އެއް ފަހަރާ ބަލިވެއިން 7 ނަރުހުންގެ ދަރިން ދައްކާލައިފި

އެމެރިކާގެ އެރިޒޯނާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި މަސައްކަތްކުރާ 16 ނަރުހަކު މިދިޔަ އަހަރު އެއްފަހަރާ ބަލިވެ އިނުމުން އެތަނުގެ މަސައްކަތަށް ވަރަށް ބޮޑު ބުރޫ އެރި އެވެ. އެކަމަކު އެއަށް ވުރެ އެ 16 ނަރުހުންގެ ވާހަކަ އަށް ލިބުނު ސަމާލުކަން މާބޮޑެވެ.


އަނެއްކާ ވެސް އައު އަހަރާ އެކު މިއޮތީ ހަމަ އެމެރިކާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ 7 ނަރުހަކު އެއްފަހަރާ ބަލިވެ އިނދެ ވިހޭ ކުދިން ދައްކައިލި ވާހަކަ އެވެ. ހަތް ނަރުހުން ވަނީ އެ މީހުންގެ ދަރިންނާ އެކު ނެގި ފޮޓޯ ވެސް މިހާރު އާންމުކޮށްފަ އެވެ.

މި 7 ނަރުހުން އެއްފަހަރާ ބަލިވެއިންކަން އިއުލާން ކުރީ ވެސް ހަމަ ހާއްސަ ފޮޓޯއަކުންނެވެ. އެ މީހުން ވިހާފައި ވަނީ މިދިޔަ އޮގަސްޓާއި ޑިސެމްބަރާ ދެމެދުގަ އެވެ.

ހަތް ނަރުހުންގެ ތެރޭގައި ހިމެނެނީ އެންޑާސަން ހޮސްޕިޓަލް ޕެވީލިއަން ފޮ ވިމެންގެ އޮބްސްޓިޓްރިޝަން ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މީހުންނެވެ. މި ހަތް ނަރުހުންގެ ތެރެއިން ތިން ނަރުހުންނަށް ލިބުނީ ފިރިހެން ދަރިންނެވެ. އަނެއް ހަތަރު ނަރުހުންނަށް ލިބުނީ އަންހެން ކުދިންނެވެ.

ކުދިންގެ ފޮޓޯތައް ދައްކައިލި އިރު އަންހެން ކުދިންނަށް ހާއްސަ ކުރީ ފިޔާތޮށްޓާއި ހުދު ކުލަ ހިމެނޭ ޓީޝާޓެވެ. އަދި އެ ކުދިންގެ ބޮލުގައި އިނީ ފިޔާތޮށި ކުލައިގެ ބޭންޑް ވެސް އަޅައިފަ އެވެ. ފިރިހެން ކުދިންގެ ކުލައަކީ ނުލާއި ހުދެވެ.

ޓީޝާޓްގެ ފަހަތުގައި ނަމްބަރު ޖަހާފައި އިނީ ކުދިން އުފަންވި ތަރުތީބުންނެވެ. ޓީޝާޓްގެ މޭމަތީގައި "އެލީޓް 8" ޖަހާ އިނީ ހަމަ މި ކުދިންނާ އެކު އެކީގައި އޯބީ ޓެކެއްގެ ގޮތުގައި މަސައްކަތް ކުރާ ސްޓެވޭނިއާ ވިހޭ ކުއްޖާ ވެސް ނިސްބަތްވާ ގޮތަށެވެ. އެކަމަކު އޭނާގެ ދަރިފުޅު "އެލީޓް 8" ގެ ގްރޫޕްގައި ހިއްސާއެއް ނުވެ އެވެ.