ބައި ޑޮލަރު ނާރާ ބިލަކަށް 500 ޑޮލަރުގެ ޓިޕެއް

އެމެރިކާގެ ރެސްޓޯރަންޓަކުން ހަމައެކަނި ފެން ބުއި ކަސްޓަމަރަކު އޭނާގެ ބިލަށް އެރި 37 ސެންޓުގެ ބިލް އަދާކުރި އިރު ހިދުމަތް ދިން ވެއިޓަރަށް ޓިޕްގެ ގޮތުގައި 500 ޑޮލަރު ދީފި އެވެ. ކުޑަކުޑަ ބިލަކަށް މިހާ ބޮޑު އަދަދެއް ހަދިޔާއެއްގެ ގޮތުގައި ދިނީ ވެއިޓަރު އެހެން ދުވަހަކު ކޮށްފައިވާ ހެޔޮ ކަމެއްގެ ބަދަލުގައިކަން އެނގުނީ މާފަހުންނެވެ.


އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި ޓިޕް ދިނުމަކީ އާންމު ކަމަކަށް ވިޔަސް އެމެރިކާ އަކީ ޓިޕް ދިނުމަށް މާބޮޑު އިސްކަމެއް ދޭ ބަޔަކު އުޅޭ ގައުމެއް ނޫނެވެ. އެހެންވެ އެމެރިކާ ފަދަ ގައުމެއްގައި މިހާ ކުޑަ ބިލަކަށް ޓިޕްގެ ގޮތުގައި މިހާ ބޮޑު އަދަދެއް ދިނުމަކީ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ.

އެޕަލްބީސް ރެސްޓޯރަންޓުގައި ވަޒީފާ އަދާކުރާ ވެއިޓަރު ކޭސީ ސިމަންސް، 32، އަށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު 500 ޑޮލަރުގެ ޓިޕް ލިބުނު އިރު އޭނާ ކަސްޓަމަރަށް ކޮށްދިންހާ ވެސް ކަމަކީ "ފްލެވާޑް ފެން" ދިނުމެވެ. ކަސްޓަމަރު ބިލް ދެއްކިއިރު 500 ޑޮލަރުގެ ޓިޕް ދިން ސަބަބު އެނގުނީ މޭޒު ސާފުކުރަން ދިޔައިރު ޓިޝޫ ކަރުދާސްކޮޅެއްގައި ލިޔެފައި އޮތް ނޯޓަކުންނެވެ.

"އަހަރުގެ އެންމެ ހިތްދަތި ދުވަހު ... ތި ވަނީ އަހަރެންގެ މަންމަގެ ހިތް އުފާކޮށްދީފަ އެވެ. މަންމަ ގަތް އެއްޗިއްސަށް ފައިސާ ވެސް ދެއްކި އެވެ. އަހަރެންގެ މަންމަ އަކީ ވަރަށް ރީތި މީހެއް ކަމަށް ބުނެ އޭނާ އުފާކޮށްދިނެވެ. ބައްޕަ މަރުވި ފަހުން މަންމަގެ މޫނުމަތިން މިވަރުގެ ހިނިތުންވުމެއް ދުވަހަކު ވެސް ނުދެކެމެވެ. މަންމަ އެހީއަކަށް ނޭދެ އެވެ. އެކަމަކު މަންމަގެ ދުވަސް އުފާވެރި ދުވަހަކަށް ހަދައިދީފި އެވެ."

ސީމަންސް އަށް ޓިޕްގެ ގޮތުގައި 500 ޑޮލަރު ދީފައި ވަނީ ހޯމަ ދުވަހު އޭނާ ސުޕަމާކެޓަކަށް ގޮސް އުޅުނު އިރު ދިމާވި، ދެރަވެފައި ހުރި އުމުރުން ދުވަސްވީ އަންހެން މީހާއާ މެދު އަމަލުކުރި ރަނގަޅު ގޮތުގެ ސަބަބުންނެވެ. އެ މީހާ ދެރަވެފައި ހުރީ ކީއްވެގެންތޯ އަހައި އެ މީހާގެ މޫޑު ރަނގަޅުކޮށްދީ، ގަތް އެއްޗިއްސަށް ފައިސާ ވެސް ދެއްކީ ސީމަންސް އެވެ.

"އަހަރެން ދެއްކީ އެންމެ 17 ޑޮަލަރު. މުހިންމީ ފައިސާގެ އަދަދެއް ނޫން. މީހަކަށް އަޅާލައި އެހީވުން،" ސީމަންސް ބުނެފައިވެ އެވެ.

އޭބީސީ އަށް ދިން އިންޓަވިއުއެއްގައި ސީމަންސް ބުނެފައި ވަނީ ޓިޕް ދިން ކަސްޓަމަރަކީ ސުޕަމާކެޓުން ދިމާވި އަންހެން މީހާގެ އަންހެން ދަރިފުޅު ކަމަށެވެ. ދުވަސްވީ އަންހެން މީހާ ދެރަވެފައި ހުރީ އެ ދުވަހަކީ އޭނާގެ ފިރިމީހާ މަރުވިތާ ތިން އަހަރު ފުރުނު ދުވަސް ކަމަށް ވުމުން ފިރިމީހާގެ ހަނދާނުގައި ކަމަށް ސީމަންސް ބުނެފައިވެ އެވެ.