ޕޯސްޓްކާޑްތައް ލިބުނީ 30 އަހަރު ފަހުން

ޕީޓާ އާއި އޭނާގެ އަންހެނުން ވަރްނާ ޗާޑްވިޑްއަކީ ޗުއްޓީއަކަށް ގޮސްފި ނަމަ އެ މީހުން ދިޔަ ތަނަކުން އުފަން ގައުމަށް ޕޯސްޓްކާޑް ފޮނުވަން ލޯބިކުރި ބައެކެވެ.


މީގެ 30 އަހަރު ކުރިން އެ ދެމަފިރިން އިކުއެޑޯ އަށް ކުރި ޗުއްޓީ ދަތުރުގެ ތެރޭގައި ގްލަޕެގޮސް އައިލެންޑުން ވެސް އިނގިރޭސިވިލާތަށް ކަންޒު ކަހަނބުގެ ފޮޓޯތަކެއް ހުރި ދެ ޕޯސްޓްކާޑެއް ފޮނުވި އެވެ. އެ ޕޯސްޓްކާޑްތައް ފޮނުވީ އޭރު އެ ދެ މީހުން ދިރިއުޅުނު ގްރޭޓް މެންޗެސްޓާގެ އޯލްދަމްގައި ހުރި ގެއަށް އެޑްރެސްކޮށްފަ އެވެ. އެކަމަކު 30 އަހަރު ފަހުން ޕޯސްޓްކާޑްތައް އެ މީހުންގެ ކުރީގެ ގެއަށް ލިބުނު އިރު އެ ގޭގައި ދިރިއުޅެނީ އެހެން ބައެކެވެ.

ޕީޓާ އާއި އަންހެނުން މިހާރު ދިރިއުޅެނީ އިނގިރޭސިވިލާތުގެ އެހެން އަވަށެއްގަ އެވެ.

ޕޯސްޓްކާޑްގެ ނުފުށުގައި ވަރްނާގެ އިބާރާތްކޮޅެއް.

ޕޯސްޓްކާޑުތައް ލިބުނު ކެވިން ތިއުލިސް އަށް ލިބުނީ ހައިރާން ކަމެކެވެ. އެހެންވެ އޭނާ ދެން އަވަސްވެގަތީ ޕީޓާގެ ދެމަފިރިން ހޯދާށެވެ. އަވަށްޓެރިންގެ އެހީއާ އެކު އެއީ މާ އުނދަގޫ ކަމަކަށް ނުވި އެވެ. ޕޯސްޓްކާޑްތައް ހިފައިގެން އޭނާ ޕީޓާގެ ގެއަށް ދިއުމުން އެ މީހުންނަށް ލިބުނު އުފާ ވަރަށް ބޮޑެވެ.

އަދި ޕޯސްޓްކާޑުތައް ގެނެސް ދިތީނީ ކެވިން އަށް ޝުކުރުއަދާކޮށް، ޕީޓާ އޭނާއާ އެކީ ފޮޓޯ ވެސް ނެގި އެވެ.

ޕީޓާ އާއި ވަރްނާ.

"މި ޕޯސްޓްކާޑްތައް ލިބުމަކީ ހަމަ ވަރަށް ބޮޑު އުފަލެއް. މިއީ އުންމީދުކުރި ކަމެއް ނޫން،" އޭނާ ބުންޏެވެ.

ޕީޓާ ބުނީ އެހާ ޒަމާންކޮށްފައި ވެސް ރައްކާތެރިކަމާ އެކު ޕޯސްޓްކާޑްތައް ލިބުނީ އެ މީހުން ޕޯސްޓް ކުރަން ދިޔަ ތަނުން އެ އެއްޗެހި ފައިލްކޮށްފައި، ފަހުން ޕޯސްޓް ކުރުމުން ކަމަށް ވެދާނެ ކަމަށެވެ.

"އެކަމަކު މި ކާޑުތައް ލިބުމުން ކުރީގެ އެތަކެއް ހަނދާނެއް އާ ވެއްޖެ،" ޕޯސްޓްކާޑުތައް ލިބެން އެހާ ގިނަ ދުވަސް ނެގީ މަޑު ދުވެލީގައި ހަރަކާތްތެރިވާ ކަންޒު ކަހަނބުގެ ފޮޓޯ އޭގައި ހުރުމުންކަން ފާހަގަކޮށް ސަމާސާއަކަށް ޕީޓާ ބުންޏެވެ.