ހާލުގައިޖެހޭ މީހުންނަށް ފުޓްބޯޅަ ކްލަބެއްގެ ސްޓޭޑިއަމުން ވަގުތީ ހިޔާ

ޕްރިމިއާ ލީގުގައި ވާދަކުރާ އިނގިރޭސި ފުޓްބޯޅަ ޓީމަކުން އިޖުތިމާއީ ޒިންމާގެ ދަށުން މުޅިން ތަފާތު ހިދުމަތެއް ދޭން ފަށައިފި އެވެ.


ކްރިސްޓަލް ޕެލެސް އެފްސީން ކޮށްދޭ ކަމަކީ ގުދުރަތީ އެކި ހާދިސާތަކާ ގުޅިގެން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. އެގޮތުން ދެކުނު ލަންޑަންގައި ގާއިމުކޮށްފައިވާ އެ ކްލަބްގެ ސެލްހާސްޓް ޕާކް ސްޓޭޑިއަމްގެ އިންޑޯގައި ވަނީ އެއްފަހަރާ 10 މީހަކަށް ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.

ކުޅިބަލާ ތިރީސް ހަތަރު ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމްގައި އިންތިޒާމުތައް ހަމަޖައްސާފައި ހުރީ ނިދައި، ފެންވަރައި، އެއްޗެހި ދޮވެ، ކެއުމުގެ ހިދުމަތް ވެސް ލިބޭ ގޮތަށެވެ.

ކްރިސްޓަލް ޕެލެސް އިން ބުނީ ހޯމް މެޗްތަކަަށް ސްޓޭޑިއަމް ބޭނުން ނުކުރާ ދުވަސްތަކުގައި އެތަނުގެ ބޭނުން ބޯހިޔާވަހި ކަމަށް ބޭނުން ޖެހިފައިވާ މީހުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ.

އަދި ސްޓޭޑިއަމްގައި މެޗްތައް ކުޅޭ ދުވަސްކޮޅެއް ނަމަ ހިލޭ ސާބަހަށް ކްރިސްޓަލް ޕެލެސް އިން ފޯރުކޮށްދޭން ފެށި ހިދުމަތް ކްރޯއިޑަންގެ އިމަޖެންސީ ޝެލްޓާ އިން ލިބޭނެ އެވެ.

މިކަމަށް މަރުހަބާ ކިޔައި ކްރޯއިޑްން އަވަށުގެ ކައުންސިލުން ބުނީ މިއީ ފުޓްބޯޅަ ކުލަބަކުން ތައާރަފު ކުރި ނަމޫނާ ހިދުމަތެއް ކަމަށެވެ.

"ކްރިސްޓަލް ޕެލެސް އިން މި ވަނީ ކުލަބްތަކަށް ނަމޫނާއެއް ދައްކުވައި ދީފައި. އަހަރެމެން އުންމީދު ކުރަން ކުރިއަށް އޮތް ތަނުގައި އެހެން ކުލަބްތަކުން ވެސް މިފަދަ ކަންކަން ކުރާނެ ކަމަށް،" ކައުންސިލަރު އެލިސަން ބަޓްލާ ވިދާޅުވި އެވެ.

ޕްރިމިއާ ލީގްގެ ޓޭބަލްގެ 14 ވަނައިގައި މިހާރު އޮތް ކްރިސްޓަލް ޕެލެސްގެ ޗީފް އެކްޒެކެޓިވް ފިލް އެލެގްޒެންޑާ ބުނި ގޮތުގައި މިފަދަ ހިދުމަތެއް ތައާރަފުކުރި މައިގަނޑު ސަބަބަކީ މުޖުތަމައަށް ހިދުމަތް ކުރުމުގެ ބާރަކަށްވުމެވެ.

"އަހަރެމެން ވަރަށް އުފާކުރަން ކްރޯއިޑްންގެ ކައުންސިލްގެ އެއްބާރުލުމާ ވެސް އެކު މިފަދަ ކަމެއް ކުރެވޭތީ." އޭނާ ބުންޏެވެ.