ލޯބިވެރިންގެ ހަދިޔާއަކަށް "ކުނިގަނޑެއް"

ވެލެންޓެއިންސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ހުޅަނގުގެ ގައުމުތަކުގައި ފާހަގަކުރާ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ކުންފުންޏަކުން ބޭކާރު "ކުނިގަނޑެއް" އުފައްދައި ބާޒާރަށް ނެރުމުން އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.


ޕްލާސްޓިކާ ދުރުވެ، ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކުރުން ބޮޑު ދުވަސްވަރެއްގައި، އެމްބޮސްކޮށްފައިވާ ހިތެއްގެ ބައްޓަމަށް ހެދި "ކުނިގަނޑު" އަކީ އެއްވެސް ބޭނުމެއް ނުހިފޭ "ނަތިން" އެވެ.

އެއް ޕައުންޑަށް ވިއްކާ "ކުނިގަނޑު" ގެ ނަމުން ވެސް އެކަން ދޭހަވެ އެވެ. އެއަށް ދީފައިވާ ނަމަކީ "ދަ ގިފްޓް އޮތް ނަތިން! އެކްޒެކްޓްލީ ވަޓް ޔޯ އާސްކް ފޮ" އެވެ. އަދި އޭގެ ޓެގް ލައިނެއްގެ ގޮތުގައި "ލެސް އިޒް މޯ" ޖަހާފައިވެ އެވެ.

މިއަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި ޕައުންޑްލޭންޑުންގެ މި ކުނިގަނޑަކީ ތިމާވެށްޓަށް މަސައްކަތް ކުރާ މީހުންނަށް ކުރި މަލާމާތެކެވެ. އެހެންވެ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.

"މިއީ ސީދާ ޑަސްބިނަށް ވައްޓާލަން ޖެހޭ އެއްޗެއް. އެކަމަކު މި ފަނާވާން މަދުވެގެން ފަސްސަތޭކަ އަހަރު ނަގާނެ،" އަ ޕްލާސްޓިކް ޕްލެނެޓް ކެމްޕޭނަރެއް ކަމަށްވާ ޝިއަން ސަދަލެންޑް ބުންޏެވެ.

ފްރެންޑްސް އޮފް އާތުގެ ފަރާތުން ވާހަކަ ދެއްކި ޖޫލިއަން ކާބީ ބުނި ގޮތުގައި "ގިފްޓް އޮފް ނަތިން" ބޮއިކޮޓް ކުރަން ޖެހެ އެވެ. އަދި ޕްލާސްޓިކަކީ އަގު ހުރި އެއްޗެއްކަން ދައްކުވައި ދޭން ބައެއް މީހުން ކުރާ މިފަދަ ބޭކާރު އުފެއްދުންތަކަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް "ގިފްޓް އޮފް ނަތިން" ގެ ދިފާއުގައި ޕައުންޑްލޭންޑުން ބުނީ އެ މީހުންގެ އުފެއްދުމަށް ލިބެމުންދާ ތަރުހީބު ބޮޑުކަމަށާއި އޮންލައިންކޮށް އެ ގަންނަ މީހުން ވެސް އިތުރުވަމުންދާ ކަމަށެވެ.