"ކެނެޑާގެ ބޮޑުވަޒީރު" އަފްޣާނިސްތާނުގައި ކިޔަނީ ލަވަ

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާ ވައްތަރު މީހަކު އަފްޣާނިސްތާނުން ފެނިގެން އޭނާ އަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.


ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ސިޔާސީ މަސައްކަތުގައި ޖަސްޓިން އުޅުއްވިޔަސް އަފްޣާންގެ އަބްދުއްސަލާމް މަފުތޫނަކީ ކައިވެނީގެ ހަފުލާތަކުގައި ލަވަ ކިޔައިދީގެން އާމްދަނީ ހޯދާ އާދައިގެ މީހެކެވެ.

އުމުރުން 29 އަހަރުގެ މި ޒުވާނާ އަށް ކުރިން ނުލިބޭ ވަރުގެ ސަމާލުކަމެއް ލިބުނީ އަފްޣާނުގައި ކުރިއަށް ގެންދާ އެންމެ މަގުބޫލު ޓީވީ ރިއަލިޓީ ލަވަ ޝޯ "އަފްޣާން ސްޓާ" ގައި ވާދަކުރަން ފެށުމާ އެކުގަ އެވެ. އޭގެ ޖަޖަކު ތަކުރާރުކޮށް، މަފުތޫން ޖަސްޓިންއާ ވައްތަރު ކަމަށް ބުނަން ފެށުމުގެ ނަތީޖާއަކީ މުބާރާތް ކާމިޔާބު ކުރަން ވެސް އިތުރު ހިތްވަރެއް މަފުތޫނަށް ލިބުމެވެ.

އެތައް ބައެއްގެ ލޮލުގައި ވެސް އޭނާ އަޅައިގަނެ، ސޯޝަލް މީޑިއާގައި ވެސް މަފުތޫންގެ ވާހަކަ ދެކެވެނީ އެވެ. ޓްވިޓާގައި ގިނަ ބަޔަކު، ޖަސްޓިން އާއި މަފުތޫންގެ ފޮޓޯ ކޮލާޖްކޮށް، ހަމަ އަސްލު ވެސް ދެ މީހުން ވަރަށް ވައްތަރު ކަމަށް ބުނެ ޝުއޫރު ފާޅު ކުރަނީ އެވެ.

ކުއްލިއަކަަށް މި ލިބުނު ސަމާލުކަމާ އެކު އޭނާ ހުރީ ބަސް ހުއްޓިފަ އެވެ. ބައެއް މީހުން މިހާރު މަފްތޫންއާ އެކު ސެލްފީ ވެސް ނަގަނީ އެވެ.

"އަހަރެން ނުވެސް ދަންނަން އެ ބުނާ މީހަކު [ޖަސްޓިން ޓްރޫޑޯ]. އަހަންނާ އޭނާއާ ވައްތަރު ކަމަށް ބުނަން ފެށި ފަހުން ސޯޝަލް މީޑިއާ އިން އޭނަގެ ފޮޓޯއެއް ވެސް އަލަށް ފެނުނީ،" އޭއެފްޕީ އަށް މަފުތޫން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ލަވަ މުބާރާތް ކާމިޔާބުވެއްޖެ ނަމަ އޭގެ 50 ޕަސެންޓް ހިއްސާއަކީ ކެނެޑާގެ ބޮޑުވަޒީރެވެ. ސަބަބަކީ އެހާ ވަރުގަދަ ޝަހުސިއްޔަތަކާ އޭނާއާ ގުޅުވައިގެން ވާހަކަ ދައްކާތީ ބުރަކޮށް މަސައްކަތް ކުރަން އިތުރު ހިތްވަރެއް ލިބުމެވެ.

މުބާރާތުގައި ޖަޖްކަން ކުރާ އަފްޣާން ދަރިކޮޅުގެ ކެނެޑާގެ މިއުޒިޝަން ގައިސް އުލްފަތު ބީބީސީ އަށް ބުނީ މަފުތޫންގެ އޭނާގެ ސަމާލުކަން ހޯދީ އޮޑިޝަނަށް ފަހު ހޮވި 12 ބައިވެރިންނާ އެކު ކުރެވުނު މަސައްކަތުގެ ތެރޭގައި ކަމަށެވެ.

"ސްޓޭޖް މަތިން އޭނާ ފެންނަ ކޮންމެ ފަހަރަކު އަހަންނަށް އަހަރެންގެ ބޮޑުވަޒީރު ފެންނަނީ. ދެން ކޮންމެ ފަހަރު ޖަސްޓިން ޓްރޫޑޯއާ ގުޅުވާފައި އަހަންނަށް ކޮމެންޓް ވެސް ކުރެވެނީ،" އޭނާ ބުންޏެވެ. "ޝޯގެ ހޯސްޓާއި އަހަރެންވެގެން ވަރަށް ގިނަ ފަހަރު އެ ދެ މީހުންް ވައްތަރުކަމުން ޖޯކް ޖަހައި ކޮމެންޓް ކުރަން."

ގައިސް ބުނި ގޮތުގައި ސޯޝަލް މީޑިއާގައި މަފުތޫންގެ ވާހަކަ ވައިރަލްވެ، ހުނަރުވެރި ލަވަކިޔުންތެރިޔާ ސަމާލުކަން ހުއްޓުމަކީ ބޮޑު އުފަލެކެވެ.

މަފުތޫން ޝޯގައި ލަވަ ކިޔަނީ.

"ވަރަށް ވެސް ހުނަރުވެރި އޭނަ. އަހަރެން އުންމީދު ވެސް ކުރަން އޭނަ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް،" އޭނާ ބުންޏެވެ. "އޭނަގެ ވާހަކަ ނުދައްކާ މީހަކާ މިހާރަކު ދިމަލެއް ނުވޭ."

މަފުތޫން ބުނި ގޮތުގައި އޭނާގެ އަޒުމަކީ ކަށިން ހިތްވަރު ނެރެގެން މުބާރާތުގެ ޓްރޮފީ ހިފައިގެން އުފަން އަވަށަށް ދިއުމެވެ. އަދި މިކަމުގެ ސަބަބުން އޭނާ އަށް ލަވަ ކިޔަން ލިބޭ ފުރުސަތުތައް އިތުރުވެ، އާމްދަނީ ވެސް ރަނގަޅު ވާނެ ކަމުގެ އުންމީދުގައި ހުރި ކަމަށް ބުންޏެވެ.

މުބާރާތުގެ ފިނާލޭ އޮންނާނީ އަންނަ މާޗް މަހުގެ 21 ގަ އެވެ.

ގައިސް ބުނި ގޮތުގައި ޔަގީނުން ވެސް ދެން މަފުތޫން އަށް އާންމުން ދޭ ވޯޓް ކުރިއަށް ވުރެ މާ ބޮޑަށް ވެސް ގިނަވާނެ އެވެ.

އެހެންވެ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އޭނާ އަށް ވަކިން ބޮޑު ކަމަށް ވެސް ބުންޏެވެ. "އަފްގާން ސްޓާ" އަކީ އައިޑޮލް ގޮތަށް ބެލުންތެރިންގެ 50 ޕަސަންޓް ވޯޓާއި ޖަޖުންގެ 50 ޕަސަންޓް ވޯޓްގެ ނަތީޖާ އަށް ބުރަވެ ކުރިއަށްދާ ޝޯއެކެވެ.

މަފުތޫން ބުނި ގޮތުގައި ކެނެޑާގެ ބޮޑުވަޒީރާ އޭނާ ވައްތަރު ކަމަށް ބުނާ ނަމަ އެކަމުން އޭނާ އޮތް ފައިދާ މި ފަހަރު ފެންނަން ވާނެ އެވެ.

"ދެން މިހާރު އެންމެ ބޮޑަށް އުންމީދު ވެސް ކުރެވެނީ ކެނެޑާގެ ބޮޑުވަޒީރާ ބައްދަލު ކުރެވޭނެ ދުވަހަކަށް." މަފުތޫން ބުންޏެވެ.