ފްރައިޑް ޗިކަން މާގިނައިން ކާކަށް ނުވާނެ

ފްރައިޑް ޗިކެންއަކީ ކޮންމެ ދުވަހަކު ކާން ރަނގަޅު އެއްޗެއް ނޫން ކަމަށާއި މީގެ ސަބަބުން އުމުރުން ކުރުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


ބީއެމްޖޭ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓުގައި ބުނި ގޮތުގައި ކޮންމެ ދުވަހަކު އެއް ފަހަރު ނުވަތަ އެއަށް ވުރެ ގިނައިން ފްރައިޑް ޗިކެން ކެއުމުން ސިއްހަތަށް ނުރައްކާ އިތުރުވެ އެވެ. އަދި ފިރިހެނުންނަށް ވުރެ، މީގެ ނުރައްކާ ބޮޑީ އަންހެނުންނަށެވެ. ކޮންމެ ދުވަހަކު ފްރައިޑް ޗިކަން ކާ އަންހެނުންގެ އުމުރު ކުރުވުމުގެ ފުރުސަތު 13 ޕަސެންޓަށް އޮވެ އެވެ.

ހަމަ މިއާ އެކު ކަނޑު މަހުގެ ބާވަތްތަކާއި ޝެލްފިޝް ވެސް ފްރައިކޮށްގެން ކާ ނަމަ ދިމާވާ ސިއްހީ މައްސަލަތަކާ އެކު އަންހެނުންގެ އުމުރު ކުރުވުމުގެ ފުރުސަތު 7 ޕަސަންޓްގައި ހުރި ކަމަށް ދިރާސާ އިން ދައްކަ އެވެ.

އޭގައި ފާހަގަކޮށްފައިވާ އެއްވެސް ބާވަތެއްގެ މަހެއް ފްރައިކޮށްގެން ނުކާ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތައް މަދެވެ. އެހެންވެ ދިރާސާ ހެދި ޓީމުން ވަނީ ފްރައިކޮށްގެން އެއްގަމާއި ކަނޑުމަހުގެ ބާވަތްތައް ބޭނުން ކުރި ނަމަވެސް، އެ ބޭނުންކުރާ މިންވަރު ލިމިޓް ކުރަން އިރުޝާދު ދީފަ އެވެ.

"ދިގު މުއްދަތަކަށް ބަލާ ކަމަށް ވަންޏާ ފްރައި ކުރި ކާނާތަކަކީ ސިއްހަތަށް އެހާ ރަނގަޅު އެއްޗިއްސެއް ނޫން،" ދިރާސާ ހެދި އަޔޯވާ ޔުނިވަސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު ވެއި ބާއޯ ވިދާޅުވި އެވެ.

މީގެ ކުރިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ފްރައި ކުރި ކާނާ ބޭނުންކުރުމަކީ ޓައިޕް 2 ޑައިބެޓީޒް އާއި ހިތުގެ ބަލިތަކަށް ވެސް މަގުފަހި ކުރުވާ ކަމެކެވެ.

ދެހާސް ސަތާރައިގައި ހެދި ދިރާސާއެއްގައިވާ ގޮތުން ހަފުތާއަކު ދެ ދުވަހު ނޫނީ އެއަށް ވުރެ ގިނައިން ފްރައިޑް އަލުވި ކެއުމަކީ ވެސް ކުރިމަތިވާ ސިއްހީ މައްސަލަތަކާ އެކު އުމުރު ކުރުވެދާނެ ކަމެކެވެ.