ އެ ދިމާއަކަށް ދާން އެއީ މައްސަލައެއް ނޫން ކަންނޭނގޭ. އެކަމަކު އަހަރެން ސިޔާސީ ދާއިރާ އަށް ފިޓްތޯ ނޫންތޯ ބުނާކަށް އަމިއްލައަކަށް ނޭނގޭ."

ދެހާސް ސޯޅަ ވަނަ އަހަރު އެކްޓަރު ބްރެޑް ޕިޓްގެ ކައިރިން ވަރިވި ބަތަލާ ބުނި ގޮތުގައި ޔޫއެންއާ އެކު އޭނާ ކުރާ މަސައްކަތުގެ ސަބަބުން ދުނިޔޭގެ ގައުމުތަކަށް ޒިޔާރަތް، ސަރުކާރުތަކުގެ އިސްވެރިންނާ ބައްދަލު ކުރެވި މައްސަލަތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އިސް ދައުރެއް މިހާތަނަށް އަދާ ކުރެވިފައިވެ އެވެ.

އެގޮތުން ރެފިއުޖީންގެ މައްސަލަތަކާއި އަންހެނުންނަށް ދިމާވާ ޖިންސީ އަނިޔާތައް ފަދަ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކޮށް، އަޑު އުފުލަން ފުރުސަތު ލިބިފައިވާ ކަމަށް ބުންޏެވެ.

"ދުނިޔެ ބަދަލުތަކަށް ކުރާ މަސައްކަތުގެ ތެރޭގައި އަހަރެންގެ ހިއްސާ އެބަދެވޭ ކަންނޭނގޭ މިހާރު ވެސް ކޮންމެ ވެސް ހައިސިއްޔަތަކުން. އެހެންވީމާ ވަކި ނަމެއް ކިޔާ މަގާމެއްގައި ހުރުން މުހިއްމުތޯ ނޫންތޯ އެ ވެސް ސުވާލެއް ކަންނޭނގޭ،" ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބަތަލާ ބުންޏެވެ.

ބަތަލާއެއްގެ އިތުރުން މިހާރު ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ޖޮލީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް ކަމަށް ވާދަ ކުރާ މީހުންގެ ތެރޭގައި ހިމެނި ދާނެތޯ "ޓުޑޭ" ގައި ސުވާލު ކުރުމުން އޭނާ ބުނީ އެކަހަލަ ވިސްނުމެއް އެއްވެސް ވަރަކަށް ނެތް ކަމަށެވެ.

ޖޮލީ، 43، ގެ ކުރިއަށް ހުރި ފިލްމުތަކަކީ "މެލަފިޝަންޓް 2" އާއި "ކަމް އަވޭ" އެވެ.