ފައިވާން "ސެލްފީ" މަޝްހޫރުވެއްޖެ

އިންޑިއާގެ ފަގީރު އަވަށެއްގައި ތުއްތު ކުދިންތަކެއް ފައިވާނަކުން ނެގި "ސެލްފީއެއް" މިހާރު އިންޓަނެޓްގައި ވައިރަލްވެ، އޭގެ ވާހަކަ އަންނަނީ ވަަރަށް ގަދައަށް ދެކެވެމުންނެވެ.


ބޮލީވުޑްގެ ބަައެއް ފަންނާނުން ވެސް ވަނީ މި "ސެލްފީ" އެ މީހުންގެ ސޯޝަލް މީޑިިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ސުނިލް ޝެޓީ އާއި ބޯމަން އިރާނީ އާއި އަމީތާބް ބައްޗަން އާއި އަނޫޕަމް ކޭރް އަދި ޕްރޮޑިއުސަރު/ފޮޓޯގްރާފަތު އަތުލް ކަސްބޭކަރު ހިމެނެ އެވެ.

"ސެލްފީގައި" ފެންނަނީ ފަސް ކުއްޖެކެވެ. ސެލްފީ ނަގާ ކުއްޖާ އަތަށް ފައިވާން ކިބައެއް ހެޔޮވަރުކޮށްލައިގެން އެއާ ދިމާއަށް ހިނިތުންވެގެން ހުންނަ އިރު، އަނެއް ހަތަރު ކުދިން ވެސް ތިބެނީ ސެލްފީ ނަގަން ހެވިލައިގެންނެވެ.

މި ފޮޓޯ އަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އިރު އަމީތާބު ބުނަނީ އެއީ އަސްލު ފޮޓޯއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އެއީ އެޑިޓްކޮށްފައި އިން ފޮޓޯއެކެވެ. އެގޮތުން ފައިވާން ކިބަ ހިފައިގެން ހުރި ކުއްޖާގެ އަތް އޭނާގެ އަނެއް އަތުގެ ސައިޒާ ވަރަށް ތަފާތު ކަމަށް ބުންޏެވެ.

އަތުލް ކުރި ޓްވީޓްގައި ވަނީ އެއީ ކޮން ތަނެއްގައި ދިރިއުޅޭ ކުދިންނެއްތޯ އާއި އެ ފޮޓޯ ނެގި މީހާއަކީ ކާކުކަން ހިއްސާކޮށް ދީފި ނަމަ އޭނާގެ ފަރާތުން އެހީއެއް ދީފާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް ފޮޓޯ ޓްވިޓާގައި ހިއްސާ ކުރި ބައެއް މީހުންނަށް އެއީ އެޑިޓްކޮށްފައިވާ ފޮޓޯއެއް ކަމަކަށް ގަބޫލެއް ނުކުރެ އެވެ.