ބޮޑު މަތިމަސް ބަހައްޓާ އިންޑިއާ ފުލުހުންނަށް އެލަވަންސް ދެނީ

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ފުލުހުންގެ ތެރެއިން ވަރުގަދަ، ބޮޑު މަތިމަސް ބަހައްޓާ ފުލުހުންނަށް ދޭ އެލަވަންސް ބޮޑުކުރަން ނިންމައިފި އެވެ.


އުއްތަރު ޕްރަދޭޝް ޕްރޮވިންޝަން އާމްޑް ކޮންސްޓަބްލަރީ (ޕީއޭސީ) އިން ބުނީ އެ ސްޓޭޓްގެ ފުލުހުންގެ ހުރިހާ މަރުކަޒެއްގައި ވެސް، ފުލުހުން ވަރުގަދަ މަތިމަސް ބަހައްޓާ ނަމަ އެކަމަށް ކުރިން މަހު އެލަވަންސްގެ ގޮތުގައި ދިން 50 ރުޕީސް 400 ޕަސަންޓް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

މި ބަދަލާ އެކު ވަރުގަދަ އަދި ތަފާތު ގޮތްގޮތަށް މަތިބަސް ބަހައްޓާ ފުލުހުންނަށް މަހު އެލަވަންސްގެ ގޮތުގައި 250 ރުޕީސް ލިބޭނެ އެވެ.

މިކަމާ ބެހޭ ގޮތުން ޕީއޭސީގެ އެޑިޝަނަލް ޑިރެކްޓަރު ޖެނެރަލް (އޭޑީޖީ) ބިނޯދު ކިމާރް ސިންގް ވިދާޅުވީ މިފަދަ ބަދަލެއް ގެންނަން ނިންމީ މަތިމަސް ބަހައްޓާ ފުލުހުންގެ އަދަދު މިހާރަކަށް އައިސް ވަރަށް ބޮޑަށް މަދުވާތީ، އެކަން އާލާކޮށް ދިރުވުމުގެ ގޮތުން ކަމަށެވެ.

މަތިމަސްލީ އިންޑިއާގެ ފުލުހެއް.

"މިއީ މިކަން ކުރަން ހިތްވަރުދީ މަތިމަސް ވަރުގަދަ ފުލުހުންގެ އަހަރެމެންގެ ފައުޖުގައި ބައިތިއްބަން މަސައްކަތްކުރަން ޖެހިފައިވާ ވަގުތެއް،" އޭނާ ވިދާޅުވި އެވެ.

ބިނޯދު ވިދާޅުވި ގޮތުގައި މަތިމަސް ވަރުގަދަކުރާ ފުލުހުންނަށް ދޭ އެލަވަންސް ބޮޑުކުރުމަކީ މިކަމަށް ފުލުހުން އިތުރަށް ލޯބި ޖެހޭނެ ކަމެއް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"މަތިމަހަކީ ފިރިހެނުންގެ ޝަހުސިއްޔަތާއި ވަރުގަދަކަން ވެސް ދައްކުވައިދޭ ކަމެއް. އެހެންވީމާ ރައްޔިތުންނަށް ހިދުމަތްކުރަން ނުކުމެ ތިބޭ ފުލުހުންނަކީ ވެސް ވަރުގަދަ ޝަހުސިއްޔަތުންގެ ގޮތުގައި ދައްކަން ޖެހޭ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު މަތިމަސް ބެހެއްޓުމާއި ނުބެހެއްޓުމަކީ އެ މީހެއްގެ އަމިއްލަ ކަމެއް. މީގައި މަޖުބޫރު ކުރުމެއް ނެތް."

މަތިމަސްލީ އިންޑިއާގެ ފުލުހަކު.

ބިނޯދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އުއްތަރު ޕްރަދޭޝްގެ ފުލުހުންނަކީ ޖިސްމާނީ ގޮތުން ވެސް ވަރުގަދަ ބަޔަކަށް ހެދުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ފިޓްނެސް ފްރޮގްރާމްތަކެއް ފަށަން ވަނީ ނިންމައިފަ އެވެ.

ރިޓަޔާޑް ޑެޕިއުޓީ ސްޕްރިންޓެންޑެންޓް (ޑީއެސްޕީ) ހަރްޕާލް ސިންގް ވިދާޅުވި ގޮތުގައި އުއްތަރު ޕްރަދޭޝްގެ ގިނަ ފުހުންނަކީ 1995 އާ ހަމައަށް ވަރަށް ވަރުގަދަ އަދި ތަފާތު ސްޓައިލްތަކަށް މަތިމަސް ބަހައްޓަން ލޯބިކުރި ބައެކެވެ. ނަމަވެސް ފަހުގެ ޖީލާ އެކު މަތިމަސް ބަހައްޓާ ފުލުހުން މަދުކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ.