ފިތުނައިގެ މަފްހޫމް ރަނގަޅަށް ދެނެގަތުމުގެ މުހިންމުކަން

އިސްލާމީ ނަޒަރުން ބަލާއިރު ދިރިއުޅުމުގެ މުޅި ހަޔާތަކީ އިމްތިހާނެކެވެ. މި އިމްތިހާނުގައި އިންސާނާ ކުރިމަތިލާން ޖެހެނީ ތަފާތު ފިތުނަ ތަކާ އެވެ. އެބަހީ، އިންސާނާ ހައްގުން އެއްކިބާ ކުރުވަނިވި ނުވަތަ އިންސާނާގެ ބުއްދި އާއި މުދާވެރިކަން ފަދަ ކަންކަން ބީވެގެންދަނިވި ދިރިއުޅުމުގެ އިމްތިހާނުތަކާ އެވެ. މި ހާލަތްތަކުގައި އިންސާނާ ކުރަން ޖެހޭ ކަމަކީ ފިތުނަތަކުން ސަލާމަތްވެ އިމްތިހާނުން ފާސްވުމެވެ. އެހެންކަމުން ފިތުނަ އަކީ ކޮބައިކަމާއި، ފިތުނައިގެ ބާވަތްތަކަކީ ކޮބައިކަމާއި، ފިތުނައިގައި ޖެހޭ ސަބަބުތަކަކީ ކޮބައިކަމާއި، ފިތުނަ އާއި ދިރިއުޅުމުގެ އިމްތިހާނާ ހުރި ގުޅުމަކީ ކޮބައިކަން ކޮންމެ މުސްލިމަކަށް ވެސް އެނގުން މުހިންމު ވެ އެވެ.


ކީރިތި ޤުރުއާނުގައި ފިތުނައިގެ ލަފުޒު ސާޅީސް ފަސް ފަހަރު އައިސްފައިވާ އިރު އެ ހުރިހާ ތަނެއްގައި ވެސް އެކުލެވިގެންވާ މާނައިގެ ހުލާސާ އަކީ ފިތުނައަކީ، އިމްތިހާނުގެ ދަނޑިވަޅުތަކުގައި ނާކާމިޔާބުވެ ކުށްތަކާއި ފާފަތަކަށް އަރައިގަތުން ނުވަތަ މަގުން ކައްސާލުމެވެ. އަދި މިކަމުގެ ނުބައި އަސަރުތައް އެމީހަކަށާއި އެހެން އެތައް ބަޔަކަށް ފެތުރިގެން ދިއުމެވެ. އެހެންވެ، ކީރިތި ޤުރުއާނުގެ އަލްއަންފާލު ސޫރަތުގެ 25 ވަނަ އާޔަތުގައި ﷲ އަންގަވަނީ ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވެ ތިބުމަށެވެ. އެ އާޔަތުން ދޭހަވާ ގޮތުގައި ފިތުނަ އައިސް ޖެހެނީ އަނިޔާވެރިވީ މީހުންނަށް އެކަންޏެއް ނޫނެވެ. އެނޫން އެހެން އެތައް ބަޔަކާ ހަމައަށް ވެސް އެ ފެތުރިގެންދެ އެވެ.

ފިތުނައިގައި ޖެހޭ ސަބަބުތަކާއި އޭގެ ގެއްލުންތައް

އިންސާނާ ފިތުނައިގައި ޖެހޭ އެންމެ ބޮޑު ސަބަބަކީ ފިތުނައިގެ މަފްހޫމް ނުވަތަ އޭގެ ހަގީގަތް ނޭނގުމެވެ. މީގެ ސަބަބުން ވާ ގޮތަކީ، ހެޔޮ ކަމަކުން އިންސާނަކު އިމްތިހާނު ކުރެވިއްޖެ ނަމަ އެއީ ﷲ އޭނާ މާތް ކުރެއްވީ ކަމަށް ބަލަ އެވެ. އަދި ނުބައި ކަމަކުން އިމްތިހާނު ކުރައްވައިފި ނަމަ އެއީ ﷲ އޭނާ ނިކަމެތި ކުރެއްވީ ކަމަށް ބަލަ އެވެ. (އަލްފަޖްރު 15-16). އިމްތިހާނު ކުރެއްވުމުގެ ގޮތުން އަންނަ މި ފިތުނަތަކާ މެދު މިގޮތަށް ބަލައިފި ނަމަ ފިތުނައިގައި ޖެހޭނެކަން ކަށަވަރެވެ. ސަބަބަކީ، ހެޔޮ ކަމަކުން އިމްތިހާނު ކުރެވޭ ހިނދު ބޮޑާވެ، ތިމާ މިހުރީ ﷲ ގެ ރުހިވޮޑިގަތުމާއި ލޯބި ހާސިލުކޮށްގެން ކަމަށް ދެކި، ކޮންމެ ފަދަ ގޮތަކަށް ތިމާ އުޅުނަސް މައްސަލައެއް ނޯންނާނެ ކަމަށް ދެކޭތީ އެވެ. ތިމާ އަށް މި ދަރަޖަ މި ލިބުނީ ތިމާގެ ހުރި މޮޅު ކަމުން ކަމަށް ދެކޭތީ އެވެ. އަދި ﷲ އަށް ޝުކުރު ކުރުމާއި އެކަލާނގެ އަށް ކިޔަމަން ގަތުން ހަނދާންނެތޭތީ އެވެ. މީގެ އަނެއް ކޮޅަށް ބަލާއިރު ނުބައި ކަމަކުން އިމްތިހާނު ކުރެވޭ ހިނދު އަމިއްލަ ނަފްސުގެ އަގު ދަށްކޮށް މާޔޫސް ކަމާއި ކަންބޮޑުވުމާއި ހާސްވުމުގެ ތެރެއަށް ވަދެވޭތީ އެވެ. ތިމާ މިހުރީ ﷲ ގެ ރަހުމަތުން ބޭރަށް ލެވިފައި ކަމަށާއި ދެން ﷲ ގެ ލޯބި ލިބޭނެ ގޮތެއް ނެތް ކަމަށް ގަބޫލު ކުރެވޭތީ އެވެ.

އިންސާނާގެ ނަފްސަށާއި ސުލޫކަށް އަންނަ މި ގަޑުބަޑު ކީރިތި ޤުރުއާނުގައި އެތައް ތަނެއްގައި ބަޔާން ކުރައްވާފައިވެ އެވެ. މިގޮތުން އައްރޫމް ސޫރަތުގެ 56 ވަނަ އާޔަތުގައި ބަޔާން ކުރައްވަނީ "އަދި ތިމަން ﷲ މީސްތަކުންނަށް ރަހުމަތެއްގެ ރަހަ ދައްކަވައިފި ނަމަ އެއާ މެދު އެއުރެން އުފާ ކުރެތެވެ. އަދި އެއުރެންގެ އަތްތަކުން އިސްކުޅަ ކަންތައްތަކެއްގެ ސަބަބުން، އެއުރެންނަށް ނުބައި ކަމެއް ދިމާވެއްޖެ ނަމަ އެހިނދު އުއްމީދު ކަނޑާލާ ބަޔަކު ކަމުގައި އެއުރެން ވޫއެވެ." ފުއްސިލަތުގެ ސޫރަތުގެ 49 ވަނަ އާޔަތުން އެނގޭ ގޮތުގައި ހެޔޮކަންތަކަށް ދުއާ ކުރަން އިންސާނާ ފޫއްސެއް ނުވެ އެވެ. އެކަމަކު ނުބައިކަމެއް ހަމަ ޖެހިދާ ހިނދުން އުންމީދު ކެނޑި ހިތްމަރުވެފައިވާ މީހަކަށް އިންސާނާ ވެދެ އެވެ. ޖެހިގެން އޮތް ދެ އާޔަތުގައި މި ފަދަ އިންސާނާގެ ހާލަތާއި ސުލޫކު އިތުރަށް ޝަރަހަ ކުރައްވާފައި ވެއެވެ.

ދިރިއުޅުމުގެ އިމްތިހާނެއްގެ ގޮތުގައި ކުރިމަތިވާ ފިތުނަތަކުގައި ޖެހިއްޖެ ނަމަ އޭގެ ސަބަބުން އިންސާނާގެ އަގީދާ އަށާއި އަޚުލާގަށާއި އިޖުތިމާއީ ގުޅުންތަކަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެ އެވެ. މިސާލަކަށް ހެޔޮ ކަމަކުން އިމްތިހާނު ކުރެވުން އެއީ ﷲ އޭނާ އަށް ރުހިވޮޑިގެން ވުމުގެ ދަލީލެއް ކަމަށް ބަލައިފި ނަމަ ނުބައި ކަންކަން ނައްތާލުމުން އެއްކިބާވާނެ އެވެ. ކޮންމެ ގޮތަކަށް ތިމާގެ އަމަލުތައް ހުއްޓަސް އެއީ ރަނގަޅު ގޮތެއް ކަމަށް ދެކޭނެ އެވެ. އަމިއްލަ ސުލޫކު މުރާގަބާ (އޮބްޒާވް) ކުރަން ހަނދާނެއް ނުހުންނާނެ އެވެ. ކުށެއް ހެދޭ ކަމަށް ގަބޫލެއް ނުކުރާނެ އެވެ. މި ޣާފިލު ކަމުގެ ނަތީޖާއެއްގެ ގޮތުން ނުބައި ކަންކަމަށް ނަސްރު ދޭން ވެސް ފަހެއް ނުޖެހޭނެ އެވެ. ﷲ ގެ ހައްދުތަކަށް އަރައިގަންނަން ޖެހިލުމެއް ނުވާނެ އެވެ. މުދަލާއި ޖާހާއި ސިއްހަތާއި ނުފޫޒާއި ވެރިކަމާއި ކާމިޔާބު ފަދަ ކަންކަމުން އިމްތިހާނު ކުރެވޭ ވަރަށް ގިނަ ބައެއްގެ ފަރާތުން މި މަންޒަރު ފެނިގެން ދެ އެވެ.

ހަމަ މިފަދައިން ނުބައި ކަމަކުން އިމްތިހާނު ކުރެވުން އެއީ ﷲ އޭނާ ނިކަމެތި ކުރެއްވުމާއި އޭނާ އަށް އެކަލާނގެ ނުރުހުންތެރިވެ ވޮޑިގެންނެވި ކަމުގެ ދަލީލެއް ކަމަށް ބަލައިފި ނަމަ ނަފްސުގެ އަގު ދަށްކުރާނެ އެވެ. ތިމާ އަކީ ނުބައި ކަންކަން ނައްތާލުމަށް ގާބިލު މީހެއް ނޫން ކަމަށް ދެކޭނެ އެވެ. ދިރިއުޅުމުގެ ހަޔާތުގައި ގަދައަޅައި މަސައްކަތް ކުރުމުގެ ބަދަލުގައި ނުކުޅެދުންތެރިކަން އިހުސާސްކޮށް ކަންނެއް ވެދެ އެވެ. ފަގީރު ކަމާއި ނިކަމެތި ކަމާއި ދިރިއުޅުމުގައި ނާކާމިޔާބުން އިމްތިހާނު ކުރެވޭ ވަރަށް ގިނަ ބަޔަކު މި ފިތުނައިގެ ތެރެއަށް ވަދެއެވެ.

ފިތުނައިގެ ދާއިރާތަކާއި އެއިން ސަލާމަތްވާނެ ގޮތްތައް

ފިތުނައިގެ އިމްތިހާނުތައް ވަރަށް ގިނަ އޭރިއާތަކުން ފެނިގެން ދެ އެވެ. މިގޮތުން ވިސްނުމާއި އަގީދާގެ ފިތުނަ ހިމެނެ އެވެ. ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވާ ގިނަ ފިތުނަތައް ގުޅިފައި ވަނީ މި އޭރިއާ އަށެވެ. މީގެ އިތުރުން މުދަލާއި ދަރިންގެ ފިތުނަ ހިމެނެ އެވެ. ޖާހާއި އާރާއި ބާރުގެ ފިތުނަ ހިމެނެ އެވެ. އަންހެނުންނާއި ފިރިހެނުންގެ ފިތުނަ ހިމެނެ އެވެ. ޚިޔާލު ތަފާތުވުމުގެ ތެރެއިން އުފެދޭ ފިތުނަ ހިމެނެ އެވެ. އަޚުލާގީ ފިތުނަ ހިމެނެ އެވެ. ބައެއް ހަދީސް ފޮތް ތަކުގައި ފިތުނައާ ގުޅުން ހުރި ހަދީސްތަކަށް ޚާއްސަ ކުރެވިފައިވާ ވަކި ބާބެއް އޮވެ އެވެ. މި ފަދަ ބާބުގައި ފިތުނައިން ސަލާމަތް ނުވެވޭ މީހުންގެ މުސްތަގުބަލުގެ ތަސައްވުރު ކުރެވިފައިވެ އެވެ.

މި ހާލަތުން އިންސާނާ އަރައިގަތުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު ކަމަކީ، ދިރިއުޅުމުގެ ހަޔާތާއި އިންސާނާއާ ދެމެދު މި އޮންނަ އިމްތިހާނީ ގުޅުމުގެ ރަނގަޅު ތަސައްވުރެއް ލިބިގަތުމެވެ. ތަރުބިޔަތު ކުރުމުގެ ތެރެއިން ދިރިއުޅުމުގެ އިމްތިހާނުގެ ހަގީގަތްތައް ދަސްކުރުމެވެ. ނުބައި ކަންކަމުން އިންސާނާއަށް ކުރެވޭ އިމްތިހާނަށް އެކަނި ވިސްނައި މުޅި ދިރިއުޅުމަކީ "ނުބައި" ކަމަށް ބަލަން އާދަ ނުކުރުމެވެ. އަދި މިގޮތުން އިންސާނާ އަށް އޮތީ ހަމައެކަނި ކެތްކޮށްގެން ހުރުން ކަމަށް ތަސައްވުރު ވިޔަ ނުދިނުމެވެ. އޭގެ ބަދަލުގައި ނުބައި ނައްތާލަން މަސައްކަތް ކުރުމެވެ. ނުބަޔަށް ތިމާ ލެނބެން އާދަ ނުކުރުމެވެ. އަދި ކެތްތެރި ވުމަކީ މިގޮތަށް ލެނބުން ނޫންކަން ގަބޫލު ކުރުމެވެ. ދެވަނަ ކަމަކީ، ދިރިއުޅުމުގެ އިމްތިހާނާ ގުޅުންހުރި އެހެން މަފްހޫމްތައް ވެސް އިދިކޮޅަށް މާނަ ނުނެގުމެވެ. މިގޮތުން މިސާލަކަށް ޒާހިދުކަމަކީ ތިމާ ފަގީރު ހާލަތުގައި އުޅުން ނޫން ކަމަށް ގަބޫލު ކުރުމެވެ. އަދި އެއީ މަސައްކަތެއް ނުކޮށް ތިބެން ދައްކާ އުޒުރަކަށް ނުހެދުމެވެ. އެހެން މިސާލަކީ ވަކީލު ކުރުމެވެ. މިގޮތުން ވަކީލު ކުރުމަކީ ސަބަބުތަކުގައި ނުހިފައި ކަންނެއްކަން މަތީ ހުރުމަށް އޮތް އުޒުރެއް ކަމަށް ނުބެލުމެވެ. ކަމެއް ކުރުމުގައި "އިރާދަ ކުރެއްވިއްޔާ" އޭ ބުނާ ބުނުން އެއީ އެކަން ނުކުރާނެ ކަމުގެ ދަލީލެއް ކަމަށް ނުހެދުމެވެ. އޭގެ ބަދަލުގައި އެއީ އެކަން ކުރާނެ ކަމުގެ ޔަގީންކަން ދިނުން ކަމަށް ބެލުމެވެ.

ހަމަ މި މޭރުމުން އަނެއްކޮޅުން ބަލާ އިރު ރަނގަޅު ކަންކަމުން ކުރެވޭ އިމްތިހާނަށް އެކަނި ބަލައި ދިރިއުޅުމަކީ އުފަލާއި މަޖަލާއި އަރާމު ކުރުން ކަމަށް ނުބެލުމެވެ. ޤާރޫނުގެ މަންހަޖު ކޮޕީކޮށް އާޚިރަތުގެ މަތިން ހަނދާން ނައްތާލައި ހަމައެކަނި ދުނިޔެއަށް ވިސްނުމުގެ އުސޫލު ދޫކޮށްލުމެވެ. އޭގެ ބަދަލުގައި އަބޫބަކުރުގެފާނާއި އުމަރުގެފާނާއި އުޘްމާނުގެފާނު ފަދަ ބޭފުޅުން ދިރިއުޅުމުގެ އިމްތިހާނުތަކާ ކުރިމަތި ލެއްވުމުގައި ގެންގުޅުއްވި މަންހަޖަށް ތަބާވުމެވެ. ﷲ ގެ ނިއުމަތްތަކުގެ އަސަރު ފެނުމަކީ ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ ކަމެއް ކަމަށް އޮންނަ ހަދީސް ފަދަ ހަދީސްތަކުގެ މާނަ އަކީ ތިމާ ހިތު ހުރި ގޮތަކަށް އިސްރާފުކޮށް ދިރިއުޅުމުގައި މަޖާ ނެގުން ކަމަށް ބެލުން ފަދަ ގޮތްގޮތަށް މާނަ ކުރުމުން ދުރުހެލި ވުމެވެ. މިގޮތުން ފިތުނައިގެ މަފްހޫމް އޭގެ ހަގީގަތާ އެއްގޮތަށް ދެނެގަތުން ވަރަށް މުހިންމެވެ.