ތުއްތު ދަރިފުޅު ގާތުން ބޯން ބާރުއަޅާނެ ކަމެއް

ވިހާ ތަނުން ދަރިފުޅު ފެންވަރުގައި ރީތިކުރުމަކީ އާންމުކޮށް ކަން ހިނގާ ގޮތެވެ. އެކަމަކު ގާތުން ދިނުމަށް ބާރު އަޅައި ވާހަކަ ދައްކާ އިރު، ކަން ކުރަން ޖެހެނީ މީގެ އިދިކޮޅަށެވެ.


ފަހުގެ އައު ދިރާސާއެއްގައި ބުނި ގޮތުގައި ދަރިފުޅު ވިހެއުމަށް ފަހު، ސާފުކުރުން ލަސްކުރާ ނަމަ، އެއީ ގާތުން ދިނުމަށް ބާރުއަޅާ ކަމަކަށްވެ އެވެ.

އޮބެސްޓެޓްރިކް، ގައިނެކޮލޮޖިކް އެންޑް ނިއޯނޭޓަލް ނާސިން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނި ގޮތުގައި ދަރިފުޅު ވިހެއުމަށް ފަހު ސާފުކުރުން 12 ގަޑި އިރަށް ނުވަތަ އެއަށް ވުރެ ވުރެ ލަސްކުރާ ނަމަ އެއީ މައިމީހާ އާއި ދަރިފުޅާ އޮންނަ ގުޅުން ވަރުގަދަކޮށްދީ، ގާތުން ބޯން މަގުފަހި ކުރުވާ ކަމެކެވެ.

މި ދިރާސާ ހެދުމަށް 1،000 މީހުން ބައިވެރިކޮށް ދެ ގްރޫޕަކަށް ބަހާލި އެވެ. އެއް ގްރޫޕަކީ ހަމަ ދަރިފުޅު ވިހޭތަނާ ސާފުކޮށް ފެންވަރުވައި ރީތި ކުރި ކުދިންނެވެ. އަނެއް ގްރޫޕަކީ ފެންވެރުވުން ލަސްކުރި ގްރޫޕެވެ. ނަތީޖާ އިން ދެއްކީ ފެންވެރެވުން ލަސްކުރި ކުދިން ބުއްބޯން ސަމާލުކަން ދިން ނިސްބަތް 68.2 ޕަސަންޓް ބޮޑުކޮށް ދިން ކަމަށެވެ.

ދިރާސާ ހެދި ޓީމްގައި އިސްކޮށް ހަރަކާތްތެރިވި ހީދާ ޑިޗޯޗޯ ވިދާޅުވި ގޮތުގައި ދަރިފުޅު އުފަންވާ އިރު ހަށިގަނޑުގެ ރައްކާތެރި ފަށަލެއްގެ ގޮތުގައި ހުންނަ އެމްނިއޯޓިކް ފްލުއިޑަކީ މައިމީހާގެ އުރަމަތިން ދުވާ ކަހަލަ ވަހާ ދާދި އެއްކަހަލަ ވަހަކެވެ.

ނަތީޖާއަކީ ދަރިފުޅު މައިމީހާގެ އުރަމައްޗަށް ދޭ ސަމާލުކަން ބޮޑުވެ، ގާތުން ބޯން އަވަސްވެގަތުމެވެ.

"މިކަމުގެ ސަބަބުން ދަރިފުޅުގެ ފިނިހޫނުމިން ވެސް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް ދޭނެ. އެހެންވީމާ ސަމާލުކަން ދޭންވީ ކަމަކީ ވިހެއުމަށް ފަހު ދަރިފުޅު ފެންވެރުވުން ލަސްކުރުން މުހިއްމުކަން،" ހީދާ ވިދާޅުވި އެވެ.

ތުއްތު ދަރިފުޅަށް އެންމެ ރައްކާތެރި ގޮތަކީ މަދުވެގެން ހަ މަސް ވަންދެން ގާތުން ދިނުމެވެ.