ކެންސަރު ޖެހިފައިވާ ކުއްޖާ ބޭނުންވީ ފުލުހަކަށް ވާން، ހުވަފެން ހަގީގަތަކަށް ހަދައި ދީފި

ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ، އެމެރިކާގައި ޓެކްސަސްގެ އަބިގޭލް އޭރިއަސް، 6، ބުނާ ގޮތުގައި އޭނާ ބޭނުން ވަނީ "ބޭޑް ގާއިޒް" އާ ހަނގުރާމަކޮށް ކާމިޔާބު ހޯދާށެވެ. އެހެންވެ އެކަން ކުރަން އޭނާ ދެކެމުން އަންނަ ހުވެފެނަކީ ފުލުހަކަށްވުމެވެ.


ކިޑްނީގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މި އަންހެން ކުއްޖާ ފުލުހަކަށް ވާން ކުރަމުން އައި އުންމީދު އެމެރިކާގެ ފްރީޕޯޓް ފުލުހުން ވަނީ ހަގީގަތަކަށް ހަދައި ދީފަ އެވެ. ނަސީބު ދިމާކުރި ގޮތުން މި ފުރުސަތު އަބިގޭލަށް ލިބުނީ މިދިޔަ ޑިސެމްބަރު މަހު ފްރީޕޯޓް ފުލުހުންގެ ޗީފް ރޭ ގެރީވޭއާ ބައްދަލުވުމުން ސިފައިންގެ ޔުނިޔޯމް ލާން ޝައުގުވެރިވާ ވާހަކަ ބުނުމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ އަބިގޭލް ފުލުހުންގެ ޔުނިފޯމްގައި ފުލުހުންނާ އެކު ދައްކާލައިފަ އެވެ. ފުލުހެއްގެ ގޮތުގައި މި އަންހެން ކުއްޖާ ހުވާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވެސް ފްރީޕޯޓް ޕޮލިސް ޑިޕާޓްމަންޓުން ވަނީ އެތަނުގެ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްފަ އެވެ.

އެ ހަފުލާގައި އަބިގޭލްގެ މަންމަ އާއި ބައްޕަ އަދި ބޭބެ ވެސް ބައިވެރިވި އެވެ.

އަބިގެލް އަށް ހިތްވަރު ދެމުން އޭނާ ފަރުވާ ހޯދާ ކެންސަރަށް އިޝާރާތްކޮށް ފެންކަޅިވެފައި ހުރެ ރޭ ވަނީ "ބޭޑް ގާއިޒުންނާ ފިސާރި ވަރުގަދަ އަށް ހަނގުރާމަކޮށް، ފަތަހަ ހޯދަން" ހިތްވަރު ދީފަ އެވެ.

"އެއީ ވަރަށް ހިތްވަރު ގަދަ ކުއްޖެއް،" އޭނާ ވިދާޅުވި އެވެ. "އަހަރެމެންގެ އުންމީދަކީ އަބިގެއިލް އަށް އަވަސް ޝީފާއެއް ލިބުން. އޭނަގެ މޫނުމަތިން ފެންނަ ހިނިތުންވުމުން ސާބިތުކޮށްދޭ ހިތްވަރާ އެކު ބައްޔާ ކުރިމަތިލާނެކަން. ވަރަށް އުފާ ކުރަން ފުލުހަކަށް ވާން އަބިގެއިލް ދެކުނު ހުވަފެން އަހަރެމެންނަށް ހަގީގަތަކަށް ހަދައި ދެވުނީމަ."