"ދުނިޔޭގެ އެންމެ ސަޅި" ވަޒީފާ ވަރަށް ތަފާތު

ތަފާތު ވަޒީފާއަކަށް ޝައުގުވެރިވާ މީހުންނަށް މިއީ ރަނގަޅު ފުރުސަތަކަށް ވެދާނެ އެވެ. ޖެޓާއި ޔޮޓާއި ކާރާއި ގަހަނާ ފަދަ އަގު ބޮޑު އެއްޗެހި ވިއްކާ އިނގިރޭސިވިލާތުގެ ލަގްޒަރީ މާކެޓްޕްލޭސް "ހަޝް ހަޝް" އިން ހޯދަނީ އެ މީހުން ވިއްކާ މަތީފަންތީގެ އަގު ބޮޑު ތަކެތި ކަސްޓަމަރުންނަށް ދޫކޮށްލުމުގެ ކުރިން އެތަކެތި ޓެސްޓްކުރާނެ މީހެކެވެ.


ހަޝް ހަޝް އިން ސިފަކޮށްފައިވާ ގޮތުގައި މިއީ ދުނިޔޭގެ އެންމެ ސަޅި ވަޒީފާ އެވެ. މަގާމުގެ ނަމަކީ "ލަގްޒަރީ ޕްރޮޑަކްޓް ޓެސްޓާ" އެވެ. އުމުރުން 18 އަހަރުވެފައިވާ ނަމަ މި މަގާމަށް ކުރިމަތިލެވިދާނެ އެވެ.

މި މަހުގެ ނިޔަލަށް އޮތީ ކުރިމަތިލާން ހުޅުވާލައިފަ އެވެ. ހަޝް ހަޝް.ކޮމް އަށް ވަދެލައިގެން އެކަންކޮށް ލެވިދާނެ އެވެ.

މަގާމުގެ އިތުރު ޝަރުތުތަކުގެ ތެރޭގައި ދަތުރު ކުރަން ލޯބި ކުރުމާއި ލަގްޒަރީ އުފެއްދުންތަކާއި އެންމެ ފަހުގެ ޒަމާނީ ފެޝަނަށް ލޯބި ކުރުމާއި ޕްރައިވެޓް އައިލެންޑްތަކުގައި ވަގުތު ހޭދަ ކުރަން ލޯބި ކުރުމާއި މަތީ ފަންތީގެ ކަސްޓަމަރުންނާ ޑީލް ކުރަން ގަޔާވުމާ އެކު ސޯޝަލައިޒްވާން ޝައުގުވެރިވާ މީހަކަށްވުން ހިމެނެ އެވެ.

ހަޝް ހަޝް އިން ބުނި ގޮތުގައި "ލަގްޒަރީ ޕްރޮޑަކްޓް ޓެސްޓާ" ގެ މައިގަނޑު މަސައްކަތަކަށް ވާނީ ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކޮށް އެ މީހުންގެ އުފެއްދުންތައް މާކެޓް ކުރުމާ އެކު، ކަސްޓަމަރަކަށް މުދަލެއް ދޫކުރުމުގެ ކުރިން އެ އެއްޗެއް އަމިއްލަ އަށް ތަޖުރިބާކޮށްލައި، އޭގެ ރިވިއުއެއް ހަދައި ކުންފުންޏަށް ރިޕޯޓް ހުށަހެޅުމެވެ.

މަގާމަށް ހޮވޭ މީހަކަށް މުސާރައިގެ ގޮތުގައި އަހަރަކު 97،000 ޑޮލަރު (1،487،010ރ) ލިބޭނެ އެވެ.